ދައުލަތުގެ 3 ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރަށް، ދައުލަތުން ދެމުން ގެންދާ ފުރިހަމަ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރަށް ޔަޤީން ކުރުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް އަވަހަށް ގެންނެވުމަށް ދައުލަތުގެ އެޓަރނީ ޖެނެރަލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު އަންގަވައިފިއެވެ.
އަދި މިހާރު އޮތް ޤާނޫނީ އޮނިގަނޑުގެ ތެރެއިން މިކަން ފުރިހަމަ ކުރެއްވެން ނެތްނަމަ، އާ ޤާނޫނެއްގެ ބިލެއް އެކުލަވައިލައްވައިގެންނަމަވެސް މިކަންކަަން ކަށަވަރު ކުރެއްވުމަށް ކުރައްވަންޖެހޭ ކަންކަން ކުރެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އެޓަރނީ ޖެނެރަލަށް އަންގަވާފައެވެ.
މިއަދު އޮންލައިންކޮށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މިކަން މަޖިލީހުގެ މެންްބަރުންނާވެސް ހިއްސާ ކުރައްވާފައެވެ. މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދިން ނުރައްކާތެރި ޙަމަލާ، ވަޒީރުންގެ މަޖިލީހުން ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ.
ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ޙަމަލާއާ ގުޅިގެން ތަޙުޤީޤު ޓީމުގެ މަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާ ހިސާބާއި، ދައުލަތުގެ އެންމެހާ ބާރުތަކާއި، ދިވެހި ރައްޔިތުންގެ ރައްކާތެރިކަން ޔަޤީންކުރެއްވުމަށް އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކުގެ މަޢުލޫމާތުވެސް ހިއްސާކުރެއްވިއެވެ. އަދި، ރައީސް ނަޝީދުގެ މިހާރުގެ ހާލުކޮޅާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ، ވަޒީރުންގެ މަޖިލީހަށް މަޢުލޫމާތު ދެއްވިއެވެ.
ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒްކޮށް ދިން މިހަމަލާގައި ލިބުނު ޒަޚަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވާއިރު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ނިންމާ އެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެމަނިކުފާނުގެ އާއިލާއިންވަނީ ވިދާޅުވެފައެވެ. އާއިލާއިން ވިދާޅުވީ ރައީސް ނަޝީދުގެ ފުރާނައަށް ގެއްލުވާނެ އެއްވެސް ކަމެއް މިވަގުތުނެތްކަމަށާއި، އެމަނިކުފާނުގެ ހާލުކޮޅު ވަރަށް ރަނގަޅުވަމުން އަންނަކަމަށެވެ.
ކޮމެންޓު ފޮނުވާ