ކުރު ވާހަކަ: ނަޒަރު

ކުރު ވާހަކަ: ނަޒަރު

ކޮންސަލްޓޭޝަން ރޫމުން ނުކުމެގެން ޑރ ނާސިމާ ދިޔައީ، ސިއްޙީ މަރުކަޒުގެ ބަގީޗާއަށެވެ. ބަލާނެ އެއްވެސް ބަލި މީހަކުވެސް ނެތުމާއި އެކުގައެވެ. އޭރު ދަމަކަށް އިރުއަރައި ފަތިހުގެ ފިނިން ދުނިޔެ ހީފިލައި ޖައްވު ހޫނު ވެއްޖެއެވެ.

ވަލުފަރާތުން ސިއްޙީމަރުކަޒުގެ ގޯތީގައި ހައްދާފައިވާ ބޮޑު ބަގީޗާގެ ގޮނޑިއެއްގައި ޑރ ނާސިމާ އިށީނީ، ގާތުގައި ހުރި ބޮޑު ޖަނބުރޯލު ޖަހަކުން ޖަނބުރޯލެއް ބިނދެ، އެތަނުގައި ހުރި ބޯފެން އިސްކުރުން ދޮވެލުމަށްފަހުގައެވެ. އެއް އަތުގައި އޮތް ޖަނބުރޯލް އަނގަޔަށްލައި ހަފާލަމުން، ޑރ ނާސިމާ ގޮނޑީގައި އިށީނީ ފޯނުގެ ލޮކު ހުޅުވާލަމުންނެވެ. ފޯންގެ ސްކްރީން ހުޅުވާލުމާއިއެކު، ފޯނުން ޑޮކްޓަރ ނާސިމާއަށް ގެނެސްދިނީ އެއްހަރު ކުރީގެ ހަނދާންތަކެވެ. ދަރިފުޅާއިއެކު ނަގާފައިވާ ފޮޓޯތަކެއް ފޯނުގެ ހިސްޓްރީން ހަނދާން އާކޮށްލައިދިނީއެވެ.

ޑރ ނާސިމާގެ ލޮލުން ކަރުނަ ހިލުނެވެ. ޖަނބުރޯލުކޮޅު ކަރުގެ ތެރޭގައި ތާށިވިހެން ހީވިއެވެ. ދެވަނަ ސިކުންތުގައި އޭނާ ފޯނު ލޮކު ކޮށްލުމަށްފައިގައި ކައިރީ ހުރި މޭޒުމަތީގައި ބޭއްވިއެވެ. ހިފެހެއްޓުމެއް ނެތި ކަރުނަތައް ދެލޮލުގެ އެސްފިޔަތަކުގެ ތެރޭން ކޯތާފަތްމައްޗަށް އޮހިގަތެވެ.

މާލެ ދޫކޮށް، ރަށްފުށުގެ އެކަހެރި ރަށަކަށް ޑރ ނާސިމާ އައީވެސް ދަރިފުޅުގެ ހަނދާންތަކާއި ދުރުވާށެވެ. އަލުން ބަލުން ދިރިއުޅޭނެ ގޮތެއް ހޯދާށެވެ. ފިރިމީހާގެ ގާތުން ވަރިވީ ކުއްވެރިއަކީ ޑރ ނާސިމާ ކަމުގައި ފިރިމީހާ ޤަބޫލު ކުރާތީއެވެ. އޭނާއަށް ދަރިފުޅު ނުބެލުނީއެވެ. ނުބެލެހެއްޓުނީއެވެ. އެއީ ފިރިމީހާ ދެކޭ ނަޒަރެވެ. ފަހަރުގައި އެއީ ހަޤީޤަތަކަށްވެސް ވެދާނެއެވެ.

