ކުރު ވާހަކަ: ނަސީބު

ކުރު ވާހަކަ: ނަސީބު

ސެޝަން ނިމޭ ރަނގަބީލު ޖެހުމާއި އެކު އެންމެ ހިނދުކޮޅަކަށްވެސް މަޑުކޮށް ނުލައި ދަބަސް ހިފައިގެން ރާމީ ދުއްވައިގަތީ ގެއަށްދާށެވެ. އޭނާ މިއަދު ސްކޫލަށް އައީވެސް މަންމަ ކުރި އާދޭހަށެވެ. އެހެން ނޫނަމަ މަންމަ އެހާ ބަލިވެ އުޅެނިކޮށް ސްކޫލަށް އަންނާކަށް އޭނާއަކަށް ނުކެރުނީއެވެ. މިދުނިޔޭގައި މަންމަ ފިޔަވައި ރާމީގެ އެކަކުވެސް ނެތެވެ. މަންމަގެ އާއިލާގެ މީހުންވެސް ދެކެނީ ރާމީއާއި ރާމީގެ މަންމައަކީ އެމީހުންގެ އަބުރުވެރި ދިރިއުޅުން ކިލަނބުކޮއްލި ބައެއްގެ ގޮތުގައެވެ. އެހެން ކަމުން ރާމީ އާއި ރާމީގެ މަންމަ ޝާއިރާ ދިރިއުޅެމުން އައީ އެކަނިވެރި ދިރިއުޅުމެކެވެ. މަންމަ އަކީ ކިޔަވައިގެން ހުރިމީހަކަށް ވިޔަސް ޤާނޫނުތަކުގައި ހުރި ފޫނުބެދުންތަކުގެ ތެރޭގައި ރާމީގެ މަންމަގެ ދިރިއުޅުން ހަލާކުވީއެވެ. އެހެން ކަމުން އެދެމައިން ދިރިއުޅުނީ ގޯތިތެރޭގައި ހުރި އަނބުގަހާއި ބަނބުކެޔޮގަހާއި ސައްކެޔޮގަހުން ލިބޭ އާމުދަނީގެ އިތުރުން މަންމަ ކުރާ ފޭލި ވިޔުމުގެ މަސައްކަތުން ލިބޭ އެއްޗަކުންނެވެ.

ރާމީ އަކީ އެންމެ ނުވަ އަހަރުގެ ކުއްޖެއް ނަމަވެސް އޭނާ ވަނީ ދުނިޔެއަށް ލޯހުޅުވިފައެވެ. ކަންކަންވަނީ ދަސްކޮށްފައެވެ. މީހުން ދައްކާވާހަކައިން މޭރުންވާ މަޤުޞަދުތައް އޭނާއަށް ދެނެ ގަންނަ އެނގެއެވެ. ރާމީ ދުވެފައި ކަހަލަ ގޮތަކަށް އައިސް ގޯތިތެރެއަށް ވަނެއެވެ. ރާމީއަށް ހުއްޓެވުނީ ގޭގެ ދޮރުމަތީގައި ބޭރަށް ފުރަގަސްދީގެން ތިބި ފިރިހެނަކާއި އަންހެނަކު ފެނިފައެވެ. ރާމީ މަޑުމަޑުން ހިނގައި ގަތެވެ. އެއީ ކީއްކުރާ ބައެއްތޯ އޮޅުންފިލުވާ ހިތްވެގެންނެވެ.

އެމީހުންގެ ވާހަކަ އަޑު އިވިފައި ރާމީގެ ކަންފަތް ދިޔައީ ކޮޅަށް ޖެހިގެންނެވެ. އެތެރޭގައި ހުރި ރާމީގެ މަންމަ ޝާއިރާއާއި ދިމާއަށް އެއަންހެން މީހާ ބުނާ އަޑު އިވުނެވެ. " ރާމީ އަކީ އަހަރެންގެ ދަރިއެއް، އަހަރެން މިއައީ އޭނާ ބަލާ. ރުހުމުގައި ނުދިނިއްޔާ ކަލޭ އެކުއްޖާ ވަގަށް ނެގީކަމުގައި އަހަރެން ޝަރީއަތުގައި ބުނާނަން."

