ހަމަލާއާއި ގުޅިގެން ފުލުހުންގެ އެލާޓް ލެވެލްވެސް މަތިކޮށްފި

ހަމަލާއާއި ގުޅިގެން ފުލުހުންގެ އެލާޓް ލެވެލްވެސް މަތިކޮށްފި

Author
މުޙައްމަދު ޝަޒައިމް
06 މެއި 2021 11:02
0

މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ފުލުހުންގެ އެލާޓް ލެވެލްވެސް މަތިކޮށްފިއެވެ.

މިރޭ ހިނގި ހާދިސާއާ ގުޅިގެން ފުލުހުންގެ ހިދުމަތުގެ އެލާޓް ލެވެލް، ލެވެލް 3 އަށް މަތިކޮށް ބޮޑު އިސްކަމެއްދީގެން ތަހުގީގުގެ މަސައްކަތް ވަނީ ފަށައިފައެވެ. މިހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ދަނީ މިހާރުވެސް ހަރަކާތްތެރިވަމުންނެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާއާއި ގުޅިގެން އެމްއެންޑީއެފްގެ ސެކިޔުރިޓީ ވަރުގަދަކޮށް، އެލާޓް ސްޓޭޓަސް ވަނީ މަތިކޮށްފައެވެ. އެމްއެންޑީއެފްއިން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދު، ކެނެރީމަގުގެ ކޮޅުން މަޖީދީމަގާ ވީ ކޮޅުން އެ މަނިކުފާނު ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައި، އެމަނިކުފާނުގެ ހަށިކޮޅަށް ގެއްލުން ލިބިވަޑައިގަތުމާ ގުޅިގެން އެމްއެންޑީއެފް އަންނަނީ ހަރަކާތްތެރިވަމުންދާކަމަށެވެ. އަދި މިކަމާ ގުޅިގެން އެމްއެންޑީއެފްގެ ސެކިޔުރިޓީ ވަރުގަދަކޮށް، އެލާޓް ސްޓޭޓަސް ވަނީ މަތިކުރެވިފައިވާކަމަށެވެ.

މަޖީދީމަގުގައި މިރޭ އެއްޗެއް ގޮއްވާލި ހާދިސާއަކީ ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާއެއްކަމަށާއި، އެކަން އެންމެ ހަރުކަށި އިބާރާތުން ސިޔަސީ ފަރާތްތަކާއި އާންމު ރައްޔިތުންވެސް ދަނީ ކުށްވެރިކުރަމުންނެވެ. މާލޭ މަޖީދީ މަގުން، ގ. ކެނެރީގޭ ކައިރީގައި މިރޭ 20:20 ހާއިރު އެއްޗެއް ގޮއްވާލީ އެސަރަޙައްދުގައި އޮތް ރައީސް ނަޝީދުގެ ކާރުކޮޅަށް އެމަނިކުފާނު އަރައިވަޑައިގަންނަވަނިކޮށެވެ. އަދި މިހާދިސާގައި އަނިޔާތަކެއް ލިބުމާއި ގުޅިގެން ރައީސް ނަޝީދަށް ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ޓެރަރިޒަމްގެ އަމަލެއްކަމަށާއި، މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި ރައީސް ނަޝީދަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާކަމަށްވެސް މައުމޫން ވިދާޅުވިއެވެ. ކުރީގެ ރައީސް ވަޙީދު ކުރެއްވި ޓްވީޓެއްގައި، އެމަނިކުފާނުވެސް ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ކުށްވެރިކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.