އިޓާލިއަން ލީގުގައި ޔުވެންޓަސް ކޮޅަށް ލަނޑު ޖެހުމަށްފަހު މިލާންގެ ކުޅުންތެރިން އުފާފާޅުކުރަނީ

ޔުވެންޓަސް ބަލިކޮށް މިލާން ތިންވަނަ އަށް

ޔުވެންޓަސް ބަލިކޮށް މިލާން ތިންވަނަ އަށް

އިޓާލިއަން ލީގުގައި ޔުވެންޓަސް ބަލިކޮށް އޭސީ މިލާން ތާވަލްގެ ތިންވަނަ އަށް ކުރިޔަށް ޖެހިލައިފިއެވެ.

ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗު އެސީ މިލާނުން ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ. މި މެޗުން ބަލިވުމާއެކު ޔުވެންޓަސް ވަނީ ފަސް ވަނަައަށް ވެއްޓިފައެވެ.

މި މެޗުގައި މިލާނުން މޮޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިންއެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ހާފުގެ އިތުރު ވަގުތުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރާހިމް ޑިއާޒެވެ.

ދެވަނަ ހާފް ފަށައިގެން 58 ވަނަ މިނެޓުގައި އޭސީ މިލާނަށް ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް ޔުވެންޓަސް ކީޕަރު ވޮޒްޝިއޭ ޝެޒްނީ ވަނީ ޕެނަލްޓީ ދިފާޢުކޮށްފައެވެ. މިލާނުން ލީޑު ފުޅާކުރި ލަނޑު ޖެހީ 78 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، އަނިޔާވެގެން ދަނޑުން ބޭލި އިބްރަހިމޮވިޗްގެ ބަދަލުގައި ކުޅެން ނުކުތް، އަންޓޭ ރެބިޗްއެވެ. މިލާނުން ދެ ވަނަ ގޯލު ޖެހިތާ ހަތަރު މިނިޓް ފަހުން ފިކާޔޯ ޓޮމޯރީ ވަނީ އެ ޓީމަށް ތިން ވަނަ ލަނޑު ޖަހައިދީފައެވެ.

މި މޮޅާއެކު ތާވަލުގެ ތިންވަނައަށް މިލާން ޖެހިލިއިރު، ޔުވެންޓަސް ވަނީ ފަސްވަނައަށޑް ވެއްޓިފައެވެ. ލީގުގެ އެއްވަނައިގައި ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ އިންޓަ މިލާނަށް 35 މެޗުން 85 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތީ އާދީއްތަ ދުވަހުގެރޭ ޕާމާ އަތުން 5-2 ގެ ނަތީޖާއަކުން މޮޅުވި އެޓަލަންޓާއެވެ. އެޓަލަންޓާ އާއި މިލާނަށް 35 މެޗުން 72 ޕޮއިންޓް ލިބިފައިވާއިރު، އެޓަލަންޓާއަށް ކުރި ލިބެނީ ހެޑް-ޓު-ހެޑް ގަވާއިދުންނެވެ. އަދި ހަތަރުވަނައިގައި 35 މެޗުން 70 ޕޮއިންޓާއެކު ނާޕޮލީ އޮތްއިރު، ފަސްވަނައިގައި ޔުވެންޓަސް އޮތީ 35 މެޗުން 69 ޕޮއިންޓާއެކުއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *