ސިފައިންގެ ސެކިއުރިޓީ ފޯރުކޮށްދެއްވާ ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ރިސްކުލެވެލް އެންމެ ހައި ބޭފުޅާކަށް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް ބްރާސްފަތި ދުވަހުގެރޭ ދެވުނު ޓެރަރިޒަމްގެ ހަމަލާއާއި ގުޅިގެން އެމްއެންޑީއެފްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަމާލް ވިދާޅުވީ ރައީސް ނަޝީދުގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމުގައި އަބަދުވެސް ޙާއްސަ އިސްކަމެއް ދެއްވާކަމަށެވެ. ރައީސް ނަޝީދާއި ގުޅިގެން އަބަދުވެސް އެކި ވާހަތައް ލިބެމުންދާ ކަމަށާއި، އެކަންކަމަށް ބަލައި ފިޔަވަޅުތައްވެސް ވަރުގަދަކޮށްފައިވާކަމަށެވެ.
ޝަމާލް ވިދާޅުވީ ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަންނަވާ އިވެންޓުތަކާއި، އަދި ރަށް ރަށަށް ކުރައްވާ ދަތުރުފުޅުތަކުގައިވެސް ޚާއްސަ ސަލާމަތީ އިންތިޒާމުތަކެއް އަބަދުވެސް ގެންގުޅުއްވާކަމަށެވެ. އެގޮތުން އެމަނިކުފާނަށް ހަމަލާދިންރޭވެސް ދާން އޮތް ރަށަށް ކުރީބައިގައި ސިފައިންގެ އިތުރު ޓީމެއްގޮސް އެމަނިކުފާނު ބައިވެރިވާ އިވެންޓު ސަރަހައްދުގެ ސެކިއުރިޓީ ކަންކަން ކަށަވަރު ކުރިކަމަށެވެ.
ޝަމާލް ވިދާޅުވީ ރައީސް ނަޝީދަށް އަބަދު އިންޒާރު ލިބޭތީ އެމަނިކުފާނުގެ ސެކިއުރިޓީގެ ކަންކަން ބަލައި އެވަގުތަކުން ގެންނަން ޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށެވެ. ރައީސް ނަޝީދާ އެކު ބޮޑީގާޑުން އަބަދުވެސް ހަރަކާތްތެރިވާނީ ލީތަލް ހަތިޔާރާ އެކު ކަންވެސް ފާހަގަކުރެއްވި އެވެ. ދައުލަތުގެ އެހެން ބާރެއް ކަމުގައިވާ ޝަރުއީ ދާއިރާގެ އެންމެ އިސް ބޭފުޅާ، އުއްތަމަ ފަނޑިޔާރާއި ކުރީގެ އެހެން ރައީސުންނަށް ވުރެ މާމަތީ ދަރަޖައެއްގައި ނަޝީދުގެ ސެކިއުރިޓީ ކަންކަން އަބަދުވެސް ބަލަމުންދާ ކަން ވެސް ޔަގީންކޮށްދެއްވިއެވެ.
އެ މަނިކުފާނު ވަޑައިގަންނަވާ ތަންތަނަށް އެޑްވާންސަށް ޓީމުތައް ފޮނުވައިގެން ކުރަންޖެހޭ ސްކްރީންތައްކޮށް ގޮވާ އެއްޗެއް ބާއްވަފާނެ ކަމަށް ލަފާކޮށް ފޮނުވާ އެޑްވާންސް ޓީމުތަކުން ދަނީ އެސެސް ކޮށް ސެނިޓައިޒް ކުރަމުން.
– ޝަމާލް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދެވުނު ހަމަލާއާއި ގުޅިގެން ރޭގެ ޕްރެސްގައި ބައިވެރިވި ސިފައިންގެ އިސްބޭފުޅުން ވަނީ ރައީސް ނަޝީދަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުޢާ ކުރައްވާފައެވެ. އަދި މިނުބައި އަމަލު ހިންގި މީހުން ޝަރީއަތުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތް ކުރުމުގައި ކުޑަކޮށްވެސް ފަހަތަށްނުޖެހޭނެ ކަމަށް އެމްއެންޑީއެެފްއިންގެ ވެރިން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