ކޯވިޑްގެ-19ގެ ނުރައްކާތެރިކަން އިންތިހާއަށްބޮޑެތި، ބަލި ކޮންޓްރޯލް ނުވެދާނެ ކަމުގެ ބިރު ބޮޑުވެފައިވާ މިދަނޑިވަޅުގައި އަނެއްކާވެސް މާލެ ސަރަހައްދު ލޮކްޑައުންއަކަށް ދިއުމާއިމެދު މަޝްވަރާ ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ލޮކްޑައުންއަކަށް ދިއުމަށްޓަކައި ގިނަ ގޮތްގޮތުން ވަނީ ވަހަކަ ދެކެވިފައެވެ. ޞިއްޚީ މާހިރުންނާއި ކަމާއި ގުޅުންހުރި އިދާރާތަކުން ލަފާ ދީފައިވަނީ މަދުވެގެން ދެ ހަފްތާއަށް ނަމަވެސް ފުލް ލޮކްޑައުންއަކަށް ގޮސް މިހާރު ޕޮޒިޓީވް މީހުންގެ އަދަދު މަދުކުރުމެވެ. ގިނަ ބަޔަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާއިރު، އަދަދު ކޮންޓްރޯލް ނުވާނަމަ، ބަލީގައި ނުރައްކާތެރި ހާލަތެއް ކުރިމަތިވުމުގެ ބިރު ބޮޑުކަމަށް ޑޮކްޓަރުން ދަނީ ލަފާ ދެއްވަމުންމެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއިމެދު މިއަދު ގޮތެއް ނިންމާނެއެވެ. އަދި ލޮކްޑައުން ކުރުމަށް ފުރަތަމަ ހަމަޖެހިފައިވަނީ ދެހަފްތާގެ މުއްދަތަކަށެވެ. ނަމަވެސް ހާލަތު ގޯސްވާނަމަ އެމުއްދަތު އިތުރު ކިރުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ފުލް ލޮކްޑައުނަކަށް ގޮސްދާނެކަމުގެ އަޑުތައް ގަދަވެފައިވަނީ ކޯވިޑް-19ގެ ކޭސްތައް ދަށްނުވާނަމަ ފުލް ލޮކްޑައުނަކަށް ދާން ޖެހިދާނެ ކަމުގެ އިންޒާރު ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ މެމްބަރު ޑރ. އަހުމަދު ޝަހީދު ދެއްވުމާ ގުޅިގެންނެވެ.
ޑޮކްޓަރ ޝަހީދު ވިދާޅުވީ، ރާއްޖޭގައި ކޯވިޑް ކޮންޓްރޯލްކުރުމަށް މިހާތަނަށް ގިނަ ފިޔަވަޅުތަކެއް އަޅަފައިވާއިރު، އިތުރު ހަރުކަށި ފިޔަވަޅުތަކެއް ވަރަށް އަވަހަށް އަޅަން ފަށާނެކަމަށެވެ. އަދި އެފިޔަވަޅުތަކުން ޢަދަދަުތަށް ދަށްނުކުރެވިއްޖެނަމަ ފުލް ލޮކްޑައުންނަކަށް ދިއުމަކީ އެކަށީގެންވާކަމެއްކަމަށްވެސް ޑޮކްޓަރ ވިދާޅުވިއެވެ.
ޑޮކްޓަރ ވަނީ ކޯވިޑްގެ ފިޔަވަޅުތަކަށް ޢާންމުންނަށް ޢަމަލުކުރެވޭލެއް މަދުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ނަމާދަށް ދާއިރުވެސް އަމިއްލަ މުސައްލަ ގެންދާ މީހުން މަދުކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ހަރަކަތްތައް ނުވަތަ މޫވްމަންޓްތައް މަދުކުރުމަށް އިރުޝާދު ދެއްވަމުން ޑޮކްޓަރ ވިދާޅުވީ، ކެފޭ ރެސްޓޯރަންޓުތަކުގައިވެސް ކެއުން ބުއިމަށް ތިބޭއިރު އެތެރޭގެ ބަންދު ތަނެއްގެ ބަދަލުގައި ޢާންމު ތަނެއްގައި ތިބުން މުހިންމުކަމަށެވެ. އަދި ބުފޭތައް ނުހެދުމަށްވެސް ޑޮކްޓަރ ވަނީ ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކަށް އިރުޝާދު ދެއްވާފައެވެ.
މާލެ ސަރަހައްދުގައި ފާއިތުވެދިޔަ ދެދުވަހު އާންމުކުރި ހިސާބުތަކުން ދެދުވަހު މައްޗަށް ވަނީ 2،000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައެވެ. މިވަގުތު ބައްޔަށް 10،376 މީހުން ފަރުވާ ހޯދަމުންދާއިރު މީގެތެރެއިން 244 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.
މާލެ ސަރަޙައްދުން ކޯވިޑް19އަށް ޓެސްޓްކުރާ ކޮންމެ 5 މީހެއްގެ ތެރެއިން 3 މީހަކު ކޯވިޑަށް ޕޮޒިޓިވްވަމުންދާކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ވޭތުވެދިޔަ މަހެއްހާ ދުވަހަށް ބަލާއިރު ރާއްޖޭގައި ބަލި ޖެހޭ މީހުންގެ ނިސްބަތް އެވަރެޖްކޮށްހުރީ 400އާ ގާތްކުރާ އަދަދަކަށެވެ. ނަމަވެސް ޙާލަތު އިންތިހާއަށް ގޯސްވެ ރާއްޖޭގައި ބަލި ޖެހޭ މީހުންގެ ނިސްބަތް ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހު 700އިން ވަނީ މައްޗަށް އަރާފައެވެ. އަދި ނިމުނު 24ގަޑިއިރަކީ ރާއްޖޭގައި އެއް ދުވަހެއްގައި ކޯވިޑް19ގެ ކޭސްތައް އެންމެ މަތީ އަދަދަކަށް ރިކޯޓްކުރި މުއްދަތެވެ. ކޭސްތަކުގެ އަދަދު 1000 ފަހަނައަޅާވަނީ ގޮސްފައެވެ. ވޭރުވެދިޔަ 24 ގަޑިއިރު ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1091 އަރައެވެ. މާލެ ސަރަޙައްދުން ރެކޯޑް އަދަދަކަށް މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. 933 މީހުން ހަމައެކަނި މާލެ ސަރަހައްދުން ޕޮޒިޓިވްވުން ދޭހަވަނީ މުޖުތަމަޢުގެ ތެރޭގައި ބަލީގެ ނުރައްކާ ބޮޑުވެފައިވާ މިންވަރެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރަނީ، ރެންޑަމް ސާމްޕަލްއާ އަދި ފްލޫކްލިނިކަން ދައްކާ މީހުން ބައްޔަށް ޕޮޒިޓިވްވާ މިންވަރު އިތުރުވުމެވެ. މިކަމުގެ ފެންނަނީ މާލެ ތެރޭގައި ބަލި ފެތުރި ނުރައްކާ ބޮޑުވެފައިވާ ވަރެވެ. އެގޮތުން މާލެ ސަރަޙައްދަށް ބަލާއިރު ސާމްޕަލް ޓެސްޓުކުރާ ކޮންމެ 5 މީހުންގެ ތެރެއިން 3 މީހުންދަނީ ބައްޔަށް ޕޮޒިޓިވްވަމުންނެވެ. އެއީ ކޮވިޑަށް ޓެސްޓުކުރާ މީހުންގެ %60 މީހުންނެވެ.
ކޮމެންޓު ފޮނުވާ