"ތްރެޓް" ބޮޑުވަމުން އަންނަ ވާހަކަ ހަފްތާއެއްހާ ދުވަސްކުރިން ވެސް ރައީސް ނަޝީދު ދެއްކެވި: އާއިލާ

"ތްރެޓް" ބޮޑުވަމުން އަންނަ ވާހަކަ ހަފްތާއެއްހާ ދުވަސްކުރިން ވެސް ރައީސް ނަޝީދު ދެއްކެވި: އާއިލާ

Author
މުޙައްމަދު ޖިމީ
09 މެއި 2021 11:19
0

ރައީސް މުޙައްމަދު ނަޝީދަށް އޮތް ނުރައްކާ ނުވަތަ "ތްރެޓް" ބޮޑުވަމުން އަންނަކަމުގެ ވާހަކަ މީގެ ހަފްތައެއްހާ ދުވަސްކުރިން ރައީސް ނަޝީދު ދައްކާފައިވާކަމަށް އެމަނިކުފާނުގެ އާއިލާއިން ބުނެފިއެވެ.

މިދިޔަ ބްރާސްފަތި ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އެމަނިކުފާނަށް އަންނަނީ އޭޑީކޭގައި ފަރުވާ ދެއްވަމުންނެވެ. ރައިސް ނަޝީދަށް އަމާޒުކޮށް ހަމަލާ ދީފައިވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ގެކޮޅު ގ.ކެނެރީގެ ހުންނަ ގޯޅި

ރައީސް މަޖީދީމަގު ގުޅެ ކަންމަތީގައި ހުރި ސައިކަލެއްގައި ބޮމެއް ހަރުކޮށްގެންނެވެ. މިހަމަލާއާއި ގުޅިގެން ރައީސް ނަޝީދުގެ ހަށިކޮޅަށް ބޮޑެތި ޒަޚަމްތަކެއް ލިބި، 16 ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަވި ގިނަ ސާޖަރީތަކެއް ވަނީ ހަދާފައެވެ.

ރައީސް ނަޝިދުގެ މިހާރުގެ ހާލުކޮޅާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާއާއި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދުގެ ބޭބޭފުޅު ޑރ.އިބްރާހީމް ނާޝިދު (ނާޝް) ވިދާޅުވީ، ނަޝީދަށް އޮތް ތްރެޓް ދުވަހުން ދުވަހަށް އައީ ބޮޑުވަމުންކަމަށާއި، އެކި ދުވަސްވަރު އެވަހަކަ ދެކެވެމުންދާކަމަށެވެ. ނަމަވެސް ރައީސް ނަޝީދަށް ހަމަލާ އަމާޒުވި ހަފްތާގައި އެވާހަކަ އާއިލާގެ ތެރޭގައި މާބޮޑަށް ދެކެވިފައިވާކަން ޑރ.ނާޝް ފާހަގަކުރެއްވިއެވެ. އަދި ރައީސް ނަޝީދަށް އެހަމަލާ އަމާޒުވީ އެވާހަކަ ދެކެވިފައިވަނިކޮށްކަމަށްވެސް ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް އެނގޭނީ އަންނި ގޭތެރޭގައި ޝެއަރ ކުރަންބޭނުންވާ އެއްޗެއް. ސެކިއުރިޓީ ލެވެލްގެ އިންފޮމޭޝަންއެއް އަޅުގަނޑުމެންނަަށް ނުދޭ. ތްރެޓް ލެވެލް ބޮޑުވާ ވާހަކަ ދައްކާތާ ހަފްތާއެއް ވެއްޖެ.

– ރައީސް ނަޝީދުގެ ބޭބޭފުޅު

ޑރ.ނާޝް ވިދާޅުވީ އެ ހަފްތާގައި އެވާހަކަ ދެކެވުނީ ކީއްވެކަން ނޭނގުނުނަމަވެސް މިހާރު އެކަން އެނގިވަޑއިގަންނަވައިފިކަމަށެވެ.

އާއިލާއިން ސެކިއުރިޓީން ލެވެލްއަށްކުރެވޭނެ ކަމެއްނެތް. އެކަމު އަންނި ކޮންސާން ރެއިސް ކުރީމަ އެނގޭނީ.

– ރައީސް ނަޝީދުގެ ބޭބޭފުޅު

ނާޝް ވިދާޅުވީ، ރައީސް ނަޝީދަށް ދިންހަމަލާއާއި ގުޅިގެން މަންމާފުޅާއި ބައްޕާފުޅުގެ ހާލަތު ވަރަށް ދެރަކަމަށާއި، ނަމަވެސް ރައީސް ނަޝީދުގެ ހާލުކޮޅު މިހާރުރަނގަޅުވާން ފެށުމާއެކު މަންމާފުޅާއި ބައްޕާފުޅުގެ ހާލަތުވެސް ރަނގަޅުވަމުން އަންނަކަމަށެވެ.

ނާޝް ވިދާޅުވީ ރައީސް ނަޝީދުގެ ހާޅުކޮޅު އިތުރަށް ރަނގަޅުވަމުން އަންނަކަމަށާއި، މިހާރު ވާހަކަފުޅުވެސް ދައްކާކަމަށެވެ. ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ޙަމަލާގައި ގޮއްވާލި އައިއީޑީން ބުރައިގެންދިޔަ ތޫނު ދަގަނޑު އެތިކޮޅުތަކުގެ ތެރެއިން އެތިކޮޅެއް، އެމަނިކުފާނުގެ ސީދާ ހިތަށް ނުވަދެ ހުރީ އެންމެ ސެންޓިމީޓަރެއްގެ ދުރުމިންކަމަށް އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން ވަނީ ހާމަކޮށްފައެވެ. މި އެތިކޮޅު ރައީސް ނަޝީދުގެ ހިތަށް ނުވަދެ ސަލާމަތްވީ އެމަނިކުފާނުގެ މޭކަށިގަނޑުގައި ޖެހި ކަށިގަނޑު ފުނޑުފުނޑުވުމުގެ ސަބަބުން އެ އެތިކޮޅު އެތެރެއަށް ދިޔުން މަތަވެގެންކަމަށްވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

މި ހަމަލާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަހްމަތަކަށް ފަރުވާދިނުމަށް ގިނަ އޮޕރޭޝަންތަކެއް ކޮށްފައިވާކަން ޑޮކްޓަރުން ވަނީ ހާމަކޮށްފައެވެ. އަދި މިވަގުތުވެސް ރައީސް ނަޝީދު އޮންނެވީ އޭޑީކޭ ހޮސްޕިޓަލުގައިކަމަށާއި ޑޮކްޓަރުން ވަރަށް ކައިރިން ބައްލަވަމުން ގެންދަވާކަންވެސް ޑޮކްޓަރުންގެ ޓީމުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.