ރައީސް ނަޝީދަށް އަމާޒުކޮށް ރޭ ދިން ޓެރަރިސްޓް ހަމަލާގެ އިންޓެލް މައުލޫމާތެއް ކުރިއަކުން ދުރާލައި ފުލުހުންނަށް ލިބިފައި ނުވާކަމަށް ކަމިޝަނަރ އޮޕް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ސީޕީ ވިދާޅުވީ ހަމަލާއި ގުޅިގެން އެއްވެސް އިންޓެލް މައުލޫމާތެއް ލިބިފައި ނުވަނީ ކީއްވެތޯ ބެލުމަށްވުރެއް ބޮޑަށް މިހާރު ތަހުގީގުގެ ފޯކަސް ހުރީ ސީދާ މިކަމުގައި ޝަމިލުވާ މީހުން ހައްޔަރުކޮށް ޝަރީއަތުގެ ކުރިމައަށްޗަށް ގެނައުމަށް ކަމަށެވެ. ސީޕީ ވިދާޅުވީ މިކަމުގައި ޝާމިލުވާ މީހުންގެ ތެރެއިން 4 މީހަކު މީހާރު ދެނެގަނެވި އެމީހުންގެ ކަންކަން ގާތުން މޮނިޓާ ކުރަމުންދާކަމަށެވެ.
ސީޕީ ވިދާޅުވީ މިމައްސަލައިގެ އިންޓެލް މައުލޫމާތެއް ނުލިބުނު ނަމަވެސް އިންޓެލްގެ މަސައްކަތެއް ނުހުއްޓޭކަމަށެވެ. އެއީ ހުއްޓޭނެ މަސައްކަތެއް ވެސް ނޫންކަމަށާއި، އެކަމަކު ރޭގެ ހާދިސާއާއި ގުޅިގެން އިންޓެލްއެއް ނުލިބޭ ކަމަށެވެ. އެ ނުލިބުނީ ކީއްވެގެންތޯ އެކަން ބަލާ ފަރާތްތަކުން ބަލަން ޖެހޭ ކަމަށާއި،، އޭގެ ޕޯސްޓްމޯޓަމެއް ހަދަން ޖެހޭކަމަށް ގަބޫލު ކުރައްވާކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ މިފަދަ އަމަލުތައް ހިންގުމުގެ ގާބިލްކަން ހުރި މީހުން މިމުޖުތަމުގެ ތެރޭގައި ތިބިކަން އެއީ އެއްބަސްވާ ކަމެއް ކަމަށެވެ. ޝަރީއަތުގެ މަރުހަލާއިން، ސާބިތުނުވެގެން ނުވެގެން ނުވަތަ ހެކި ނެތިގެން ވިޔަސް ސަލާމަތްވެގެން މުޖުތަމައުގެ ތެރޭގައި ވެސް އެ މީހުން އެބައުޅޭ ކަމަށާއި، އަދި ޖަލުތަކުގައި ވެސް އެބަތިބި ކަމަށް ސީޕީ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