ނަޝީދުގެ މެސެޖަށް ރައީސް ޖަވާބެއް ނުދެއްވާ!

ނަޝީދުގެ މެސެޖަށް ރައީސް ޖަވާބެއް ނުދެއްވާ!

Author
މުޙައްމަދު ޝަޒައިމް
19 އޭޕްރިލް 2021 09:59
0

ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ހިންގުން އަންނަ އަހަރު ބަދަލުކޮށް، ބޮޑުވަޒީރަށް ވެވަޑައިގަތުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙަށް ފޮނުއްވި މެސެޖަށް ރައީސް ޞާލިހު ޖަވާބު ދެއްވާފައި ނުވާކަމަށް ޚަބަރު އޮންލައިނަށް މަޢުލޫމާތު ލިބިއްޖެއެވެ.

ރައީސް ޞާލިހު މިވަގުތު ހުންނެނީ އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފަޒުނާ ކޯވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން ހޯމް ކަރަންޓީނުގައެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް މީގެ ކުރިންވެސް އެތައްފަހަރަކު ނަޝީދު މީޑިއާގައި ވާހަކަ ދައްކަވާފައިވި ނަމަވެސް، މި ވާހަކަތަކަށްވެސް ރައީސް ސީދާ ޖަވާބއް ދެއްވަފައި ނުވެއެވެ. އެހެންނަމަވެސް، ދާދިފަހުން ބޭއްވުނު ނިއުސް ކޮންފަރެންސެއްގައި، ނަޝިދުގެ އެދިވަޑައިގަތުމާ އެއްގޮތަށް ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ތާޢީދު ކުރައްވަންތޯ ނުސްވެރިއަކު ކުރެއްވި ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވެފައިވަނި، އެކަމާ ވިސްނަވާކަށް އެމަނިކުފާނަށް ވަގުތު ނެތްކަމަށާއި، ވެރިކަމަށް ވަޑައިގަތުމަށްޓަކާ ވެވަޑައިގެންނެވި ވައުދު ފުއްދެވުމަށް މަސައްކަތް ކުރެއްވުން އެމަނިކުފާނަށް މާމހުންމު ކަމުގައެވެ.

ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ އެންމެ ރަނގަޅު ވަގުތަކީ ކޮބައިތޯ ބަލައި، އެކަން ކުރުމުގެ މަޝްވަރާތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއާއި ކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ “އާސްކް ސްޕީކަރ”ގެ 2 ވަނަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިދިޔަ އަަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވިދާޅުވެފައެވެ.

ރައީސް ނަޝީދު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ފޮނުއްވެވި މެސެޖުގައި ވަނީ، އެއްފަރާތްވެވަޑައިގެން ނުހުންނަވައި، ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާކަމަށް ވިދާޅުވެފައެވެ. އަދި ރައީސްއާއި އެކަމުގައި މަޝްވަރާކުރައްވަން ބޭނުންފުޅުވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. ރައީސް ނަޝީދު ވަނީ މި މެސެޖު ކެބިނެޓުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށްވެސް ފޮނުއްވާފައެވެ.

ރައީސް ނަޝިދު، ރައީސް ޞާލިޙާށް ފޮނުއްވެވި މެސެޖުގައި ވަނީ 2023 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމް ބަދަލުކޮށް އަލުން ސަރުކާރެއް އެކުލަވާލުމަށް ބޭނުންފުޅުވާކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން އެ އަހަރު އޮންނަ ރިޔާސީ އިންތިޚާބު ނުބޭއްވުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ. އަދި ޖެހިގެން އަންނަ 2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާއިރު، ޤާނޫނުގައި ވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށްވެސް ރައީސް ނަޝީދު ވަނީ ރައީސް ޞާލިޙްއަށް ފޮނުއްވެވި މެސެޖުގައި އެދިވަޑައިގެންފައެވެ. ރައީސް ނަޝީދުގެ މި މެސެޖާއި ގުޅޭގޮތުން ސަރުކާރުން އަދި ވަކިއެއްޗެއް ހާމަކުރައްވާފައެއް ނުވެއެވެ.

ރާއްޖޭގައި ވެރިކަން ކުރާނީ ރިޔާސީ ނިޒާމަށް ކަމަށް ކަނޑައެޅީ 2007 ވަނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ. މީގެ ކުރިން ނަޝީދު ވިދާޅުވެފައިވަނީ، ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮވެއްޖެ ނަމަ، މެޖޯރިޓީ ޕާޓީގެ ލީޑަރަކަށް އެމަނިކުފާނު ހުންނެވި ނަމަ ބޮޑުވަޒީރަކަށް ވާނީ އެމަނިކުފާނުކަމަށެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ބޭނުންފުޅު ވާކަމަށް ނަޝީދު ވިދާޅުވުމާއި ގުޅިގެން އެތައްބަޔަކު ދަނީ ނަޝީދުގެ މި ޚިލާފުފުޅަ ދެކޮޅަށް ޝުއޫރު ފާޅުކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ތ ތޮޅިއަހަންމާ
ދެވެރިންގެ ގާތްގުޅުމުގައި ވާހަކަދެކެވެނީ މެސެޖަކުން!