މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ޤައުމާއި މުޚާތަބު ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރައީސް ޓީވީ މެދުވެރިކޮށް މިރޭ ޤައުމާއި މުޚާތަބު ކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ @ibusolih މިރޭ ޓީވީތައް މެދުވެރިކޮށް ޤައުމާ މުޚާތަބުކުރައްވާނެ.
މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހިއްސާކުރާނަން.
— Mabrook Azeez (@MvSpokesperson) May 6, 2021
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދީފައިވާ ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް ވެސް ވަނީ ބާއްވާފައެވެ. ކެބިނެޓް ބައްދަލްވުމުގެ ކުރީން ރައީސުލްޖުމްހޫރިއްޔާ އާއި ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުންވެސް ވަނީ ބައްދަލު ކުރައްވާފައެވެ.
މަބުރޫކް ވިދާޅުވީ ރައީސް މުހައްމަދު ނަޝީދަށް މިރޭ ދީފައިވާ ނުރައްކާތެރި ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކުރާ ކަމަށެވެ. އަދި މި މައްސަލަ މިހާރު ދިވެހި ފުލުހުންނާއި ސިފައިން ތަހުގީގު ކުރަމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދުގެ ގެކޮޅު ގ. ކެނެރީގެ ކައިރި އެއްޗެއް ގޮއްވާލުމާއި ގުޅިގެން ރައީސް ނަޝީދަށް ވަނީ އަނިޔާވެސްވެފައެވެ. އެމަނިކުފާނަށް މިވަގުތު އޭޑީކޭގައި ފަރުވާ ދެމުންދާއިރު އެއްޗެއް ގޮވާފައިވަނީ އެމަނިކުފާނު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ކަމަށް އެނގިފައިވެއެވެ.
މިރޭގެ ހަމަލާއާ ގުޅިގެން މަޖިލީހުގެ ކުއްލި ޖަލްސާއެއްވެސް ވަނީ ފަށާފައެވެ. ރައްޔިތުންގެ މަޖިިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސިއްހީ ހާލުކޮޅާ ގުޅޭ ފުރިހަމަ މައުލޫމާތު ލިބެންދެން މިރޭ ފެށި ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާ ކުރިއަށް ގެންދަންވެސް ވަނީ ނިންމަވާފައެވެ.
ކޮމެންޓު ފޮނުވާ