ކުރު ވާހަކަ: ތަފާތު

ކުރު ވާހަކަ: ތަފާތު

ކައްދޫ އެއާޕޯޓަށް ފްލައިޓް ޖެއްސުމާއި އެކު ފަސިންޖަރުންތައް ފައިބަން އުޅެގެންފިއެވެ. ޒިޔާދާގެ ދަރިފުޅު ޒޯޔާ އާއި ޒައިންވެސް އަވަހަށް ބޯޓުން ފޭބުމަށް ބޮޑާހާކަން ފަށައިފިއެވެ. އެކަމަކު ޒިޔާދާ ދަރީންގެ އަތުގައި ހިފެހެއްޓިއެވެ. އެހެން މީހުން ފައިބައި ނިމެންދެން މަޑުކޮށްލިއެވެ. މަންމަޔާއި ދަރިފުޅާއި އެކު ޒިޔާދާ އެއައީ އީދުބަންދުގެ ޗުއްޓީ ހޭދަކޮށްލާށެވެ. މާލޭގެ ބައިބޯ އަދި އަޑުތައް ގަދަވެށިން ހިނދުކޮޅަކަށް ނަމަވެސް ސަލާމަތް ވުމަށެވެ. އުފާވެރި ވަގުތުކޮޅެއް ދަރީންނާއި އެކު ހޭދަކޮށްލުމަށެވެ.

ފިރިމީހާ ނަސީމަށް ނާދެވުނީ އޭނާގެ ބިޒީ ޝެޑިއުލްގެ ސަބަބުންނެވެ. އޭގެ އިތުރަށް ޗުއްޓީއެއް ނަގައިފި ނަމަ ލިބޭ އާމްދަނީ މަދުވެ ދެކޮޅުޖައްސާނެ ގޮތެއް ނެތަތީއެވެ. ޒިޔާދާއާއި ނަސީމް މަސައްކަތްކޮށްގެން ލިބޭ އެއްޗަކުން ކިރިޔަކިރިޔާ ދެކޮޅު ޖެހެނީއެވެ. ނަސީމްގެ އަމިއްލަ ގެދޮރު ހުއްޓަސް އެއީ އަލިފާންފޮއްޓެއްވަރުގެ ކުޑަ ތަންކޮޅެކެވެ. ހަށިފުރާ ނޭވާއެއްވެސް އެތާނގެ އެތެރޭގައި ލެވޭ ވަރެއް ނޫނެވެ.

ޒިޔާދާ ދެކުދިންނާއި މަންމައާއި އެކު ޓާމިނަލުން ނުކުތް އިރު ފިރިމީހާ ނަސީމްގެ ރައްޓެއްސަކު އެމީހުން ބަލާ އައިސް ހުއްޓެވެ. އަގުބޮޑު ރީތި މާސިޑީޒް ކާރެއްގައެވެ. ކާރަށް އެރެވުމުން ދެކުދިން ތިބީ އުފަލުން ފޮޅިފައެވެ. ކުދިންގެ އުފާވެރިކަން ފެނިފައި ޒިޔާދާއަށްވެސް ހިނިތުންވެލެވުނެވެ. ލަގެޖުތައް ޑިކީއަށް އަރުވައި ނިމުމުން ޑްރައިވަރު ކާރު ދުއްވާލައިފިއެވެ.

ހުރިހާއެންމެންވެސް ތިބީ ބޭރުން ފެންނަ މަންޒަރުތަކަށް ބަލާށެވެ. ކައްދޫގެ މަގުތަކުގައި ހައްދާފައިވާ ކުލަކުލައިގެ ބޯގަންވިލާ ގަސްތަކުގެ މާތައް ބިންމައްޗަށް ފައިބައި ބިން ފޮރުވިފައި އޮތެވެ. ތަރުތީބުން ދެފަރާތުގައި އިންދާފައިވާ ރުއްތަކާއި ކޮށައި އެއްވަރުކޮށްފައިވާ ދުނގެތި ގަސްތަކުން މަންޒަރު އިތުރަށް ފުރިހަމަކޮށް ދެއެވެ.

ކައްދޫ ތެރޭން ދުވަމުން ދިޔަ ކާރު މާންދޫ ކޯޒްވޭ މައްޗަށް އެރުމުން ކުދިން އުފަލުން އަތްޖަހަން ފަށައިފިއެވެ. މާންދޫއާއި ކައްދޫ އާއި ދެމެދުގައި އޮތް ތިލަފަޅު ތެރޭގައި މާކަނައާއި އިރުވާހުދާއި އެނޫންވެސް ދޫނިތައް އުޅެއެވެ. ހަވީރުގެ ވަގުތުކަމުން ކައުނަށް ފެތުރިފައިވާ އިރުގެ ރަންއަވިން މޫދުގެ ލޮނުގަނޑު ފެންނަމުން ދިޔައީ ރަންކުލައިގެ ސާލެއް ފަދައިން ވިދާ ބަބުޅާތީއެވެ. އެމަންޒަރުތަކުން މަރުވެފައިވާ ހިތްތަކަށް ދިރުން ލިބޭހާ ވެއެވެ.

"ހާދަ ރީއްޗޭ" ޒިޔާދާއަށް ބުނެލެވުނެވެ. މަންމަވެސް އޭނާ އާއި އެބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. މާންދޫ ތެރެއަށް ކާރު އެރުމާއި އެކު ދެންފެނުނީވެސް އެހާމެ ހިތްގައިމު މަންޒަރެކެވެ. ރީތި ރުއްދަނޑެކެވެ. ރުއްތަކުގެ ތެރޭގައި ކަނބިލިތައް ދުވާތީއާއި ކޮވެލިތައް އުދުހޭތީ އެމީހުންނަށް ފެނުނެވެ.

"އަހަރެން ހީވެސް ނުކުރަން ލާމު އަތޮޅަކީ މިހާ ރީތި ތަނެއް ކަމަކަށް؟" މަންމައަށް ބަލާލަމުން ޒިޔާދާ ބުންޏެވެ.

"އަދި ރީތި ތަންތަން ފެންނާނެ" ޑްރައިވަރުވެސް އެމީހުންނާއި ބައިވެރިވެލިއެވެ. މާންދޫ ފަސްދީ ގަމަށް ވަދެވުމާއި އެކު ދެންފެނުނީ އެއަށްވުރެ މާރީތި ތަނެކެވެ. މުޅި ރާއްޖެއަށް މަޝްހޫރު ގަމުގެ ޕަރީ ފެންގަނޑެވެ. ފެންގަނޑު ފަސްދީ ކާރު ދާންދެން އެންމެން ތިބީ އެތަނަށް ބަލާށެވެ. ގަސްތަކުގެ ކުރިއަށްއަރާ ފެންގަނޑުތެރެއަށް އެއްބައި ކުދިންތައް ފުންމައި މަޖާކޮށް ހަދާއިރު އެހެން ކުދީންތަކެއް ފެންގަނޑުގެ ކައިރީގައި މަސްހިފަން އުޅެއެވެ. އެއިން ކޮންމެ މަންޒަރެއް ފެންނަމީހެއްގެ ހިތަށް އުފާވެރިކަމާއި ހިތްހަމަޖެހުން ނުލިބިއެއް ނުދާނެއެވެ.

"މާލެއަކީ އުޅެން ހެޔޮވާވަރު ތަނެއް ނޫން މިތަނާ ބަލާފަ" މަންމަ ބުނެލިއެވެ. މަންމަގެ އެޖުމުލައިން ޒިޔާދާގެ ތުންފަތްމައްޗަށް ވެރިވީ ހިތި ހިނިތުންވުމެކެވެ.

މަގުތައްފަސްދީ ދަނޑުތައް ހައްދާފައިވާ ސަރަހައްދުގެ ތެރޭން މައިމަގުން ކާރު ދަތުރު ކުރަމުން ދިޔައިރު ތަފާތު ބާވަތްތަކުގެ މޭވާ އާއި ފަލަމަޑީގެ ބާވަތްތައް ހައްދާފައިވާ ބޮޑެތި ދަނޑުތައް އެމީހުންނަށް ފެނުނެވެ. އެއިން ކޮންމެތަނެއް ފެންނައިރަށް ޒޯޔާވެސް ޒައިންވެސް މަންމާ މިތަނަށް އަންނަންވާނެދޯއޭ ބުނެލައެވެ. އެއިން ކޮންމެ ފަހަރަކުވެސް ކުދިންނަށް ޖަވާބު ދިނުމުގެ ގޮތުން ޒިޔާދާ ހީލަނީއެވެ.