ޒަޚަމްވެފައިވާ ހިތަކާއި އެކު، ނުވެސް ދަންނަ މާދުރު ބައެއްގެ ތެރެއަށް ޑރ ނާސިމާ އައީވެސް އެހެންވެއެވެ. ހައެއްކަ ސަތޭކައެއްހާ މީހުން ދިރިއުޅޭ މިކުޑަކުޑަ ރަށަކީ އޭނާގެ ހިތާމަތަކަށް ލުޔެއް ހޯދަން އޭނާ އިޚްތިޔާރު ކުރި ތަނެވެ. ރީތި ހިތްގައިމު ރަށެކެވެ. ބޯ ޖަންގަންޔަކާއި، ހިތްގައިމު ކުޅިއެއް އޮވެއެވެ. ޒަމާނަށް ހޭލެވިފައި ނެތަސް މިރަށުގެ ގިނަ މީހުންނަކީ ގުޅިގެން އުޅޭ ބައެކެވެ. ގިނަ ބައެއްގެ އުފަލަކަށް ވެފައި އޮތީ ގަސް ހެއްދުމެވެ.

ވަށައިގެންވާ މާހައުލަށް ހިތްދޫކޮށްލެވޭތޯ، ހަޔާތުގެ ހިތި ހަނދާންތަކާއި ދުރަށް ދެވޭތޯ ޑރ ނާސިމާ މަސައްކަތް ކުރަމުން ދިޔައެވެ. އެކަމަކު ސިއްޙީ މަރުކަޒުގެ ގޭޓާއި ވީ ފަރާތުން ބަޔަކު ހަޅޭ ފަޅޭޖަހަމުން އަންނަ އަޑުއިވިފައި ޑރ ނާސިމާއަށްވެސް ދުއްވައި ގަނެވުނީއެވެ.

ސިއްހީ މަރުކަޒުގެ ވަލުފަރާތުން ވަދެގެން ޑރ ނާސިމާއަށް ލޮބީ އޭރިއާއަށް އާދެވުނު އިރު، ހަތަރު މީހަކު ފަތްޖެހި އެނދެއްގެ މަތީގައި، ސާދަ ފަނައަހަރުގެ ކުއްޖަކު ބާއްވައިގެން އައިސް ވަންނަނީއެވެ. ފަހަތުގައި ހުރި އަންހެނަކު އަޑުން އަޑުނަގައި ބާރަށް ރޮއެވެ. އެހެން އަންހެނުން ތަކެއްވެސް އޭރު ފަހަތުން އާދެއެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ ހިތާމަޔާއި މޮޅިވެރިކަމެވެ.

"ޕްރޮސީޖަރ ރޫމަށް ވައްދާ" ފަތްޖެހި އެނދު ލޮބީގެ ތެރޭގައި ބެހެއްޓުމާއިއެކު، ޑރ ނާސިމާ އެމީހުން ގާތުގައި ބުންޏެވެ. އޭގެ ތެރެއި އެކަކު އެކުއްޖާ އަތްދަނޑިމައްޗަށް ނަގައިގަނެގެން ޕްރޮސީޖަރރޫމަށް ވަންނަން ދިޔައިރު، ފަހަތުން ވަންނަމުން ޑރ ނާސިމާ ވީކީއްތޯ އަހާލިއެވެ.

"ދަންޖެހުނީ. މަގޭދަރި ދަންޖެހުނީ." އަންހެންމީހާ ރޮއެގަތެވެ. ޑރ ނާސިމާއަށް ހީވީ އޭނާގެ މޫނު މަތީގައި މީހަކު ބާރު އެތިފަހަރެއް ވިހެލިހެންނެވެ. މޫނުމައްޗަށް އަނދިރިވެގެން ދިޔަވަގުތު ޑރ ނާސިމާއަށް ހިފެހެއްޓުނީ ދޮރުކަނީގައެވެ. ފަހަތުން އައިސް ޑރ ނާސިމާގެ ގައިގައި ހިފެހެއްޓީ ސިއްޙީމަރުކަޒުގެ ހަމައެކަނި ނަރުސް ޕްރިޔަންކާއެވެ.

