އެމްއެމްޕީއާރުސީ މައްސަލާގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ލިސްޓުގައި މިހާރު ތިބި މީހުން މަޤާމުތަކުން ދުރުކުރަން މަސައްކަތް ކުރައްވާއިރު، ލިސްޓުގައި ނެތި ތުހުމަތު ކުރެވޭ މީހުންނަށް އޮތީ ކޮން އަދަބެއްތޯ މަޖިލިސް ނާއިބް ރައީސް އީވާގެ ކިބައިން އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ސުވާލު ކުރައްވައިފިއެވެ.
އިބްރާ މިފަދަ ސުވާލެއް އީވާއާއި ކުރިމަތި ކުރުވާފައިވަނި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގައި ބައިވެރިވެފައިވާ މީހުންގެ ތެރެއިން ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި މީހުން މަޤާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ހުށައަޅުއްވުމާއި ގުޅިގެންނެވެ. އިބްރާ ވިދާޅުވީ ލިސްޓުގައި ތިއްބެވި ބޭފުޅުންނަށް ތުހުމަތުކުރެވި މަޤާމުތަކުން ވަކި ކުރާއިރު، ލިސްޓުގައި ނެތި މިފައިސާގައި ޖެހުނު މީހުންނަށް ހަދާނީ ކިހިންތޯ އަދި އޮތީ ކޮން ހުކުމެއްތޯ އީވާއާއި ސުވާލު ކުރައްވާފައެވެ.
ލިސްޓުގައި ނެތަސް ތުހުމަތުވާ މީހުން އެބަތިވި ނޫންތޯ. އެމީހުންނަށް އޮތީ ކޮންހުކުމް ފުޅެއް؟
– މަޖިލިސް ނާއިބް ރައީސް އީވާ ޓެގް ކުރައްވައި އިބްރާ ކުރެއްވި ޓްވީޓުގައި ވެއެވެ.
އިބްރާ ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލަ ކުރިއަށްދާ ގޮތަށް ބަލާއިރު ފެނިގެންދަނީ ރާއްޖޭގައި ހިނގައިފައިވާ ބޮޑެތި މަރުތައް ބަލަންވެގެން ކުރަމުންދާ މަސައްކަތާއި އެއްފަދަ ގޮތަކަށް މަސައްކަތް ދާތަން ކަމަށެވެ. އެގޮތުން އެމަރުތައްވެސް ނުބެލި ކުރަމުން ކުރަމުން ގޮސް މިހާރު އެމައްސަލަތައް ނުލެބޭ ހިސާބަށް ކަންކަން ގޮސްފައިވާކަމަށެވެ. މިއަދު އެމްއެމްޕީއާރުސީގެ މައްސަލަވެސް މިދަނީ އެމިސްރާބަށްކަމަށް އިބްރާ ވިދާޅުވިއެވެ.
އަފްރާޝީމް، ޔަމީން ރަޝީދު، ރިލުވާން. ލަސްކުރަމުން ކުރަމުން ގޮސް، ހަގީގަތް ފޮރުވެންދެން ލަސްކުރީ. ރާވައިގެން. ދެން ނުހޯދޭނެ. އެމްއެމްޕީއާރުސީއަށްވެސް އެ ހަދަނީ އެހެން. މަންޒަރު ކުރަހައިގެން ތިބެ ފަސް އަޅަނީ. އަނިޔާ ލިބުނު އެހެން މީހުންނަށްވެސް އެހަދަނީހަމަ އެހެން ސަރުކާރާއި މަޖިލިސް އެކުވެގެން.
– އިބްރާ ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ބެލުމަށް ރޭ ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވީ، ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުން މިވަގުތު އެންމެ އިސްކަމެއް ދޭންޖެހޭނީ ސަރުކާރުގެ މަޤާމުތަކުގައި މިހާރު ތިެއްބެވި މީހުންނަށްކަމަށާއި، ސަބަބަކީ އެމީހުން މަޤާމުގައި ތިބެގެން ތަހުގީގަށް ނުފޫޒް ފޯރުވުމާއި، ދައުލަތުގެ މިސްރާބު ބަދަލުކުރުމަށް މަސައްކަތްކުރުމުގެ ފުރުޞަތު އޮތުމުންކަމަށެވެ.
އެހެންކަމުން ތަހުގީގީ އިދާރާތަކަށް އެމީހުންގެ މައްޗަށް ދައުވާކުރެވޭނެ ވަރަށް ހެކި ނެތްނަމަވެސް އަދި ދައުވާ ސާބިތު ނުކުރެވުނުނަމަވެސް އެމީހުން ސަރުކާރުގެ މަޤާމުތަކުން ދުރުކުރުމަށް މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ހުށައެޅުއްވިއެވެ.
މި ކޮމިޓީ ބައްދަލުވުމުގައި އީވާ ވަނީ ފައިނޭންޝަލް ކްރައިމްސް ހުއްޓުވުމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ފާހަގަކޮށްފައިވާ ކަންކަން ކޮމިޓީން ލަފާދޭ ކަންކަމުގެ ގޮތުގައި ހިމެނުއްވުމަށްވެސް ހުށައަޅުއްވާފައެވެ. އީވާގެ މި ހުށައެޅުމަށް ވަނީ ތާޢީދުވެސް ލިބިފައެވެ. އެގޮތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވަނީ އީވާގެ ހުށައެޅުމަށް ތާޢީދުކުރައްވާފައެވެ. ޙިސާން ވެސް ވަނީ ކޮރަޕްޝަންގެ ފައިސާ ލިބިފައިވާ މީހުން ދައުލަތުގެ މަޤާމުތަކުގައި ތިބުމަކީ ދައުލަތުގެ އެކި ކަންކަމަށް ނުފޫޒު ފޯރުވާނެކަމެއްގެ ގޮތުގައި ފާހަގަކުރައްވާ އެމީހުން މަޤާމުތަކުގައި ތިބުމަކީ ބަލައި ގަނެވޭނެކަމެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި އެމީހުން ދުރުކުރުމަށް މިހާރުން މިހާރަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް އަވަސްކުރުމަށް ހިސާންވެސް ގޮވާލެއްވިއެވެ.
ޙިސާން ވިދާލުވީ އެމީހުންގެ މައްޗަށް ޖިނާޢީ ދައުވާ ސާބިތު ވާވަރަށް ހެކި ނެތްނަމަވެސް، ދައުލަތުން ގެއްލުނު ފައިސާ ހޯދުމަށް ދައުވާކުރެވޭނެކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ފާހަގަކޮށްފައިވާކަމަށެވެ.
ކޮމެންޓު ފޮނުވާ