ކާރުއައިސް މަޑުކޮށްލީ ގަމުގެ ސިނާއީ ސަރަހައްދުގައި އެއްގޮތަށް ހަދާފައި ހުރި ދެގޭގެ ކައިރިއަށެވެ. ކޮންމެ ގެއެއްގެވެސް މަގުފާރު ވަކިވަރަކަށް ރާނައި މަތީގައި ސްޓެއިންލެސް ސްޓީލްގެ ދަގަނޑު ފްރޭމްތަކެއް ހަރުކޮށްފައި ވާއިރު ރީތި ބޮޑު ގޭޓެއް ހަރުކޮށްފައި ހުއްޓެވެ. ދެބުރިއަށް ހަދާފައިވާ އެދެގެ ހީވަނީ ދެގަނޑުވަރުހެންނެވެ. ގޯތި ތެރޭގައި ރީތިކޮށް ކާޕެޓް ވިނަ ހައްދައި ބަގީޗާ ހައްދާފައިވެއެވެ. ދެގޭގެ ގޯތި ތެރޭގައިވެސް ބޮޑު ދެޖަނބުރޯލުގަހާއި ދެއަނބުގަސް ހުރި އިރު ގަސްތައްވަނީ މޭވާއަޅާ ފުރިފައެވެ. ދެގޭގެ ގޯތިތެރޭގައިވެސް އެއްގޮތަށް ހަދާފައިވާ ރީތި ދެޕޫލް އޮތެވެ.

ޑްރައިވަރު ގޭޓު ހުޅުވާލުމާއި އެކު ކާރުން ފޭބިގޮތަށް ޒިޔާދާގެ އަތުގައިވެސް ނުޖެހި ދެކުދީން ގޯތިތެރެއަށް ދުއްވައިގެންފިއެވެ. ޖަނބުރޯލުތައް އަޅައި ގޮފިތައް ބަރާވެފައި އޮތް ގަހާއި ދިމާއަށެވެ. ޒިޔާދާ ކުދިން ހުއްޓުވޭތޯ އުޅުނެވެ.
"އަޅާ ނުލާބަލަ! މީހަކު އެއްޗެއް ނުބުނާނެ." ޑްރައިވަރު ބުންޏެވެ.
"މީކާކުގެއެއް؟ އެއްޗެއް ހަނދާންކުރާ ކަހަލަގޮތަކަށް ޒިޔާދާއެހިއެވެ.
"ފައިސަލް ކިޔާމީހެއްގެ ގެއެއް. މިގެމީ ގެސްޓްހައުސްއެއް ގޮތަށް ޗުއްޓީއަށް އަންނަ މީހުންނަށް ކުއްޔަށްދޭ ގެއެއް. ޖެހިގެން އެހުރީ މިގޭމީހުން އުޅޭގެ" ޑްރައިވަރު ބުންޏެވެ.
"ފައިސަލް…" އެއީ ޒިޔާދާ އަޑު އަހާނަމެކެވެ. އޭނާއާއި ގުޅުން ހުރި ނަމެކެވެ. މިގެއާއި މިފެންނަ މަންޒަރުތައް ޒިޔާދާއަށް ކޮންމެވެސް ކަމެއް އެބަ ހަނދާންކޮށްދެއެވެ. އެކަމަކު އެއީ ކޮންކަމެއް ހެއްޔެވެ؟

ގޯތިތެރެއަށް ވަދެ ޒިޔާދާ ރަނގަޅަށް ނަޒަރު ހިންގާލިއެވެ. ހިތާހިތުން ހާދަ ފުރިހަމައޭ ބުނެލިއެވެ. މިގެއަކީ ކުރިން އޭނާ އުޅުނު ތަނެއްކަމުގެ އިހްސާސްވަނީ ކީއްވެ ކަމެއް ޒިޔާދާއަކަށް ނުވިސްނުނެވެ. އޭނާ ފެންޑާގެ ހަރުފަތްތައް ގިރާކޮށް ގޭތެރެއަށް ވަނެވެ. އަގުބޮޑުފަރުނީޗަރާއި ރީތިކުލަތަކުން ފުރިހަމަ ކުރެވިފައިވާ ގެއެކެވެ. މުޅިގޭގެ ތިރީބައި އޮތީ ބަދިގެއާއި އެކު ސިޓިންގ ރޫމަށް ދޫކޮށްލާފައެވެ. ފުރަތަމަބުރިއަށް އަރަންހުރި ސިޑި ހުރީ ސިޓިންގ ރޫމަށެވެ.

