އަދުރޭގެ މައްޗަށް އުފުލި ދައުވާ ބާޠިލްކޮށްފި

އަދުރޭގެ މައްޗަށް އުފުލި ދައުވާ ބާޠިލްކޮށްފި

Author
މުޙައްމަދު ޖިމީ
10 މެއި 2021 11:58
0

ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރި މައްސަލައިގައި އިދިކޮޅު ސިޔާސީ ހަރަކާތްތަތަކާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ކޮށްފައިވާ ދައުވާ ބާޠިލްކޮށްފިއެވެ.

އަދުރޭގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ބާޠިލްކޮށްފައިވަނީ، މި މައްސަލާގެ ހެކި ހޯދާފައިވަނީ ޤާނޫނާއި ޚިލާފަށް ކަނޑައެޅުމަށްފަހުއެވެ. އެހެންކަމުން މި މައްސަލަ ކޯޓުން ބަލާނެ ޖާގައެއް ނެތްކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ކަނޑައަޅާފައެވެ.

ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރި މައްސަލައިގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲގެ މައްޗަށް ދަޢުވާކުރުމަށް ކުރިމިނަލް ކޯޓަށް ހުށައަޅަައިފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވީ އަބްދުއްރަހީމްގެ މައްޗަށް ދައުވާކުރަނީ ޤާނޫނުލް އުޤޫބާތުގެ 615 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގެ ދަށުންކަމަށެވެ. އެމާއްދާގައި ވަނީ އާންމު މަޞްލަޙަތަށް ގެއްލުން ހުރި ޢަމަލުކުރުމުގެ ކުށްތަކެވެ. އެގޮތުން އެމާއްދާގެ ތިންވަނަ ނަންބަރުގައި ބުނެފައި ވަނީ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑިހުތުރު ޢަމަލުތައްކުރުރުމުގެ ކުށެވެ. އެއީ ޖުނަޙްގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ. މިކުށުގެ އެންމެ ބޮޑު އަދަބަކީ ތިން މަހަށް ޖަލަށް ލުމެވެ.

އަބްދުއްރަހީމްގެ މައްޗަށް މިދަޢުވާ އުފުލާފައި ވަނީ 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން ޙުކުމް އިއްވި ދުވަހު އެ ސަރަހައްދުގައި ހުރެ ފަނޑިޔާރުންނަށް ނިސްބަތްކޮށް ހަޑި ހުތުރު ބަސް ބޭނުކޮށް ހަޑި ހުތުރު ބަހުން ވާހަކަ ދައްކާފައިވާ ކަމަށް ބުނެއެވެ.

އެދުވަހު ފަނޑިޔާރުންނަށް ނިސްބަތް ކުރައްވައި، ހުތުރު ބަހެއް ބޭނުންކޮށް، އިންޒާރު ދިން މައްސަލަ ތަހުގީގު ކޮށްދިނުމަށް ފުލުހުންނަށް ހުށައަޅާފައި ވަނީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.