ރޯޒީއަށް ހޭލެވުނީ ހުވަފެނެއްގެ ތެރޭންނެވެ. ހުވަފެނުގައި ފެނުނީ އޭނާގެ ކުރީގެ ފިރިމީހާ ރަމީޒެވެ. އޭނާގެ ދަރިންނަށް ހެޔޮކޮށް ހިތަން ވަޞިއްޔަތް ކުރާތީއެވެ. ރޯޒީ ބޯހިއްލާ ބަލާލިއެވެ. ކޮޓަރީގެ ތަޅުން މަތީގައި އަޅާފައިވާ ދެގޮދަނޑީގައި ކުޑަކުޑަ ރިޔާޝާއާއި ރާއިޝް ނިދާފައި އޮތެވެ. ރޯޒީ ގަޑިއަށް ބަލާލިއެވެ. ދަންވަރު ތިނެއް ޖެހީއެވެ. ފިރިމީހާ ޝިޔާނު އަދިވެސް ނާދެއެވެ. އޭނާވާނީ ދޮށީ އަނބިގާތުގައި ކަން ރޯޒީއަށް ޔަޤީން ވިއެވެ.
ހުވަފެނެއްގައި ނަމަވެސް ރަމީޒް ފެންނާކަށް ރޯޒީ ނޭދެއެވެ. އެއީ އޭނާ ރަމީޒްދެކެވީ ލޯބި މިއަދު ނަފުރަތާއި ރުޅިއަށް ބަދަލުވެފައިވާތީއެވެ. ކައިވެންޏަށް ދިހަ އަހަރުވެ ދެކުދިން ލިބުނުފަހުން ދޫކޮށްލިޔަތީއެވެ. ހަޤީޤަތުގައި ރަމީޒަށް އައި ބަދަލު ދެނެގަންނާކަށް ރޯޒީއަކަށް ނޭނގުނެވެ. އެއުފާވެރި ހަޔާތް ގެއްލިދިޔުމުގައި ރަމީޒްގެ ކުށެއް ނެތްކަމެއް އޭނާއަކަށް ނުވިސްނެއެވެ. އޭނާ ޝައްކުކޮށް ކުއްވެރި ކުރީ ރަމީޒެވެ.
ރޯޒީ ރަމީޒާއި އިނީ އުމުރުން އެންމެ އަށާރަ އަހަރުގައެވެ. މައިން ބަފައިންގެ ނުގަބޫލުގައެވެ. ރަށާއި އުޅެބޮޑުވިގެއާއި މައިންބައިން އަބަދުގެ އަބަދަށް ދޫކޮށްލުމަށް ފަހުގައެވެ. މާލޭގައި ކުލީ ލަގްޒަރީ އެޕާޓްމެންޓެއްގައި އެމީހުން ދިރިއުޅުނީ އުފަލުގައެވެ. ރަމީޒަކީ މަތީމަޤާމެއް އަދާކުރާ ބޮޑު މުސާރައެއް ލިބޭ މީހަކަށްވާތީއެވެ. އެއަށް ވުރެވެސް ބޮޑަށް ރޯޒީއަށް ލިބުނު އުފަލަކީ ރަމީޒުގެ އޯގާތެރިކަމާއި އަޅާލުމާއި ލޯތްބެވެ. އޭނާ ކަމަކަށް ބޭނުންވެ ބުނާކަށް ނުޖެހޭނެއެވެ. މާކުރިން ރަމީޒަށް އެކަން އެނގޭނެއެވެ. ދުވާލު ހަތަރުދަމު އޮފީހުގައި އުޅެފައި އައިސްވެސް ގޭތެރޭގެ މަސައްކަތުގައި އޭނާ އާއި އެކު ބައިވެރިވާނެއެވެ. ވައިބުރުޖަހަން ރައްޓެހިންނާއި އެކު ކޮފީއަށް ރެސްޓޯރެންޓްތަކަށް ގޮހެއް ނުހަދާނެއެވެ. ކިތަންމެ ބޮޑު މުސާރައެއް ލިބުނަސް ދެއްކުންތެރިކަމުގެ ކަންފުޅެއްވެސް ނުހުންނާނެއެވެ. ހަމަ އަލަށް ފޯނެއް ނުކުންނަ އިރަކަށް ނުގަންނާނެއެވެ.