"މިއީ އަހަރެން ކުރެހި ގެއެއް. ހަމަ އެގޮތަށް މިހުރީ. އެހެން ވިއްޔާ ފައިސަލް އަކީ…. ފައިސަލް" މަތީބުރީގެ ކޮޓަރިތަކާއި ބެލްކަނި ބަލާލުމަށްފަހު ޒިޔާދާއަށް ހިތާހިތުން ބުނެވުނެވެ.

ތެދެކެވެ. މިއީ ޒިޔާދާ ކުރަހައި ފަރުމާކުރިގެއެކެވެ. އޭނާގެ ހުވަފެނީ ގަނޑުވަރެވެ. ލޮލަށް ފެންނަ ފެނުން ޤަބޫލު ނުކުރެވުނަސް ޒިޔާދާ އަށް އެހުރެވެނީ އޭނާ ބިނާކުރި ހުވަފެނީ ގަނޑުވަރުގައެވެ. ކޮންމެ އެއްޗެއް އެހުރީ ޒިޔާދާ ބޭނުންވާ ގޮތަށެވެ. ބޭނުން ކުލައިގައެވެ. އެއްވެސް ތަފާތެއް ނެތިއެވެ.
"މިއީ ހަމަ އަހަރެންނަށްޓަކައި ފައިސަލް ކުރި މަސައްކަތްބާ؟" އަނެއްކާވެސް ޒިޔާދާއަށް އޭނާގެ ހިތާއި ސުވާލުކޮށް ލެވުނެވެ. ލޮލަށް ފެންނަ ފެނުން އޭނާއަކަށް ޤަބޫލެއް ނުކުރެވުނެވެ. އެކަމަކު އެއީ ހަޤީޤަތެވެ.

ޒިޔާދާ ސިޓިންގ ރޫމަށް ތިރިއަށް އައިރު ޑްރައިވަރު ލަގެޖްތައް ގޭތެރެއަށް ވައްދައިފިއެވެ. މަންމަ އޭރު އިނީ ދަތުރު ވަރުބަލި ފިލުވާލަން ސޯފާގައި އިށީނދެ ޓީވީ ހުޅުވައިގެންނެވެ. މަތީބުރީގައި ހުރި ދެކޮޓަރިއަށް ފޮށިތަންމަތި ވެއްދުމަށްފަހު ޑްރައިވަރު ހިނގައްޖެއެވެ. ސައި ހިފައިގެން އިރުކޮޅަކުން މީހަކު އަންނާނެއޭ ބުނެފައެވެ. ގޯތިތެރޭގައި ތިބި ދެކުދިން އަތަށް ޖަނބުރޯލްތަކެއް އަޅައިގެން ކަމުން ކަމުން އައިސް ސިޓިންގ ރޫމަށް ވަނެވެ.
"މަންމާ. ދޮންތި ޕޫލަށް ފައިލި. ކޮއްކޮ ޕޫލަށް އެރެންތަ؟" ޝަކުވާއަކާއި އެކު ޒައިން ބުންޏެވެ.

"މިހާރު އިރުއޮއްސެނީ. ރޯގާޖެހިދާނެ" ޒިޔާދާ ކުދިންނަށް ބުންޏެވެ.
"މިކަހަލަ ތަނެއްގައި ނޫޅެ މާލޭގައި އުޅޭނީ ނުވިސްނޭ މޮޔައިންނެއް ނޫންތަ! އަހަރެންގެ ޅަދުވަސްނަމަ މިގޭގެ ވެރިމީހާ އާއި އިނީސް" ހީގަންނަމުން މަންމަ ބުންޏެވެ.

