ދިވެހިންނަށް ލިބުނީ ކޯވިޑް ވެކްސިންގެ އެއްކިބަކަމަށް ވިދާޅުވެ ހިއުމަން ރައތްސް ކޮމިޝަންގެ ކުރީގެ ނާއިބު ރައީސް އަދި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ޝިފާޤް މުފީދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ކޯވިޑް ވެކްސިން ހުސްނުވެ ދެމެހެއްޓެނިވިގޮތެއްގައި ރައްޔިތުންނަށް ލިބޭނެކަމަށާއި، ޖޫން މަހުގެ ނިޔަލަށް ވެކްސިން ޖަހާ އާބާދީގެ ހުރިހާ އެންމެނަށް ވެކްސިން ޖަހައި ނިންމާލެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސަރުކާރުން ހާމަކުރައްވާފައިވެއެވެ. ނަމަވެސް ރާއްޖެއިން ކޮވިޝީލްޑް ހުސްވެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ގިނަ އަދަދެއްގެ ބަޔަކަށް ވަނީ ދެ ޑޯޒް ފުރިހަމަ ނުކުރެވިފައެވެ. ސަރުކާރުން ވަނީ ވެކްސިން ލިބޭނެ ދުވަހެއް ނޭނގޭކަމަށް ބުނެފައެވެ.
އެކަމާއި ގުޅިގެން ސަރުކާރަށް ފާޑުވިދާޅުވަމުން ޝިފާޤް މުފީދު (ހިސްޓޯ ވިދާޅުވީ، ދިވެހިންނަށް މިލިބުނީ ވެކްސިންގެ އެއްކިބަކަމަށެވެ. މިތިބީ ވެކްސިނުން އެއްކިބަ ވެފަކަމަށް ވިދާޅުވެ ޝިފާޤް ވަނީ މިއީ ފައިވާނުގެ އެއްކިބައަށް އަރައިގެން އުޅެއުޅެ އެކިބަ ބާވެ ހަލާކުވީމާ، އެކިބަ އެއްލާލާފައި އަނެއްކިބައަށް އަރައިގެން އުޅުންކަހަލަ ކަމެއްތޯ ސުވާލުކުރައްވާފައެވެ.
ދިވެހިންނަށް މިލިބުނީ ވެކްސިންގެ އެއްކިބަ. މިތިބީ ވެކްސިނުން އެއްކިބަ ވެފަ.
މިއީ ފައިވާނުގެ އެއްކިބައަށް އަރައިގެން އުޅެއުޅެ އެކިބަ ބާވެ ހަލާކުވީމާ، އެކިބަ އެއްލާލާފައި އަނެއްކިބައަށް އަރައިގެން އުޅުންކަހަލަ ކަމެއްބާ؟ pic.twitter.com/02vdtWek6o— Histo (@ShifaqMufyd) May 11, 2021
ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާތާ8 ހަފްތާއާއި12 ހަފްތާއާއި ދެމެދުގެ މުއްދަތުގައި ދެަނަ ޑޯޒް ޖަހަން ޖެހެއެވެ. ނަމަވެސް ރާއްޖެއިން ވެކްސިން ހުސްވެ ކޮވިޝީލްޑް ވެކްސިން ޖެހުން ވަނީ މެދުކަނޑާލާފައެވެ. ރާއްޖޭގެ އާބާދީގެ ގިނަ މީހުން ޖެހީ ކޮވިޝީލްޑް ވެކްސިނެވެ. އެއީ އިންޑިއާއިން ފޯރުކޮށްދިން ވެކްސިނެވެ. އަދި އިންޑިއާއިން ވެކްސިން އިތުރަށް ގަތުމަށްވެސް ސަރުކާރުން އޯޑަރުކޮށްފައި ވީނަމަވެސް، އިންޑިއާގެ ހާލަތު ގޯސްވެ އެޤައުމުން ވެކްސިން އެހެން ޤައުމުތަކަށް ބޭރުކުރުން ވަނީ މެދުކަނޑާލާފައެވެ. ސަބަބަކީ އެޤައުމަށް ބޭނުންވާވަރަށްވެސް ވެކްސިން ނުއުފެއްދޭތީއެވެ.
އިންޑިއާއިން ވެކްސިން ލިބުން ދަތިވެފައިވާއިރު، ސަރުކާރުން ވަނީ 7 ލައްކަ އެސްޓްޒެނެކާ ވެކްސިނަށްވެސް އޯޑަރު ދީފައެވެ. ނަމަވެސް އެ ވެކްސިން ރާއްޖެއަށްލިބޭނެކަމަށް ސަރުކާރުން ބުނި އެކި ތާރީޚްތައް ވަނީ ފަހަނައަޅާ ގޮސްފައެވެ.
ކޮމެންޓު ފޮނުވާ