ފަހުގެ ތާރީހެއްގައި ރައްޖޭގައި ހިނގައިދިޔަ އެންމެ ބޮޑު ޚިޔާނާތުގައި ބައިވެރިވި މީހުންގެ ލިސްޓު އާންމު ކުރަން ގޮވާލަމުންދާއިރު، މިލިސްޓުގައި އޭނާގެ ނަން ނޯންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.
މަޖިލީހަށް މިލިސްޓު ލިބި ލިސްޓުގައިވާ މީހުންގެ ނަންތައް ހާމަކުރުމަށް މިމައްސަލަ ދިރާސާކުރާ ކޮމިޓީގެ މެމްބަރުން ދެކޮޅު ހައްދަވާތީ ގިނަ ބަޔަކު ކިޔަމުންދާ ފާޑުކިޔުންތަކާއި ގުޅިގެނާއި އެކި މެމްބަރުންނަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ރޮޒޭނާ ވިދާޅުވި އެލިސްޓުގައި އެނާގެ ނަން ނޯންނާނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ. ނަމަވެސް މިކަމުގައި އޭނާގެ ނަން އެލިސްޓުގައި ހިމަނަން މަސައްކަތް ކުރާބަޔަކު ތިބިކަމަށެވެ.
އަޅުގަނޑުގެ ނަމެއް ނޯންނާނެ. އަޅުގަނޑާއި އެމްއެމްޕީއާރުސީ އަކާއި އެއްވެސް ގުޅުމެއް ނޯންނާނެ. ގުޅުވަން ވަރަށް ގިނަ މީހުން މަސައްކަތް އެބަކުރޭ.
– ރޮޒޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިލިސްޓު ހާމަކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ. މިލިސްޓާއި ގުޅިގެން މީގައި ނުހިމެނޭ މީހުންގެ ބޮލުގައި ތަކުރާރުކޮށް ވަގު ބަދުނާމު އަޅުވައި ވަގަށް ގޮވައި ހަދަމުންދާއިރު، ސިޔާސީ ގޮތުން ކުރިމަތިވާ ފާޑުކިޔުންތައްވެސް ހުއްޓުވޭނީ މިލިސްޓު އާންމުވެ ރައްޔިތުންނަށް މީގައިވާ މީހުންގެ ނަންތައް ސާފުވުމުންކަމަށް ރޮޒޭނާ ވިދާޅުވިއެވެ.
ހާމަކުރަން އެބަޖެހޭ. އެކަމާއި ނުބެހޭ މީހުންގެ ބޮލުގައި ވަގު ބަދުނާމު އަޅުވާތާ ކިތައް ދުވަސް މިވަނީ. ތީގައި ކުއްވެރިވާ ބައެއްގެ ނަން ވިއްޔާ ހާމަކޮށްގެން ނޫނީ ސިޔާސީ ބޭނުމަށް މި ކުރާ ބަދުނާމު ނުހުއްޓުވޭނެ.
– ރޮޒޭނާ ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބައިވެރިވި ކަމުގެ ތުހުމަތު ކުރެވޭ މީހުންގެ ލިސްޓު އާންމުކުރުމަށް ގޮވާލުމަކީ ޒިންމާދާރު ގޮތެއް ނޫންނަކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އޭނާ މިހެން ވިދާޅުވީ މިލިސްޓު މަޖިލީހަށް ފޯރުކޯށްދިން އެސެޓް ރިކަވަރީ ކޮމިޝަނުން މި ލިސްޓު ސިއްރު ކުރުމަށް އެދުމުންނެވެ.
މެމްބަރު ވިދާޅުވީ ރައީސް އުފައްދަވާފައިވާ ކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގަކާ ގުޅޭ މައުލޫމާތު މަޖިލީހާ ހިއްސާކޮށް، އޭގައި ހުރި މައުލޫމާތު ސިއްރުކޮށްދިނުމަށް އެދުމުން އެކަން ކޮށްދޭން ޖެހޭނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މަޖިލީހަށް ލިބޭ ލިޔުންތަކުގެ ސިއްރުކަން ހިފަހައްޓަން ޖެހޭ ހާލަތުގައި ހިފަހައްޓަން ޖެހޭނެ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.
މިމައްސަލާގައި ގިނަ ބަޔަކު ދަނީ ލިސްޓު އާންމު ކުރުމަށް ގޮވާލަމުންނެވެ. އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ބަލާ ކޮމިޓީން އަންނަނީ ކޮރަޕްޝަނާއި ގުޅޭގޮތުން މުޢާމަލާތުކޮށްފައިވާ 70،000އަށްވުރެ ގިނަ މެސެޖުވެސް ދިރާސާކުރަމުންނެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުންނާއި، ސަރުކާރުގެ މަގާމުގައިތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ އިތުރުން ބައެއް ފަނޑިޔާރުންނަށްވެސް ލިބިފައިވާކަމަށް ތަހުގީގީ އިދާރާތަކުން ކުރިން ހާމަކުރައްވާފައިވެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށް ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.
ކޮމެންޓު ފޮނުވާ