މަންމަ އަބަދުވެސް އެކަހަލަ ލާނެތް ވާހަކަ ދައްކާނެއެވެ. މާލޭގެ ދަތި ދިރިއުޅުމާއި ހެދި ރަށްފުށުގެ ރަށަކަށް ދިރިއުޅެން ދިޔަސް މާރަނގަޅުވާނެއޭ އަބަދުވެސް ބުނާނެއެވެ. މަޖަލަކަށް މަންމަ އެހެން ބުންޏަސް ޒިޔާދާއަށް އިހުސާސްވީ އެއީ ހަޤީޤަތް ދަންނަ މީހަކު އޭނާއަށް ކުރި މަލާމާތެއް ކަމުގައެވެ.

މިތަނަށް އާދެވުމުން ފައިސަލް ޒިޔާދާ ދެކެވީ ހަޤީޤީ ލޯބިކަން އޭނާއަށް އިހްސާސް ވެއްޖެއެވެ. އަހަރުތައް ފާއިތުވެ އޭނާ ފައިސަލްގެ މަތިން ހަނދާން ނެތިފައި ވިޔަސް ފައިސަލް އޭނާގެ މަތިން ހަނދާން ނައްތާ ނުލާކަން ފެންނަމުންދާ ކޮންމެ މަންޒަރަކުން ޒިޔާދާއަށް މޭރުންވަމުން ދިޔައެވެ.

ފައިސަލް އާއި ޒިޔާދާ ދިމާވީ މީގެ އަހަރުތަކެއް ކުރިންނެވެ. އާކިޓެކްޗަރ ކޯހުންނެވެ. އޭރު އެދެމީހުން އުޅުނީ އެކުގައި އެއް ކުލާހެއް ގައެވެ. މިގޭގެ ފަރުމާއަކީ އެދުވަސްވަރު ޒިޔާދާ ފަރުމާކުރި އޭނާގެ ހުވަފެނީ ގެއެވެ. އެކުރެހުން އޭނާ ފައިސަލާއި ހިއްސާކުރިއެވެ. އޭގެ ސޮފްޓް ކޮޕީ ފައިސަލަށް ދިންވެސް މެއެވެ. އެދުވަހު ފައިސަލް މިގެ ޒިޔާދާއަށްޓަކައި ބިނާކުރާނެކަމުގައި ބުނުމުން ޒިޔާދާ އޭނާއަށް މަލާމާތްކޮށް ހީ ހެދިއެވެ. މަޖާވެގެންނެވެ. ޤަބޫލު ނުކުރެވިގެންނެވެ.

ފައިސަލް ޒިޔާދާ ދެކެ ލޯބިވެއެވެ. އޭނާ ޒިޔާދާއަށް ލޯބި ހުށައެޅިވެސް މެއެވެ. އިންނަންވެސް އެހިއެވެ. އެކަމަކު ޒިޔާދާއަށް ފައިސަލް ކަމު ނުދިޔައީ އޭނާއަކީ ރަށްފުށުގެ މީހަކަށް ވާތީއެވެ. ކާމިޔާބު ދިރިއުޅުމެއް ހޯދޭނެ އަދި ޒިޔާދާ އެދޭ ފެންވަރުގައި އޭނާ ގެންގުޅެވޭނެ މީހަކަށް ނުވާނެތީއެވެ. ލޯތްބަށްވުރެ އޭނާ އިސްކަންދިނީ އަރާމު ފަސޭހަ ދިރިއުޅުމަކަށެވެ. އޭރުވެސް ޒިޔާދާ ޤަބޫލު ކުރާ ފަލްސަފާއެއް އޮވެއެވެ. އަރާމް ހިތްފަސޭހަ ދިރިއުޅުމަކާއި ނުލައި ލޯބިވެސް ދެމި ނޯންނާނެ ކަމަށެވެ.

ޒިޔާދާ ފައިސަލްގެ ލޯތްބަށް ފުރަގަސްދީ ނަސީމް އާއި ގުޅުނީ އެހެންވެއެވެ. ނަސީމަކީ މާލޭގެ ގެދޮރުހުރި މާލޭގެ މީހަކަށް ވާތީއެވެ. އެކަމަކު އެކައިވެންޏަށް އެތައް އަހަރެއް ވީއިރުވެސް އުޅެންޖެހުނީ ދަތި ދިރއުޅުމެކެވެ. ޚަރަދުތައް ބޮޑުކަމުން މައިންބަފައިންގެ ގެއިން ނަސީމަށް ލިބުނު ތަންކޮޅުވެސް ހަދާލެވޭ ވަރެއް ނުވިއެވެ. ކުދިން ބޮޑެތިވަމުން އަންނައިރު ކުދިންވެސް ނިންދަން ޖެހެނީ އެމީހުންގާތުގައި ކަމަށްވުމުން ނަސީމާއި ޒިޔާދާގެ ގާތްކަން ދިޔައީ ދުނިޔޭގެ ދެކޮޅުހައި ދުރުވަމުން ނެވެ. ނަސީމް ހިލޭ އަންހެނުންގާތަށް ދާކަން ޒިޔާދާއަށް ވެސް އެނގެއެވެ. އެކަމަކު އޭނާ ހިމޭނުން ހުރީ ކުރެވޭނެ ކަމެއް ނެތުމުންނެވެ. ނަސީމް ހިތްފުރޭހައި ލޯބި އޭނާއަށްވެސް ނުދެވޭކަން އިހްސާސް ވާތީއެވެ.

އިރުކޮޅަކުން ގޭތެރެއަށް ވަނީ ޒިޔާދާ އާއި އެއްއުމުރުގެ އަންހެނެކެވެ. ފެޝަނެއް ނޫނެވެ. ރަށްފުށުގެ ގެވެހި އުޅުން އޭނާގެ ކިބައިން ފާޅުވެއެވެ. އެއްއަތުގައި މޭވާ ޓުކުރިއެއް ހުރި އިރު އަނެއް އަތުގައި ހުރީ ދިގު ދަފިބަރި އެކެވެ. އޭނާގެ ފަހަތުން ޒިޔާދާވެސް ހިނގައިގަތީ ކާމޭޒާއި ދިމާއަށެވެ. މޭޒުމަތީގައި މޭވާޓުކުރި ބެހެއްޓުމަށްފަހު މޭޒުމަތީގައި ހުހަށް ހުރި މޭވާއަޅާ ތަށީގެ ތެރެއަށް އޭނާ މޭވާތައް އެޅިއެވެ. ދޮންކޭލާއި އަނބެވެ. ފޭރާއި ޖަނބުރޯލާއި ކުންނާރެވެ. ފޮތިކޮށްފައިވާ ކަރަލާއި ފަޅޮލެވެ. ފެހި މޭބިސްކަދުރާއި ބޮޑު އަންނާރެކެވެ.

"މިއީ ހުސް މިރަށުގައި ހައްދާ އެއްޗެހި؟" ޒިޔާދާ މޭވާތަށިން މޭބިސްކަދުރެއް ނަގައި އަނގަޔަށް ލަމުން ބުންޏެވެ. ޖަވާބުގައި އެއަންހެންމީހާ އާނއެކޭ ބުންޏެވެ.
"މޭބިސް ކަދުރުވެސް" ޔަޤީން ނުވެގެން ޒިޔާދާ އަހާލިއެވެ.
"އާނ! މިރަށުގައި މިހާރު ވަރަށް މޭބިސްކަދުރުހައްދާފައި އެބައޮތް. މިދުވަސްކޮޅު މީ މޭބިސްކަދުރު އަޅާ މޫސުމް ވީމަ ތަންކޮޅެއް ތިޔާގީ" ހެދިކާ އަޅާފައި ހުރި ދަފިބަރިތަކުގެ މަތި ނަގަމުން އެއަންހެން މީހާބުންޏެވެ.

ޒިޔާދާހުރީ ހައިރާންވެ ބުނާނެ އެއްޗެއް ނޭނގިފައެވެ. ގޮވާވެސް ނުލަނިސް ދެކުދިން ދުވެފައި އައިސް ގޮނޑިތައް ދަމާފައި އަރާ އިށީނެވެ. ކުދިން އުފަލުން އުޅޭއިރު ހީވަނީ އެހެންކަމެއް ހެންނެވެ. ކޮންމެ އެއްޗެއް އެކުދިންނަށް އަލެވެ. ވާނީވެސް އެހެންނެވެ. މާލޭގައި ހޮރެއްވަރު ތަންކޮޅެއްގައި އަދި ކޮންމެ އެއްޗެއް ފައިސާދީފައި ގަންނަންޖެހޭ ތަނެއްގައި އުޅެފައި އަންނަ ބަޔަކަށްވާނީ އެނޫން ވަކި ކޮންގޮތެއް ހެއްޔެވެ؟

މާދަމާ ރަށުތެރޭގެ ތަންތަން ބަލަން ދިޔުމަށް ރާވަމުން މަޖާވާހަކަތައް ދައްކަމުން ކުދިން ނިދައިފިއެވެ. ކުދިންގެ ކޮޓަރީގައި މަންމަ ނިދުމުން ޒިޔާދާ ދިޔައީ އަނެއް ކޮޓަރިއަށެވެ. އުޅެ އުޅެވެސް އޭނާއަކަށް ނުނިދުނެވެ. ފައިސަލް ހަނދާންވާ ވަރުންނެވެ. އޭނާ މިދިރިއުޅުން ހޯދަން ކުރާނެ ބުރަ މަސައްކަތް ވިސްނުމުންނެވެ. ޖެހިގެން ހުރިގެވެސް ހުންނާނީ މިގޮތަށް ކަމަށްވާތިއެވެ. އެގޭގައި ފައިސަލާއި އޭނާގެ ކުދިން އުޅޭނީ މިއަދު ޒިޔާދާގެ ކުދިން މިގޭގައި އެއުޅޭހައި އުފަލުގައިކަން ޔަޤީންވާތީއެވެ. ފިކުރުތަކާއި ހިޔާލުތަކުގެ ދުނިޔޭގައި އޮއްވައި ފަތިސްވެ އަލިވެއްޖެއެވެ. ޒިޔާދާ ބެލްކަންޏަށް ނުކުމެ ބަލާލިއިރު ޖެހިގެން ހުރި އަނެއްގޭގެ ގޯތިތެރޭގެ ޕޫލުގައި އަންހެނަކާއި ފިރިހެނަކު މަޖާކޮށް ސަކަރާތް ޖަހަނީއެވެ. ބޯޅައެއް ހިފައިގެން ކުޑަ ދެފިރިހެންކުދިން ޕޫލުގެ ކައިރީގައި ތެމިގެން އޭރު ދުވެއެވެ. ކިހާ ހިތް އުފާވެރި މަންޒަރެއް ހެއްޔެވެ؟

އެފިރިހެނަކީ ކާކުކަން ދެނެގަންނާކަށް ޒިޔާދާއަކަށް އުނދަގުލެއް ނުވިއެވެ. އެއީ ފައިސަލްއެވެ. ދެން އެހުރީ އޭނާގެ އަންހެނުންނެވެ. ހަވީރާއި ރޭގަނޑު ކާތަކެތި ހިފައިގެން އެއަންނަނީ ފައިސަލްގެ އަންހެނުންކަން ޒިޔާދާއަށް އެނގުނީ އެހިސާބުންނެވެ. ޒިޔާދާ ދުރަށް މޫނު އަނބުރާލިއެވެ. ހިތްދަތިކަމާއި އެކުގައެވެ. އެދުވަހު ފައިސަލްއަށް ފުރަގަސް ނުދެވުނު ނަމައޭ ހިތަށް އެރިއެވެ. އެހެންނަމަ މިއަދު ފައިސަލް އާއި އެކު މިއުފާވެރި ދިރިއުޅުން ވޭތުކުރަން އެއަންހެނާގެ މަޤާމުގައި ހުރީހީ ޒިޔާދާއެވެ.

ޒިޔާދާގެ މޫޑު ގޯސްވެއްޖެއެވެ. އަމިއްލަ ނަފުސް ކުއްވެރި ކުރެވިއްޖެއެވެ. އެގޭގައި ޗުއްޓީ ހޭދަކުރަން އުނދަގޫވެއްޖެއެވެ. ފައިސަލްގެ އުފާވެރި ދިރިއުޅުން ފެނުމުން ހަސަދަވެރި ވެވެނީ ކަމެއް ނުވަތަ ދެރަވަނީކަމެއް ބުނެދޭކަށް ނޭނގުނެވެ. އެހެންކަމުން އޭނާ ނިންމީ އަވަހަށް މާލެ ދިޔުމަށެވެ.

ޒިޔާދާއަށް ފައިސަލް ފެންނަ ކޮންމެ ވަގުތަކު އޭނާ ދެރަވެއެވެ. ވާހަކަ ދައްކަން ބޭނުންވެއެވެ. އެކަމަކު ފައިސަލްދިނީ ފުރަގަހެވެ. ޒިޔާދާއަށް ފައިސަލްގެ ގޮތް އެނގެއެވެ. އޭނާ މީހެއްގެ އަނތްބަކާ ވާހަކައެއް ނުދައްކާނެއެވެ. މީހެއްގެ ދިރިއުޅުން ހަލާކެއް ނުކުރާނެއެވެ. ނަސީމާއި ޒިޔާދާ ރައްޓެހިވެގެން އުޅުނު ދުވަސްވަރު ފައިސަލް ކަންތައް ކުރި ރަނގަޅު ގޮތުން އޭނާއަށް އެކަން ޔަޤީންވެއެވެ.

ނުވަ ދުވަހުގެ ޗުއްޓީއެއް ނިންމާލާފައި ފުރަން ކައްދޫއަށް ދިޔަ މަގުމަތީގައި ކާރުތެރޭގައި ފައިސަލްދިން ސިޓީ އުރައެއް ޑްރައިވަރު ޒިޔާދާ އާއި ހަވާލުކުރިއެވެ. އެއީ ކޮންއެއްޗެއްތޯ ބަލާހިތުން ޒިޔާދާހުރީ ކެތްމަދުވެފައެވެ. އެހެންކަމުން ފްލައިޓަށް އަރާފައި މަންމައަށް ސިއްރު ސިއްރުން އޭނާ ސިޓީ އުރަ ހުޅުވާ ބަލާލިއެވެ. ޒިޔާދާ ދެރަވިއެވެ. ރުޅިވެސް އައެވެ. ފައިސަލް އޭނާ ދެރަކޮށްލީ ކަމުގައި ޤަބޫލު ކުރެވުނެވެ. އެސިޓީ އުރައިގެ ތެރޭގައި އެމީހުން އެގޭގައިތިބި ދުވަސްތަކަށް ދެއްކި ފައިސާ ހަމައަށް ހުއްޓެވެ. ދެން އޮތީ އަދި ފިރިމީހާއާއި އެކު އަންނަންޗޭ ބުނެ ފައިސަލްގެ އަތުލިޔުމުން ލިޔެފައިވާ ކުރު ނޯޓެކެވެ.

ޒިޔާދާގެ ހިތަށްވީ ތަދެވެ. އޭނާ ހީކުރީ ފައިސަލް އޭނާއަށް މަލާމާތްކުރަނީ ކަމަށެވެ. އެކަމަކު ފައިސަލްގެ ނިޔަތަކީ އެއެއް ނޫނެވެ. މަދު ދުވަސްކޮޅަކު ނަމަވެސް ފައިސަލް ޒިޔާދާއަށްޓަކައި ބިނާކުރި އެދިރިއުޅުމުގައި ޒިޔާދާ ދުވަސްކޮޅެއް ހޭދަކޮށްލުމެވެ. އެހެންނަމަވެސް އެކަން ޒިޔާދާއަށް މާނަކުރެވުނީ ދިމާ އިދިކޮޅަށެވެ. މަލާމާތެއްގެ ގޮތަށެވެ.

ފްލައިޓް މާންދޫމަތިން ވައިގެތެރެއަށް އަރަމުން ދިޔައިރު ތިރިން ފެންނަން އޮތް ގަމާއި ދިމާއަށް ޒިޔާދާ ބަލަމުން ދިޔައެވެ. ތެދެކެވެ. މިއަދު ރަށްފުށާއި މާލޭގެ ތަފާތު އޭނާއަށް އެބަވިސްނެއެވެ. ފައިސަލް ޤަބޫލު ކުރާ ފަލްސަފާގެ ތެދުކަންވެސް އެބަވިސްނެއެވެ. އެހެނީ ލޯބި ހުރިހާއެއްޗެއް ފަތަހަކުރެއެވެ. ފައިސަލް އެދިރިއުޅުމަށް ވާޞިލްވީ ޒިޔާދާ ދެކެވީ ލޯބީގައެވެ. އެކަމަކު ލޯބީގެ އެތަފާތާއި ދިރިއުޅުމުގެ ތަފާތު ދެނެގަންނަން ޒިޔާދާއަށް ނޭނގުނީއެވެ.

– ނިމުނީ –

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *