އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ދިރާސާކުރަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީ (241) ކޮމިޓީން މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމް އިސްތިއުފާދެއްވައިފިއެވެ.
އާޒިމް ކޮމިޓީން އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވެއެވެ. ނަމަވެސް އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާގައި ޖެހުނުކަމަށް ބުނާ މީހުންގެ ލިސްޓް ރައްޔިތުންގެ މަޖިލީހުގެ އެދިވަޑައިގަތުމަށް ތަހުގީގީ އިދާރާތަކުން ވަނީ ފޮނުވާފައެވެ. އެ ލިސްޓްގައި281 މީހެއްގެ ނަން ވަނީ ހިމަނާފައެވެ. މިއީ ކުރީގެ ލިސްޓައި އަލާބަލާއިރު14 ނަމެއްގެ އިތުރުވުމެކެވެ. ކުރިން އެލިސްޓްގައި ހިމެނެނީ267 މީހެއްގެ ނަމެވެ.
އެ ލިސްޓްގައި ހިމެނޭ މީހުންގެ ނަންތައް ޢާންމުކުރުމަށް ގޮވާލުމަށްފަހު، އެ ލިސްޓް މިހާރު ސިއްރުކުރުމަށް މަޖިލީހުގެ އެމްޑީޕީ ބައެއް މެންބަރުން ގޮވާލައްވާތީ ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުންނާއި، ސަރުކާރުގެ މަގާމުގައިތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ އިތުރުން ބައެއް ފަނޑިޔާރުންނަށްވެސް ލިބިފައިވާކަމަށް ތަހުގީގީ އިދާރާތަކުން ކުރިން ހާމަކުރައްވާފައިވެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށް ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.
ކޮމެންޓު ފޮނުވާ