އެމްއެމްޕީއާރުސީގެ ވައްކަމުގައި ޝާމިލުވާ މީހުންގެ ނަންތައް ހިމެނޭ ލިސްޓު މޮޑޭ ފުށް ގަނޑަކަށް ނަހައްދަވައި، ލިސްޓު އާންމު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ގޮވާލައްވައިފިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި އެސެޓްރިކަވަރީ ކޮމިޝަނަށް މައްސަލަ ނުބެލި ލިސްޓު އާންމު ނުކުރެވި ގިނަ ކަންބޮޑުވުންތަކެއް ފާޅު ކުރަމުންދިޔަ 19 ވަނަ މަޖިލީހުން ވަނީ މިމައްސަލަ ބަލަން ޚާއްސަ ކޮމިޓީއެއް އެކުލަވާލައި ލިސްޓު ދިރާސާ ކުރަން ފަށާފައެވެ. ލިސްޓު ލިބުމާއިއެކު، ކޮމިޓީގައި ހިމެނި ވަޑައިގަންނަވާ މެމްބަރުން ވަނީ ލިސްޓު އާންމު ކުރުމަށް ދެކޮޅު ހައްދަވާފައެވެ.
އެމްއެމްޕީއާރުސީގެ ލިސްޓާއި ގުޅިގެން ކޮމިޓީން ކުރައްވާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި ސައީދު ވިދާޅުވީ މިވައްކަމުގައި ޝާމިލުވާ މީހުންގެ ނަންތައް އެގުމަކީ ބޭނުންތެރި ކަމެއްކަމަށެވެ. މިލިސްޓުގައި ކޮންމެ މީހެއްގެ ނަމެއް އޮތަސް އެކަން ރައްޔިތުންނަށް އެގެން ޖެހޭކަމަށާއި، އެއީ ވަކި ޕާޓީއަކަށް އަދި ހުރި މަޤާމަކަށް ބެލުމެއްނެތި ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭ ކަމެއްކަމަށް ސައީދު ވިދާޅުވިއެވެ.
އުނި އިުތުރު ނުގެނެސް އެމްއެމްޕީއާރުސީގެ ލިސްޓު އާންމު ކުރަންޖެހޭ. ބޭނުން ނަމެއް އިތުރުކޮށް އުނިކޮށް ހެދުން އެއީ ރައްޔިތުން ބަލައިގަންނަނާނެ ކަމެއްނޫން. މޮޑޭ ފުށް ގަނޑަކަށް އެމްއެމްޕީއާރުސީގެ ވައްކަން ނުހައްދަވާ. މަޖިލިސް ވިޖަސް، ސަރުކާރު ވިޔަސް، އިސްތިސްނާ ވާކަށް ނުޖެހޭ. އެއީ ސިޔާސީ ޕާޓީއެއްގެ ހައްގެއް ނޫން.
– ސައީދު ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާގައި ޖެހުނުކަމަށް ބުނާ މީހުންގެ ލިސްޓް ރައްޔިތުންގެ މަޖިލީހުގެ އެދިވަޑައިގަތުމަށް ތަހުގީގީ އިދާރާތަކުން ވަނީ ފޮނުވާފައެވެ. އެ ލިސްޓްގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު281 މީހެއްގެ ނަން ވަނީ ހިމަނާފައެވެ.
މިމައްސަލާގައި ގިނަ ބަޔަކު ދަނީ ލިސްޓު އާންމު ކުރުމަށް ގޮވާލަމުންނެވެ. އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ބަލާ ކޮމިޓީން އަންނަނީ ކޮރަޕްޝަނާއި ގުޅޭގޮތުން މުޢާމަލާތުކޮށްފައިވާ 70،000އަށްވުރެ ގިނަ މެސެޖުވެސް ދިރާސާކުރަމުންނެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުންނާއި، ސަރުކާރުގެ މަގާމުގައިތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ އިތުރުން ބައެއް ފަނޑިޔާރުންނަށްވެސް ލިބިފައިވާކަމަށް ތަހުގީގީ އިދާރާތަކުން ކުރިން ހާމަކުރައްވާފައިވެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށް ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.
ކޮމެންޓު ފޮނުވާ