ފުރަތަމަ ދަރިފުޅު ލިބުމާއި އެކު ރަމީޒްގެ ލޯތްބާއި އެހީތެރިކަން އެތައް ގުނައެއް އިތުރުވިއެވެ. ދަރިފުޅު ބެލުމާއި ރޯޒީއަށް ކޮށްދޭންޖެހޭ ކޮންމެ ކަމެއް ބަރާބަރަށް ކުރިއެވެ. ރޯޒީ ވިހައި ގަދަވަންދެން އޮފީހަށްދަމުން ގޭތެރޭގެ ހުރިހާ މަސައްކަތެއްވެސް ކުރީ ރަމީޒެވެ.
ގޭތެރޭގެ މަސައްކަތްތަކުގައި އެހީވާނެ ކުއްޖަކު ހޯދަން ރަމީޒް ބޭނުންނުވީއެވެ. އެކަމަކު ދޮށީ ދަރިފުޅަށް ދެއަހަރުވެސް ނުވަނީސް ދެވަނަ ކުއްޖަކު ލިބުމުން ރަމީޒަށްވެސް ޖެހުނީ ބޭރު މީހަކު ހޯދާށެވެ. އެކަމަކު އެއީ ހަމައެކަނި ބަދިގެ ތެރޭގެ މަސައްކަތާއި ގޭތެރެ ސާފުކުރުމުގެ މަސައްކަތްކުރުމަށެވެ.
ކުދިން ސްކޫލަށް ވެއްދުމުންވެސް ސްކޫލަށް ކުދިންގެންގޮސް ގެނެސް ހަދަނީ ރަމީޒެވެ. އޭނާ އޮފީހުގައި މާބޮޑަށް ބިޒީވެގެން ނޫނިއްޔާ ރަށުންބޭރުގައި ވެގެން ނޫނީ ރޯޒީއެއް ނުފޮނުވާނެއެވެ.
ރަމީޒަށް ބަދަލުތަކެއް އަންނަންފެށީ ކައިވެންޏަށް 8 އަހަރު ވީފަހުންނެވެ. އެއީ އޮފީސް ދަތުރެއްގައި އޭނާ ސިންގަޕޫރަށް ގޮސްފައި އައިފަހުންނެވެ. ފުރަތަމަ ދުވަސްކޮޅު ރަމީޒް ހުންނަނީ ވިސްނުމެއްގެ ތެރޭގައެވެ. ކުރިން ހީސަމާސާކޮށް މަޖާކޮށް ކުދިންނާއި އެކު އުޅުނު އުޅުންވެސް ދުރުވާން ފެށިއެވެ. ރަމީޒާއި އެކު ބޭރަށްދާން ކުދިން ރޮއިރޮއި ތިއްބާ އެއަޑު ނާހައި ދާންފެށިއެވެ. ދުވަހަކުވެސް ލޮކް ކޯޑެއް ޖަހައި ބަންދުނުކުރާ ފޯނުވެސް ބަންދު ކުރިއެވެ. ކޮންމެވެސް މީހަކު ގުޅުމުން ރޯޒީއަށް އަޑު ނުއިވޭ ހިސާބަށް ދުރަށް ދިޔުން އާއްމުވާން ފެށިއެވެ. ގެއަށް ނިދަންނާންނަ ރޭތައް އަންނަންފެށީއެވެ. މަހަކު އެއްފަހަރު ނުވަތަ ދެފަހަރު އިންޑިޔާ ނުވަތަ ސިލޯނަށްވެސް ދާންފެށީއެވެ.
ރޯޒީއަށް ހީވަމުން އައީ ރަމީޒް އެހެންމީހަކާއި ހިތާވީ ކަމަށެވެ. ހިލޭއަންހެނެއް ގާތަށް ދާންފެށީ ކަމަށެވެ. ރަމީޒް އޭނާއަށް އެތައްކަމެއް ސިއްރުކުރަމުން އަޔަތީއެވެ. ރޯޒީގެ ސުވާލަކަށް އަދި ޝަކުވާއަކަށްވެސް ޖަވާބެއް ނުދިނަތީއެވެ. އެއީ ހީވި ހީވުމެއްގެ ބަދަލުގައި ރޯޒީ އެކަން ޔަޤީން ކުރިއެވެ. ހޯދައި ބެލުމަކާއި ނުލައެވެ.
ރަމީޒް ކުދިންނާއި ރޯޒީއާއިވެސް މަޑުމަޑުން ދުރުވަމުން ދިޔަ އިރު ގޭތެރެވެސް ދިޔައީ ދަތިވަމުންނެވެ. ގެންގުޅޭ މީހާވެސް މުސާރަދޭންދަތިވާންފެށުމުން ފޮނުވާލީއެވެ. ގޭގެ ކަމެއްގައި އަދި ކުދިންގެ ކަމެއްގައިވެސް އަތްވެސް ނުލާންފެށީއެވެ. ގޭތެރެއަށް ޚަރަދު ކުރުމަށް ރޯޒީއަތަށް ދޭ ފައިސާވެސް މަދު ކުރަންފެށީއެވެ. ރަމީޒަށް ލިބޭ ތިރީސް ހާސް ރުފިޔާގެ މުސާރަ ހުވަނދަކަށްވެސް ނުވާތަން އަންނަން ފެށީއެވެ
ރަމީޒްގެ ބަދަލުވަމުން އައި އުޅުންފެނިފައި ރޯޒީއަށް އައީ ނަފުރަތު ކުރެވެމުންނެވެ. އެކަމަކު ރޯޒީ ކިތަންމެ އެއްޗެއް ގޮވިޔަސް އޭގެ ބަދަލުގައި ރަމީޒް އެއްޗެކޭ ނުބުނެއެވެ. ގަޔަށް އަތްލާ އަނިޔާވާ ހިސާބަށް ދާއިރުވެސް ރަމީޒް އިނގިލި ކުރިވެސް ހިއްލާ ނުލާނެއެވެ. ރަމީޒްގެ އެހީތައް ކެނޑެމުން ދުރުވަމުންގޮސް އެންމެފަހުން މައިންބަފައިން ގާތަށް ރަށަށް ދާށޭވެސް ރޯޒީގާތު ރަމީޒް ބުނީއެވެ. ކުދިންވެސް ގޮވައިގެންނެވެ. ކިޔަވަކިޔަވާ ތިބި ދެކުދިން ސްކޫލުން ކަނޑާލައިގެން ނުދާން، އަދި އަބަދުގެ އަބަދަށް ދޫކޮށްލި އުފަންވަޒަނަށް އެނބުރި ދާނީ ވަރިކުރުމުން ކަމަށް ރޯޒީ ބުނުމާއި އެކު ރަމީޒް ރޯޒީ ވަރިވެސް ކުރީއެވެ. އިތުރު އެއްވެސް އެއްޗެކޭ ބުނުމާއި ނުލައެވެ.
ރޯޒީ ރަށަށް އައީ އެތައް ހިތާމައަކާއި އެކު ގައެވެ. މައިންބަފައިންގެ ނުރުހުމުގައި ކުރެވުނު ކައިވެނީގައި ވޭތުކުރެވުނު އުފާވެރި މަދު ދުވަސްކޮޅަށްފަހު ދާއިމީ ހިތާމައިގައި ކަރުނަ އަޅަމުންނެވެ. އެއަށްވުރެވެސް ބޮޑު ހިތާމައަކީ މައިންބަފައިންގެ ނުރުހުމެވެ. ރޯޒީ ދެއަތްބަށް ޝިޔާނު އާއި އިނީވެސް އެހެންވެގެންނެވެ.
ރޯޒީ ރަށަށް އައިތާ ކުރީކޮޅު ކުދިންނަށާއި ރޯޒީއަށް ބޭނުންވާ ތަކެތި ރަމީޒު ފޮނުވަމުން ދިޔަ ނަމަވެސް ފަހުން ތަކެތި ފޮނުވުންވެސް މަދުވަމުން މަދުވަމުން އައިސް މިހާރު އެއްވެސް އެއްޗެއް ނުފޮނުވާތާވެސް އަށެއްކަ މަސްވެއްޖެއެވެ. ފޯނުކުރިޔަސް ފޯނަށް ޖަވާބު ނުދޭތާވެސް މަހަކަށްވުރެ ގިނަވެއްޖެއެވެ. އަތްމަތި ދަތިވުމުގެ އިތުރުން ފިރިމީހާ ޝިޔާނުގެ ކިބައިންވެސް މާބޮޑު އެހީތެރިކަމެއް ނުލިބޭތީ ކުދިން އުޅޭނެގޮތަކަށް އުޅެންދޫކޮށްލާފައި ރޯޒީއަށްވެސް ޖެހުނީ އާމުދަނީ ހޯދަން މަސައްކަތްކުރާށެވެ. ވަޒީފާއަދާ ކުރާށެވެ.
ނިދޭތޯ ރޯޒީ ލޯމަރާލިއެވެ. ހަމަ ލޯމަރާލުމާއި އެކު އޭނާއަށް ފެނުނީ ރަމީޒެވެ. ރޯޒީ ތެދުވެ އެނދުގައި އިށީނެވެ. މޭޒުމަތީގައި އޮތް ފޯނުރިންގުވާންފެށީ އެވަގުތުއެވެ. ރޯޒީ ފޯނުނަގައި ބަލާލިއެވެ. ގުޅަނީ ރަމީޒުގެ ރައްޓެހި އިޤުބާލެވެ. ރޯޒީ ފޯނު ނެގިއެވެ. ފޯނުން އޭނާގެ ކަންފަތުގައި ފުރަތަމަ ޖެހުނީ ބަޔަކު ރޯއަޑެވެ. އިޤުބާލު ވާހަކަދެއްކީ ރޮވިފައި ހުރި އަޑަކުންނެވެ. ރޯޒީ އެތައް ފަހަރަކު ހަލޯއޭ ގޮވި ފަހުންނެވެ. އިޤުބާލު ދިނީ ދާދި ދެންމެ އަކު ރަމީޒް ނިޔާވި ހަބަރެވެ. ގުޅުން ކެނޑި ރޯޒީއާއި ކުދިންނަށް ރަމީޒަކީ ނެތްމީހަކަށް ވީތާ އެތައް ދުވަހެއް ފަހުންވެސް ރަމީޒްގެ މަރުގެ ޚަބަރު ލިބުމުން ރޯޒީއަށް ރޮވުނެވެ. ރަމީޒުގެ މޫނުދެކިލަން މާލެދާން ބޭނުންވި އެވެ. ރަމީޒް މަރުވީ ކީއްވެތޯ ސާފުކުރަން ބޭނުންވިއެވެ. އެކަމަކު ފިރިމީހާ ޝިޔާނު ދެކޮޅު ހެދުމުން ރޯޒީއަކަށް ނުދެވުނެއެވެ. ދަރީންނަށް އެކުދީންގެ ބައްޕަގެ މޫނު މިދުނިޔެއިން އެންމެ ފަހު ފަހަރަށް ދެކެލާނެ ފުރުޞަތެއް ނުދެވުނެވެ.
ރަމީޒް ނިޔާވިތާ ހަފްތާއެއްފަހުން އިޤްބާލް ރޯޒީގެ ރަށަށް އަތުވެއްޖެއެވެ. އޭނާ ގެނެސްދިނީ ރަމީޒްދީފައި އޮތް ޕާރުސަލެކެވެ. ރޯޒީ އެހުޅުވާލިއިރު އޭގައި އޮތީ ސިޓީއަކާއި ރަމީޒް ކުދީންނަށް ހުޅުވައިދިން އެކައުންޓްތަކުގެ ލިޔެކިޔުންތަކެވެ. ރޯޒީ ސިޓީ ކަނޑައި ކިޔަންފެށިއެވެ. އެސިޓީގައިވާ ކޮންމެ އިބާރާތެއް ރޯޒީއަށް އިންތިހާ ދަރަޖައިގެ ހިތްދަތިމާއި ހިތާމަ ދެމުން ދިޔައެވެ.
އޭގައި ރަމީޒް ލިޔެފައިވެއެވެ. "ލޯބިވާ ރޯޒީއެވެ. އަހަރެންނާއި ނުލައި ހަޔާތް އާބާދު ކުރާށެވެ. ދިރިއުޅެން ދަސްކުރާށެވެ. އަހަރެން ބަދަލުވީ ރޯޒީ އަމިއްލައަށް މިދުނިޔޭގައި ދިރިއުޅެން ދަސްކޮށްދިނުމަށްޓަކައެވެ. ތާއަބަދަށް އަހަރެންނަށް ރޯޒީގާތުގައި ނުހުރެވޭނެތީއެވެ.
އަހަރެންގެ ސިކުނޑީގައި ކެންސަރު ޓިއުމަރެއް އޭގެ އެންމެ ފަހު ސްޓޭޖްގައި ހުރިކަން އެނގުނީ ސިންގަޕޫރު ދަތުރުގައެވެ. ލަންކާ އާއި އިންޑިޔާއަށް އެތައް ދަތުރެއްކުރީ ސަލާމަތްވާނެ ކަމުގެ އުންމީދެއް ލިބޭތޯއެވެ. އެކަމަކު ހުރިހާ ޑޮކްޓަރުންވެސް ބުނީ އެއްވާހަކައެކެވެ. އޮޕަރޭޝަން ކާމިޔާބުވެދާނެ ކަމުގެ އޮތީ 1 ޕަސެންޓްގެ ޗާންސެއް ކަމަށެވެ. އަހަރެން ފައިސާ ޚަރަދު ކުރީ އެކަމަށެވެ. ކުދިން ރޮއްވާލަފައި އެކުދިންނުލައި ބޭރަށްދާންފެށީވެސް ބައްޕަ އާއި ނުލައި އެކުދިން މިދުވަސް ވޭތުކުރަން ޖެހޭނެކަން ޔަޤީން ވުމުންނެވެ. އަހަރެންގެ ކުއްލި ވަކިވުމަކުން ރޯޒީއަށް ދިރިއުޅުމާއިގެން ކުރިޔަށްދާން ނޭނގޭނެކަންވެސް އެނގޭތީއެވެ. ވިމާ. މަޢާފްކުރާށެވެ. ކެތްތެރިކަމާއި އެކު ދިރިއުޅޭށެވެ."
ސިޓީ ކިޔައި ނިމުމާއި އެކު ރޯޒީއަޑުން އަޑުނަގާފައި ބާރަށް ރޮއިގަތެވެ. ލިބުނު ހިތާމައާއި ހިތްދަތިކަމުގެ ބޮޑުކަމުންނެވެ. އެދުވަހަށްފަހު މިއަދަށްވުރެވެސް ހީވާގި ކަމާއި އެކު ދިރިއުޅުމަށް އޭނާ އަޒުމު ކަނޑައެޅިއެވެ.
– ނިމުނީ –