ކާޑެއްދޫ މައްސަލާގައި ސުޕްރީމް ކޯޓުން ވިލާއަށް ކާމިޔާބެއް

ކާޑެއްދޫ މައްސަލާގައި ސުޕްރީމް ކޯޓުން ވިލާއަށް ކާމިޔާބެއް

Author
މުޙައްމަދު ޖިމީ
10 މެއި 2021 02:47
0

ގދ. ކާޑެއްދޫ އެއަރޕޯޓް ހިންގަން ޤާސިމް އިބްރާހީމްގެ ވިލާ އެއަރއަާއި ހަވާލުކޮށް ހެދި އެއްބަސްވުން ދައުލަތުން އުވާލީ ގޯސްކޮށްކަމަށް ސުޕްރީމްކޯޓުންވެސް މިއަދު ކަނޑައަޅައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ އެއަރ ކުންފުންޏަށް ކާޑެއްދޫ އެއަރޕޯޓް ހިންގަން 50 އަހަރަށް 2013 ވަނަ އަހަރު ދީފައިވަނިކޮށް އެ އެއްބަސްވުން ބާތިލުކުރީ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި 2107 ވަނަ އަހަރުގެ ތެރޭގައެވެ. އެއްބަސްވުން ބާތިލުކޮށް އެއަރޕޯޓް އަތުލަން ސަރުކާރުން ދެއްކި ސަބަބަކީ ސިވިލް އޭވިއޭޝަންގެ މިންގަޑުތަކާއި ހިލާފަށް ހިންގާކަމަށް ބުނެއެވެ. ދައުލަތުގެ މި ނިންމުމާއި އެކު ވިލާ އެއަރއިން ވަނީ މި މައްސަލާގައި ސިވިލްކޯޓާއި ހައިކޯޓްގައި ދައުލަތާއި ދެކޮޅަށް ދައުވާކޮށްފައެވެ. އެ ދެކޯޓުންވެސް މައްސަލަ ނިންމާފައިވަނީ ވިލާ އެއަރ އެއްކޮޅަށެވެ. އަދި އެއްބަސްވުން އުވާލީ ގޯސްކޮށްކަމަށް ކަނޑައަޅާ އެއަރޕޯޓް ވިލާއާއި ހަވާލުކުރުމަށް ދެކޯޓުގެ ހުކުމްގައިވެސް ވެއެވެ.

ދަށުކޯޓްގެ ނިންމުންތައް ސުޕްރީމްކޯޓްގައި އިސްތިއުނާފުކުރުމުން، މި މައްސަލަ ނިންމާ ސުޕްރީމްކޯޓުން ނިންމި ނިންމުމުގައިވެސް ވަނީ ދަށުކޯޓްގެ ނިންމުންތަކަށް ތާއިދުކޮށް އެނިންމުންތައް ދަމަހައްޓާފައެވެ. މި މައްސަލަ ނިންމާ ސުޕްރީމްކޯޓުން އިއްވި ހުކުމްގައި ވަނީ ސިވިލް އޭވިއޭޝަންގެ އުސޫލުތަކާއި ހިލާފަށް ކާޑެއްދޫ އެއަރޕޯޓް ހިންގާކަން ސާބިތުކުރަން ދައުލަތުން ހުށައެޅި ލިޔެކިޔުންތަކީ އެކަން ސާބިތުކުރެވޭ ވަރުގެ ލިޔެކިޔުންތަކެއް ނޫންކަމަށެވެ. ދައުލަތުން މިކަން ސާބިތުކުރުމަށް ހުށައަޅާފައިވަނީ މޯލްޑިވިއަނުން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.

ސުޕްރީމް ކޯޓުގެ ހުކުމްގައި ވަނީ މޯލްޑިވިއަން އަކީ ވިލާގެ ވާދަވެރި ކުންފުންޏަކަށް ވާއިރު އެ ރިޕޯޓަކީ ކަމެއް ސާބިތުކުރަން ފުދޭވަރުގެ ލިޔުމެއް ނޫންކަމަށެވެ. އަދި އެރިޕޯޓްގައި ރަންވޭގެ ފެންވަރު ނެތްކަމަށް ބުނި ނަމަވެސް މިއަދާއި ހަމައަށްވެސް މޯލްޑިވިއަންގެ ފްލައިޓްތައް ކާޑެއްދޫ އަށް ޖައްސާކަން ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ތަނުގައި ހުރި އާދައިގެ ކަންކަން އިސްލާހުކުރަން އެންގުމަކީ އެއްބަސްވުން ބާތިލުކުރަން ޖެހޭ ސަބަބެއްވެސް ނޫންކަމަށް ސުޕްރީމްކޯޓުގެ ހުކުމުގައިވެއެވެ.

މީގެއިތުރުން މި މައްސަލާގައި ގެއްލުމުގެ ބަދަލު ހޯދުމަށް ވިލާއިން ދައުވާކުރުމުގެ ފުރުސަތު އޮތްކަންވެސް ހުކުމްގައި ވަނީ ފާހަގަކޮށްފައެވެ. ކާޑެއްދޫ އެއަރޕޯޓް ވިލާ ކުންފުނިން އަތުލުމަށްފަހު މިހާރު އެތަން ހިންގަމުން އަންނަނީ އެއަރޕޯޓްސްތައް ހިންގާ ރީޖަނަލް އެއަރޕޯޓްސް ކުންފުނީގެ ދަށުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.