އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުން ބަންގްލަދޭޝްގެ އަބަހާނީ ލިމިޓެޑް ޑާކާ ވަކިވުމުން އޮޓަމެޓިކުން ރާއްޖޭގެ ކްލަބް އީގަލްސް ޕްލޭއޮފް ބުރަށް ކޮލިފައިވެއްޖެއެވެ.
ބަންގްލަދޭޝްގެ އަބަހާނީ ޓީމަކީ އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ސްޓޭޖުގައި ކްލަބް އީގަލްސް އާއި ދެކޮޅަށް ކުޅެން އޮތް ޓީމެއެވެ. އެހެންކަމުން ޕްލޭއޮފް މެޗުގައި އީގަލްސް ނުކުންނާނީ އިންޑިއާގެ ބެންގަލޫރް އެފްސީ އާއި ދެކޮޅަށެވެ. މި މެޗު އަންނަ މަހުގެ 11 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވަނީ މާލޭ ސިޓީގައެވެ. މި މެޗުން މޮޅުވާ ޓީމެއް ގްރޫޕް ސްޓޭޖަށް ކޮލިފައިވާނެއެވެ.
އޭއެފްސީ މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބަންގްލަދޭޝްގައި ކޯވިޑް-19 ގެ ހާލަތު އޮތްގޮތުން ދަތުރުފަތުރު ކުރުމަށް ބުރޫ އަރާފައިވާތީ އަބަހާނީ އަށް ދެން މި މުބާރާތުގައި ކުރިއަށްދެވޭނެ ގޮތެއް ނެތިގެން މުބާރާތުން ވަކިވީ ކަމަށް އޭއެފްސީގެ ސަބް ކޮމިޓީއަށް ގަބޫލްކުރެވޭކަމަށެވެ.
ޕްރިލިމިނަރީ ސްޓޭޖުގައި އީގަލްސް އާއި އަބަހާނީ އެންމެ ފުރަތަމަ މެޗު ކުޅެން ތާވަލްކޮށްފައިއޮތީ އޭޕްރިލް މަހުގެ 14 ވަނަ ދުވަހު ބަންގްލަދޭޝްގައެވެ. ނަމަވެސް ކޯވިޑް-19 ގެ ހާލަތު އެ ޤައުމުގައި ގޯސްވުމުގެ ސަބަބުން އެ މެޗު ކުޅެވޭގޮތް ނުވީއެވެ. އޭގެ ފަހުން މިމަހުގެ 21 ވަނަ ދުވަހު ނޭޕާލުގައި މި މެޗު ކުޅެވޭތީ އަބަހާނީން މަސައްކަތްކުރިއެެވެ. އެ މަސައްކަތްވެސް ކާމިޔާބުނުވުމުން ހާއްސަ ވިސާއެއް ހޯދުމަށް ފަހު މިދިޔަ އާދިއްތަ ދުވަހު އިންޑިއާގައި އެ މެޗު ކުޅެވޭތޯވެސް މަސައްކަތް ކުރިއެވެ.
ޕްލޭއޮފް މެޗުގައި އީގަލްސް އާއި ބެންގަލޫރް އެފްސީ ތެރެއިން މޮޅުވާ ޓީމެއް ކޮލިފައިވާނީ ގްރޫޕް ޑީ އަށެވެ. މި ގްރޫޕްގައި ދެން ހިމެނޭ ޓީމު ތަކަކީ، ރާއްޖޭގެ މާޒިޔާ އާއި އިންޑިިއާގެ މޯހަންް ބަގާން އާއި ބަންްގްލަދޭޝްގެ ބަޝުންދުުރާ ކިންގްސްއެވެ.
އެ ގްރޫޕްގެ ހުރިހާ މެޗެއް އޮންނާނީ އަންނަ މަހުގެ 14 އިން 21 އަށް މާލޭގައެވެ.
ކޮމެންޓު ފޮނުވާ