ކަނޑު މެދުގައި ޖަގަހަ ޖަހައި، ހަމައަގު ހޯދައިދޭން އައި ސަރުކާރުންވަނީ މަސްވެރިން ނިކަމެތިކޮށްފަ: އުމަރު

ކަނޑު މެދުގައި ޖަގަހަ ޖަހައި، ހަމައަގު ހޯދައިދޭން އައި ސަރުކާރުންވަނީ މަސްވެރިން ނިކަމެތިކޮށްފަ: އުމަރު

Author
މުޙައްމަދު ޝަޒައިމް
20 އޮކްޓޯބަރ 2020 03:04
0

ކަނޑު މެދުގަ ޖަގަހަ ޖަހައި، ހަމައަގު ހޯދައިދޭން އައި ސަރުކާރުންވަނީ މަސްވެރިން ނިކަމެތިކޮށް މަހުގެ އަގު މިހާތަނަށް ކުޑަނުކުރާ މިންވަރަށް ދަށްކޮށްފައިކަމަށް 2023 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

މަސްވެތެރިންނަށް ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް އަމަލުކުރެވެމުން ނުދާތީ ވަރަށްބޮޑަށް ކަންބޮޑުވެ ވަޑައިގެން އުމަރު ވިދާޅުވީ މިއީ ރާއްޖޭގެ ބޮޑުބަޔަކު އާމްދަނީ ހިއްސާކުރާ ދާއިރާއަކަށްވާއިރު، މަހުގެ އަގު މިހާދަށަށް ވައްޓާލުމަކީ މަސްވެރިންނަށް ދެވޭ ވަރަށްބޮޑު ނިކަމެތިކަމެއްކަމަށެވެ. މަސްވެރިކަމުގެ ދާއިރާއަކީ ހުރިހާ ސަރުކާރަކުންވެސް އިހުމާލު ވެފައިވާ ދައިރައެއްކަމަށާއި، ނަމަވެސް މިސަރުކާރުން މަހުގެ އަގު ވައްޓާލާފައި މިވާ މިންވަރާއި ގާތަށްވެސް މަހުގެ އަގު ވެއްޓިފައި ނުވާކަމަށެވެ.

ހުރިހާ ސަރުކާރުތަކުންވެސް ވަނީ މަސްވެރިންނާއިމެދުގައި އިހުމާލުވެފަ. މިއަދު ވަނީ މަހަށްލިބޭ އެންމެ ދަށް އާމްދަނީ ލިބޭ ހިސާބަށް އައިސްފަ. ކަނޑު މެދުގަ ޖަގަހަ ޖަހައިދޭންށާއި، މަސްވެރިންނަށް ހަމަ އަގުދޭން އައި ސަރުކާރުން މިފެންވަރަށް މަސްވެރިންނާއިމެދު އަމަލުކުރުމަކީ ވަރަށްބޮޑު ހިތާމައެއް.

– އުމަރު ނަސީރު

އުމަރު ވިދާޅުވީ މަސްވެރިކަމުގެ އިންޑަސްޓްރީ ކުރިއަރާނީ ސަރުކާރުން މަސްވެރިކަމުގެ ތެރެއަށްވަދެ ކުރަމުންދާ ވިޔަފާރި ހުއްޓާލައި ވިޔަފާރި ވެރިންނާއި، ޕްރައިވެޓް ސެކްޓާތަކަށް މިމަސައްކަތް ކުރެވޭނެ ގޮތެއް ތަނަވަސް ކުރުމުންކަމަށެވެ. ރާއްޖެއާއި، ބޭރުގެ ފަރާތްތަކަށްވެސް މަސް ބަންދުކޮށް މަސް ބޭރުކުރެވޭނެ މަގު ފަސޭހައިން ތަނަވަސް ކޮށްދެއްވައިފިނަމަ މިހާރު ހުރި މައްސަލަތަކަށް ހައްލު އަންނާނެކަމަށް އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ މިހާރު މަސްވެރިންނަށާއި، މަސްވެރިކަމުގެ ދައިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އެމަނިކުފާނުގެ ވެރިކަމުގައި ހައްލު ގެންނާނެކަމަށެވެ.

މަސްވެރިކަމުގެ އިންޑަސްޓްރީ ރާއްޖޭގައި ކުރިއެރުވޭނީ މަސް ގަންނަ ފަރާތްތަކުގެ މަދުގައި ވާދަވެރިކަން އިތުރުކޮށްގެން. އެކަން ކުރެވޭނީ މިފްކޯ ޕްރައިވަޓައިޒް ކުރެވި، ސަރުކާރުން މަސްގަތުމާއި، މަސް ބަންދު ކުރުމުގައި ބައިވެރިނުވެ، މުޅިން އެއްކޮށް ޕްރައިވެޓް އިންވެސްޓަރުންނަށް ދޫކޮށްލައިގެން. އެއީ ދިވެހިންނަށާއި، ބޭރުގެ އިންވެސްޓަރުންނަށް މަސް ގަތުމާއި މަސް ބަންދު ކުރުމަށް ފުރުސަތު ހުޅުވާލައިގެން. އެހެން ވެއްޖެނަމަ މަސްވެރިންނަށް ލިބޭ އާމްދަނީ އެތައްގޮތަކުން އިތުރުވާނެ.

– އުމަރު ނަސީރު

ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށްވުމާއި ގުޅިގެން މަސްވެރިންގެ އަތުން މަސް ގަންނަ އަގު މިމަހުގެ 10 ވަނަ ދުވަހު މިފްކޯއިން ވަނީ ދަށްކޮށްފައެވެ. މިފްކޯއިން މިގެނައި ބަދަލާއިއެކު މިހާރު މިފްކޯގެ ކާރުހާނާތަކަށާއި ބޯޓްފަހަރަށް އައިސް އެޅި މަސްކިލޯއެއް ގަންނަމުންދާނީ ކިލޯއެއް 16 ރުފިޔާއަށް ކަމަށެވެ. 10 ރުފިޔާއަށް ގަންނަމުންދިޔަ 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި މިއަދުން ފެށިގެން ގަންނާނީ 9 ރުފިޔާއަށް ކަމަށާއި އައިސް ނާޅާ 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ގަންނަނީ 7 ރުފިޔާއަށްކަމަށްވެސް މިފްކޯއިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.