ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރެރިސްޓު ހަމަލާގެ ތަހުގީގާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އޮޅުންފިލުވައިފިއެވެ.
ރޭ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގައި އޮތް މިބައްދަލުވުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ އިތުރުން އޭސީޕީ ރިޔާޒުވެސް ބައިވެރިވިއެވެ. މިބައްދަލުވުމުގައި ފުލުހުންގެ ތަހުގީގް މިހާރު ގޮސްފައިވާ ހިސާބުގެ އެންމެފަހުގެ ތަފްސީލީ މައުލޫމަތު ވަނީ ރައީސް އަށް ދެއްވާފައެވެ.
މިހަމަލާއާއި ގުޅިގެން ރައީސް ޞާލިހު ޤައުމާއި މުޙާތަބު ކުރައްވައި ވިދާޅުވެފައިވަނީ މިހަމަލާއަކީ ރާއްޖޭގެ ޑިމޮކްރަސީ އަށާއި، ރާއްޖޭގެ އިޤްތިޞާދަށް ދިން ނުރައްކާތެރި ހަމަލާއެއްކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ޙަމަލާ ދިވެހި ފުލުހުންގެ ޚިދުމަތާއި، ޤައުމީ ދިފާޢީ ބާރުން ތަޙުޤީޤު ކުރަމުންދާ ކަމަށާއި މި ޙަމަލާގެ ފުރިހަމަ ތަޙުޤީޤެއް ހިންގުމަށްޓަކައި ބައިނަލްއަޤްވާމީ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯއްދަވަމުން ގެންދަވާކަމުގައި ވިދާޅުވިއެވެ. އެގޮތުން އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ތަޙުޤީޤު ޓީމެއް އަންނަ ހޮނިހިރު ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމުގައި ވިދާޅުވިއެވެ.
މިފަދަ ޢަމަލުތަކަށް ދިވެހި ބިމުގައި އެއްވެސް ޖާގައެއް ނޯންނާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް މާތް ﷲ ގެ ވާގިފުޅާއެކު، ފަސްޖެހުމެއް ނެތި އަޅުއްވަމުން ގެންދަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އެ މަނިކުފާނު އަރުއްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