މަލީހުގެ ސުވާލެއް: ޤައުމުގެ އިސްބޭފުޅުންގެ ހަށިކޮޅަށް ހަމަލާދޭއިރު، ރައްކާތެރިކަން އޮތީ ކާކަށްބާ؟

މަލީހުގެ ސުވާލެއް: ޤައުމުގެ އިސްބޭފުޅުންގެ ހަށިކޮޅަށް ހަމަލާދޭއިރު، ރައްކާތެރިކަން އޮތީ ކާކަށްބާ؟

Author
މުޙައްމަދު ޝަޒައިމް
07 މެއި 2021 07:23
0

ރާއްޖޭގެ އަމަން އަމާންކަމާއި ސަލާމަތްތެރިކަން މިއަދު އޮތް ގޮތުން އެއްވެސް ރައްޔިތަކަށް ރައްކާތެރިކަން ނެތްކަމުގައި ކުރީގެ ވަޒީރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު މިހެން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ދިން ހަމަލާއާއި ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވައި ކުރެއްވި ޓްވީޓުގައެވެ. މަލީހު ވިދާޅުވީ ޤައުމުގެ އެންމެ އިސްބޭފުޅުންނަށް އެއްވެސް ބިރެއްނެތި ހަމަލާދޭ ހިސާބަށް ދިއުމަކީ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއްކަމަށެވެ. މިފަދަ ކަންކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް އޮތް ރައްކާތެރިކަމާއިމެދު މިއަދު ރައްޔިތުންގެ ހިތުގައި ސުވާލު އުފެދޭނެކަމަށް މަލީހު ވިދާޅުވިއެވެ.

ސަލާމަތާއި ރައްކާތެރިކަން އޮތީ ކާކަށްބާ؟ މިޤައުމުގެ އެންމެ އިސް ބޭފުޅުންގެ ހަށިކޮޅަށް މާލޭ ބޮޑުމަގުގެ މެދުގައި ހަމަލާ ދެވޭނަމަ އާންމު ރައްޔިތުން ހިތްފަޅައިގެން ދާނެ. ރައީސް ނަޝީދާއި މި ހަމަލާގައި އަނިޔާވި ހުރިހާ ބޭފުޅުންނަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި.

– މަަލީހު ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ އެއްވެސް މީހެއްގެ ގަޔަށް ބޮލަށް އަރައި އަނިޔާ ކުރުމަކީ އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ. އަދި އެފަދަކަންކަމަށް ހިތްވަރުދީ އެފަދަ ކަންކަން ކުރާ މީހުންނަށް އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅަންޖެހޭކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ.

އެއްވެސް ސަބަބަކާއި ހުރެ އެއްވެސް މީހެއްގެ ގަޔަށް ބޮލަށް އަރާ އަދި ޖިސްމާނީ ގެއްލުން ދީގެން ނުވާނެ. ރޭގައި ހިނގާދިޔައީ ހާދިސާ ކުއްވެރިކުރަން އަދި މި ހާދިސާގައި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދެން.

– މަލީހު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ހަލަމާގައި އެމަނިކުފާނަށް ވަނީ އެކިވަރުގެ އަނިޔާތައްލިބި އޮޕަރޭޝަނެއްވެސް ކޮށްފައެވެ. ރައީސް ނަޝީދުގެ ހާލުކޮޅު އެހާ ސީރިއަސް ނުވި ނަމަވެސް އެމަނިކުފާނަށް ވަނީ މިހަލަމާގައި އެކި ވަރުގެ އަނިޔާތައްވެފައެވެ. ރައީސް ނަޝީދަށް ދިން ހަމަލާ ކުށްވެރި ކުރައްވައި ރޭ ޤައުމާއި މުޚާތަބް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވި މިއީ ޑިމޮކްރަސީއަށާއި، ރާއްޖޭގެ އިޤްތިޞާދަށް ދިން ހަމަލާއެއްކަމަށެވެ.

މިހަމަލާގައި ޝާމިލުވާ މީހުން ވީހާވެސް އަވަހަށް އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރުމަކީ އެމަނިކުފާނުގެ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.