ހަމަޔަކަށް އެޅެން ޑޮކްޓަރ ނާސިމާއަށްވެސް ހިނދުކޮޅެއް ބޭނުންވިއެވެ. ހަރަކާތް ހުއްޓިފައިވާ ކުއްޖާގެ މޭގައި ކަށިގަނޑު ޖައްސާލީ، ކުއްޖާ ދިރިއޮތްތޯ ބަލާށެވެ. އޭރު އެކުއްޖާގެ ނޭވާ އޮތީ ހުއްޓިފައެވެ.

ހާސްވެ ކަންބޮޑުވެފައި ހުރި ވަރުން، ޑރ ނާސިމާއަށް އިވެނީ އޭނާގެ އަމިއްލަ ހިތު ވިއްދުގެ އަޑެވެ. ކުއްޖާގެ ހިތުގެ ވިންދުގެ އަޑު ކަށިގަނޑުން ނުއިވުމުން، ވިންދު ހުރިތޯ ދެނެގަތުމަށް ކަނދުރާގައި ހިފާ އޮބާލީ ލޮލުން ފޭބި ކަރުނަތައް ފޮހެލަމުންނެވެ.

"ވިންދު އެބަހުރި. ވެންޓިލޭޓަރު، ވެންޓިލޭޓަރު ރެޑީ ކުރޭ." ޑރ ނާސިމާއަށް ލަވައިގަނެވުނީ ހަޅޭކެވެ. ކުއްޖާއަށް ސީޕީއާރްދީ ނޭވާ ލެއްވޭތޯ، ޑރ ނާސިމާ މަސައްކަތް ފަށައިގަތެވެ.

ނަރުސްކުއްޖާ ގެނެސް ދިއްކޮށްލީ ހޭންޑް ޕަމްޕެކެވެ. ކުއްޖާ ނޭވާލެއްވޭތޯ އުއްމީދު ކަނޑާނުލައި ޑރ ނާސިމާ މަސައްކަތް ކުރަމުން ދިޔައެވެ. އެކަމަކު ފަސްވަރަކަށް މިނިޓް ވީއިރުވެސް އެއްވެސް ރެސްޕޮންޑެއް ނައުމުން، ޑރ ނާސިމާގެ ހިއްވަރު އެލިއްޖެއެވެ.

"ދަރިފުޅާ! އެނބުރި އާދޭ! ދަރިފުޅާ! އެނބުރި އާދޭ!" ޑރ ނާސިމާ އަސަރާއިއެކު ކުއްޖާއަށް ގޮވަމުން ދިޔައެވެ.

ކުއްޖާ ހަށިފުރާ ނޭވާއެއް ލުމާއިއެކުގައި، ޑރ ނާސިމާއަށް ހިއްވަރު ލިބިއްޖެއެވެ. އޭނާ އަތްމަތި އަވަސް ކުރިއެވެ. ކެނިއުލަ ޖަހައި، ބޭހާއި އިންޖެކްޝަންތައް ތައްޔާރު ކުރަން ނަރުހަށް އެނގިއެވެ. އަދި އެހެން މީހުން ކޮޓަރިން ނުކުތުމަށް އެންގިއެވެ.

މަރުކަޒަށް ގެނައިރު، މުޅިން ހުއްޓިފައި އޮތް ކުއްޖާގެ ހިތު ވިންދު އަލުން ހަމަޔަކަށް އެޅި ނޭވާލާން ފެށުމުން ޑރ ނާސިމާއަށް ލިބުނީ ބަޔާން ނުކުރެވޭފަދަ ހިތްހަމަ ޖެހުމެވެ. އޭނާއަށް އިހްސާސްވީ އޭނާގެ ދަރިފުޅު އެނބުރި އައީކަމަށެވެ.

ކުއްޖާ މަރުން ސަލާމަތް ކުރެވުނަސް އޭނާގެ ހާލަތު އަނެއްކާވެސް ގޯސްވެގެން ދިޔުމުގެ ފުރުޞަތު އޮންނާތީ، ކުއްޖާއަވަހަށް މާލެއަށް ގެންދިޔުމަށް ޑރ ނާސިމާ ކަމާއި ބެހޭ ފަރާތްތަކަށް އެންގިއެވެ. ރަށްފުށުގެ ކުޑަ ސިއްޙީ މަރުކަޒެއްގައި ވަސީލަތާއި ތަކެތި ނެތް މިންވަރު މިވީ މަދު ވަގުތުކޮޅުގެ ތެރޭގައި، އިހްސާސްވެއްޖެއެވެ.

ޑރ ނާސިމާވެސް އެކުއްޖާއަށް ބަލާލާފައި ހީކުރީ އެއީ އަންހެން ކުއްޖެއް ކަމަށެވެ. މޫނުގެ އޮމާން ކަމާއި، ބުމައިގެ ފާޅު ކަމާއި ކަޅިރަވައިގެ ތޫނުކަމާއި، ކޮނޑާއިހަމަށް އޮތް ފަށުވި ފަށްތަކެއް ފަދަ ރީތި އިސްތަށިގަނޑާއި، ހިމަހޯލި އިނގިލިތަކާއި، ކުރަކި ކަމެއްނެތް އަތުގެ ހަންގަނޑުން ބުނެދެނީ ގުދުރަތުގެ ފުރިހަމަކަނެވެ. އެކަމަކު ދެވަނަ ސިކުންތުގައި ޑރ ނާސިމާއަށް ސަބަބު ވިސްނިއްޖެއެވެ. އެއީ އޭނާގެ ހަޔާތުގެ އެންމެ ބޮޑު ހިތާމައެވެ.

ޑރ ނާސިމާގެ ދަރިފުޅަކީވެސް ހަމައެހާ ރީތި ކުއްޖެކެވެ. އޭނާ ފޮޓޯއަކުން ފެންނަ މީހަކުވެސް ހީކުރާނީ އެއީ އަންހެން ކުއްޖެއްކަމަށެވެ. ބައްދަލުވާ މީހުންވެސް ބައެއް ފަހަރު އެހެން ހީކުރެއެވެ. ގޭތެރެއިންނާއި ބޭރު ތެރެއިން ސްކޫލުތެރެއިންނާއި ކުލާސްތެރެއިން ނާސިމާގެ ދަރިފުޅުވެސް ބުލީގެ އެތައް ވޭނެއް ތަހައްމަލު ކުރިއެވެ.

ނާސިމާ މިއަދުވެސް ހަނދާން އެބަހުއްޓެވެ. އުމުރުގެ އެހެން ކުދިންގޮތަށް ތުނބުޅި މަތިމަސް ބޯކޮށް ނުފަޅައިގެން ކުރި ޝަކުވާއެވެ. އެކަމަށް ބޭހެއް ނުހުރޭތޯ އެހި ވާހަކައެވެ. އޭނާވެސް ބޭނުމީ ސްމާޓް ފިރިހެނަކަށް ވާށެވެ. އެކު އުޅޭ ކުދިން ރަނޑެކޭ އަންހެނެކޭ ގޮވާއަޑު އަހާކަށް ބޭނުމެއް ނުވެއެވެ. ބަކީކޮށް ދުރުކޮށްލާކަށް ބޭނުމެއް ނުވެއެވެ. އެކަމަކު ދަރިފުޅުގެ ހާލަތާއި ކުއްޖާގެ ހިތުގައި އަޅަމުންދާ ވޭންތައް ޑރ ނާސިމާއަށް ވިސްނުނު އިރު މާބޮޑަށް ލަސްވެއްޖެއެވެ.

ޑރ ނާސިމާ އާއި ފިރިމީހާ ރަޒީންގެ ހުރި ހަމައެކަނި ދަރިފުޅަކީ އެއީ ކަމަށްވާތީ، އަމިއްލަ ކޮޓަރި އާއި ލެޕްޓެޕާއި ޓެބްލެޓާއި ފޯނާއި އިންޓަރނެޓް އޭނާ ބޭނުން ކުރާނެ ގޮތަކަށް ބޭނުން ކުރަން އޮތީ ދޫކޮށްލާފައެވެ. ސްކޫލުން އައުމަށްފަހު ގިނަ ވަގުތު ދަރިފުޅު ވަގުތު ހޭދަކުރާނީ ކޮޓަރީގައެވެ. ތިމާގެ އެހެން ފިރިހެން ކުދިންނާއިއެކުވެސް އޭނާ ތަނަކަށް ނުދާނެއެވެ.

ޑރ ނާސިމާގެ ދިރިއުޅުން ޤިޔާމަތެއް ފަދައިންވީ، އޭނާގެ ދަރިފުޅު ދަންޖެހިގެން މަރުވި ދުވަހުގައެވެ. ސްކޫލަށްދާން ނުނުކުމެގެން ގޮވާގޮވާ ނުހުޅުވައިގެން ކޮޓަރި ދޮރު ހަލާކުކޮށްލައިގެން ވަތް އިރު ދަރިފުޅު ހުރީ ދަންޖެހިގެން މަރުވެފައެވެ. ދިރިއުޅުމުގެ ގޮންޖެހުންތަކަށް އޭނާއަށް ކެތް ނުކުރެވުނީއެވެ.

ދަރިފުޅުގެ މަރުގެ ސަބަބު، ބުނެދިނީ އޭނާގެ އަތުލިޔުމުން މަންމައަށް ލިޔެފައި އޮތް ސިޓީންނެވެ. އެސިޓީގެ ކޮންމެ އިބާރާތެއް ޑރ ނާސިމާއަށް ހިތުގައި ބިންވަޅު ނެގިފައި ވަނީ، ހިލައިގައި ބިންވަޅު ކަނޑާނެގިފައިވާ ފަދައިންނެވެ. އެސިޓީގައި ދަރިފުޅު ކޮށްފައިވާ ސުވާލުތަކެވެ. " މަންމާއެވެ. އަހަރެންނަށް އަހަރެންގެ ސިފަޔާއި އަޑަކީ އަހަރެން އަމިއްލައަށް ހޯދި އެއްޗެއް ނޫންކަން، މަންމަ އާއި ބައްޕަ އާއި އެހެން މީހުންނަށް ނުވިސްނެނީ ކީއްވެ ހެއްޔެވެ؟ ދުނިޔޭގައި މިކަމަށް ފަރުވާއެއް ނެތީ ކީއްވެހެއްޔެވެ؟"

ފަރުވާއެއް ހޯދަންވީ އެކަމަކަށް ނޫނެވެ. މުޖުމަތަމުގެ މީހުން ކަންކަން ދެކޭ ގޮތާއި އެމީހުންގެ ނަޒަރަށެވެ. ޚަލްޤު ކުރެއްވުމާއި، މަރާއި ދިރިހުރާއި މެދު ބެލޭ ނަޒަރިއްޔާތަށެވެ. އެދުވަހަށް ފަހު ޑރ ނާސިމާއަށް ވިސްނުނީ އެގޮތަށެވެ.

ދަރިފުޅުގެ ކުރިމަގާއި އޭނާގެ ހާލާއި މެދު، ޑރ ނާސިމާއަށް ވިސްނާ ލެވުނު ނަމަ، ދަރިފުޅު ވަކިވެގެން ނުދިޔައީހެވެ. އޭނާ އެކަނިވެރި ނުވީހެވެ. ދުނިޔޭގައި އެކި މީހުން ލެއްވުނީ އެކި ހާލުގައިއެކި ގޮތަށެވެ. އެހެންކަމުން އަބުރުވެރި ހަމަޖެހޭ ދިރިއުޅުމެއް ހޯދޭނެ މަގު ދަރީންނަށް ފަހިކޮށްދިނުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. މަލާމާތާއި ފުރައްސާރަ އާއި ބުލީން ދަރީން ސަލާމަތްވުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވެނީ މައިންބަފައިންނަށެވެ. އެކަމަކު ޑރ ނާސިމާއަށްވެސް އެކަން ނުކުރެވުނީއެވެ.

މަރާ ހަނގުރާމަ ކުރަން އޮތް ކުއްޖާގެ މަންމަ ގެނެސް ޑރ ނާސިމާ ވާހަކަ ދެއްކިއެވެ. ހަމަ ޑރ ނާސިމާގެ ދަރިފުޅު ކުރި ޝަކުވާއެވެ. ހަމަ އެވޭނާއި ކެކުޅުމެވެ. ކުއްޖާ ތަހައްމަލު ކުރަމުން އައި ދިރިއުޅުން މަންމަ ކިޔައިދެމުން ދިޔައިރު ޑރ ނާސިމާއަށްވެސް ކެތްކުރެވޭ ވަރެއް ނުވިއެވެ.

" އަހަރެންގެ ދަރިފުޅަށް ދޭނެ ބޭހެއް ނެތް ހެއްޔެވެ؟" ދެލޯ ފޮހެމުން އަންހެން މީހާ ބުންޏެވެ.

ބޭސްދޭން ޖެހެނީ އެކުއްޖާއަކަށް ނޫނެވެ. ބޭސްފަރުވާ ކުރަންޖެހެނީ މިމުޖުތަމުގައި ތިބި ބައެއް މީހުންގެ ސިކުނޑިއަށެވެ. އެމީހުންގެ ނަޒަރު ބަދަލުކުރާށެވެ. އެމީހުންގެ އިހްސާސްތައް ބަދަލުކުރާށެވެ.

ޑރ ނާސިމާގެ ދަރިފުޅު ފަދައިން ދެވަނަ ކުއްޖަކުވެސް މިގެއްލެނީއެވެ. އެކަމަކު މިކަން ހުއްޓުވާނެ ގޮތެއް ޑރ ނާސިމާއަކަށްވެސް ނުވިސްނެއެވެ. މީހުން ދެކޭގޮތް ބަދަލު ކުރާނެ ގޮތެއް ނޭނގެއެވެ. މަލާމާތާއި ފުރައްސާރަ އާއި ބުލީ ކުރުމާއި ޖިންސީ ޖިސްމާނީ އަދި ނަފްސާނީ ގޯނާތަކުގައި އެތައް ކުއްޖެގެ ހަޔާތުގެ ނޫރު ނިވިދާން ދޫކޮށްލާން ވީހެއްޔެވެ؟

ޑރ ނާސީމާގެ ދަރިފުޅުގެ ފުރާނަ ސަލާމަތް ނުކުރެވުނަސް މިކުއްޖާގެ ފުރާނަ ސަލާމަތް ކުރެވިއްޖެއެވެ. އެކަމަކު އަލުން އާއްމު ހާލަތެއްގައި އޭނާއަށް ދިރިއުޅެވޭނެ އެކޭ، ޑރ ނާސިމާގެ ހިތެއް ނުބުނެއެވެ. އެއީ ނޭވާ ނުލެވި ދިޔަ ވަގުތުގައި ސިކުނޑިއަށް އޮކްސިޖަން ނުލިބި ސިކުނޑީގެ ބައެއް ސެލްތައް މަރުވެފައި ވާނެކަން ޔަޤީންވާތީއެވެ. ވެންޓިލޭޓަރާއި ސްކޭން މެޝިންތައް ނެތް މި އާދައިގެ ސިއްޙީ މަރުކަޒުގައި ކުއްޖާގެ ހާލަތުވެސް ދެނެގަނެވޭކަށް ނެތެވެ.

ސީއެންބިއުލާންސްގައި ހަވީރު ކުއްޖާ މާލެ ފުރުވާލާފައި، ޑރ ނާސިމާ ގެއަށް އައީވެސް ރޮމުންނެވެ. އޭނާގެ ޒަޚަމްވެފައިވާ ހިތުގައިވާ ހަނދާންތައް މިއަދު އިތުރަށް އާވެއްޖެއެވެ. ކުއްވެރިއެއްކަން މާބޮޑަށް އިހްސާސްވެއްޖެއެވެ.

– ނިމުނީ –

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *