ހަމަލާއާއި ގުޅިގެން އެލާޓް ސްޓޭޓަސް މަތިކޮށްފި

ހަމަލާއާއި ގުޅިގެން އެލާޓް ސްޓޭޓަސް މަތިކޮށްފި

Author
މުޙައްމަދު ޝަޒައިމް
06 މެއި 2021 10:06
0

ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާއާއި ގުޅިގެން އެމްއެންޑީއެފްގެ ސެކިޔުރިޓީ ވަރުގަދަކޮށް، އެލާޓް ސްޓޭޓަސް ވަނީ މަތިކޮށްފިއެވެ.

އެމްއެންޑީއެފްއިން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދު، ކެނެރީމަގުގެ ކޮޅުން މަޖީދީމަގާ ވީ ކޮޅުން އެ މަނިކުފާނު ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައި، އެމަނިކުފާނުގެ ހަށިކޮޅަށް ގެއްލުން ލިބިވަޑައިގަތުމާ ގުޅިގެން އެމްއެންޑީއެފް އަންނަނީ ހަރަކާތްތެރިވަމުންދާކަމަށެވެ. އަދި މިކަމާ ގުޅިގެން އެމްއެންޑީއެފްގެ ސެކިޔުރިޓީ ވަރުގަދަކޮށް، އެލާޓް ސްޓޭޓަސް ވަނީ މަތިކުރެވިފައިވާކަމަށެވެ.

މަޖީދީމަގުގައި މިރޭ އެއްޗެއް ގޮއްވާލި ހާދިސާއަކީ ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާއެއްކަމަށާއި، އެކަން އެންމެ ހަރުކަށި އިބާރާތުން ސިޔަސީ ފަރާތްތަކާއި އާންމު ރައްޔިތުންވެސް ދަނީ ކުށްވެރިކުރަމުންނެވެ.  މާލޭ މަޖީދީ މަގުން، ގ. ކެނެރީގޭ ކައިރީގައި މިރޭ 9:00 ހާއިރު އެއްޗެއް ގޮއްވާލީ އެސަރަޙައްދުގައި އޮތް ރައީސް ނަޝީދުގެ ކާރުކޮޅަށް އެމަނިކުފާނު އަރައިވަޑައިގަންނަވަނިކޮށެވެ. އަދި މިހާދިސާގައި އަނިޔާތަކެއް ލިބުމާއި ގުޅިގެން ރައީސް ނަޝީދަށް ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ޓެރަރިޒަމްގެ އަމަލެއްކަމަށާއި، މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި ރައީސް ނަޝީދަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާކަމަށްވެސް މައުމޫން ވިދާޅުވިއެވެ. ކުރީގެ ރައީސް ވަޙީދު ކުރެއްވި ޓްވީޓެއްގައި، އެމަނިކުފާނުވެސް ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ކުށްވެރިކޮށްފައެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީތަކާއި، އާންމު ރައްޔިތުންވެސް ދަނީ މިކަން ކުށްވެރި ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.