ރާމީއަށް އެމީހުންނާއި ވާހަކަދައްކަން ހުރި މަންމަ ޝާއިރާ ފެނުނެވެ. މަންމައަށްވެސް ރާމީފެނުމުން ރާމީއަށް ފަހަތަށް ޖެހެވުނެވެ. ބިރުން އަޅައި އިތިކޮށް ދުއްވައިގަތް ވަގުތު ބަނބުކެޔޮގަހުގެ މޫގަނޑެއްގައި އަޅައިގެންފައި ވެއްޓުނެވެ. އެކަމަކުވެސް ގަތް ބިރެއްގެ ބޮޑުކަމުން ތެދުވެގެން ރާމީ ދުއްވައިގެންފިއެވެ. ބަރު ފޮތްދަބަސް ކޮނޑުގައި އަޅުވައިގެން ރާމީ ދުއްވައިގަތީ ވަކިދިމާއަކަށް ނޫނެވެ. ގެއާއި ދުރަށެވެ. އޭނާ ބަލައި އައިސްތިބި މީހުންނަށް ފިލާށެވެ.

ދުވަމުންގޮސް ރާމީއަށް ނުކުމެވުނީ ގޮނޑު ދޮށަށެވެ. އޭނާ އެތާނގައި ހުރި ބޮޑު ކާނިގަސްދަށުގައި އިށީނެވެ. ބިރުވެރި ހުވަފެނެއްގެ މަންޒަރެއްހެން އޭނާގެ ލޮލުގެ ކުރިމަތީގައި ސިފަވަނީ އޭނާބަލައި އައިސްތިބިމީހުންގެ ސޫރައެވެ. ކަންފަތަށް އިވެމުންދަނީ އެއަޑެވެ. ރާމީ އަކަށް ނުވިސްނުނެވެ. އޭނާގެ މަންމަ އަކަށް އެހެން މީހަކު ވާނެ ގޮތަކާއި މެދުގައެވެ.

ރާމީއަށް އެނގެއެވެ. މަންމަގެ ރާމީ ފިޔަވައި އެހެން އެއްވެސް ކުއްޖަކު ނެތެވެ. މަންމައަށް ރާމީ ލިބުނީ މަންމަ މާލޭގައި ކިޔަވަން އުޅެނިކޮށެވެ. އާއިލާގެ ސިއްޚީ އެހީތެރިކަން ކިޔަވައި ނިމި ސަނަދު ލިބުނުތަނާ ރާމީ ލިބުމުން ވަޒީފާ ލިބުމުގެ ފުރުޞަތުވެސް މަންމައަށް ގެއްލުނީއެވެ. މަންމަގެ ގައިގައި ހައްދުޖަހައި ގޭބަންދު ކުރިކަމާއި ރާމީއަކީ ނަހަލާލު ދަރިއެއްކަން އޭނާއަށް އެނގެއެވެ. އެކުގައި އުޅޭ އެއްފުރައިގެ ކުދިން އޭނާއާއި އެހެން ކިޔާފައި ދިމާކޮށް މަލާމާތްވެސް ކުރެއެވެ. މައިންބަފައިން ކުރިކުށުގެ އަމާޒުފަތްގަނޑަކަށް އޭނާވެފައި ވިއެއް ކަމަކު އެކަމާއި މެދު ރާމީ މަންމަދެކެ ރުޅިއެއް ނާދެއެވެ. އޭނާވަނީ މަންމަދެކެ އިންތިހާއަށް ލޯތްބެވެ.

ޒިނޭގެ އަމަލުތައް ފޮރުވުމަށް ނަހަލާލަށް ވިހާކުދިން މަރާލުމުގެ ހާދިސާއެއް ފެންމަތިވެ އެފަދަ ޚަބަރެއް ލިބޭ ކޮންމެ ދުވަހަކު ރާމީ ރޮއެވެ. އޭނާގެ މަންމަގެ އޯގާތެރި ކަމާއި ރަނގަޅުކަން އިހްސާސް ކޮށްފައެވެ. ރާމީއަށް އެފަދަ ގޮތެއް ނުހެދީތީއެވެ. ދުނިޔޭގެ އަބުރާއި ޤަދަރާއި އިންނާނެ މީހަކާއި ވަޒިފާއާއި އާއިލާއަށްވުރެ މަންމައަށް ރާމީ މުހިއްމު ވިޔަތީއެވެ. މަންމަ އެހުރިހާއެއްޗެއް ޤުރުބާން ކުރީ ރާމީއަށް ޓަކައެވެ. ވީއިރު ނުވެސް ދަންނަ ބަޔަކު ރާމީ ބަލައި އެއައީ ކީއްވެހެއްޔެވެ؟ ރާމީ އަކަށް އެކައްޗެއްވެސް ނުވިސްނެއެވެ.

ރާމީ ހަނދާންކުރަންފެށިއެވެ. މިދެތިން ހަފްތާގައި ކޮންމެވެސް ކަމަކާއި މަންމަ ހިތާމަކުރާކަމެވެ. މަންމައަށް ނުކެވޭ ކަމެވެ. އަބަދު ފުންވިސްނުމެއްގެ ތެރޭގައި އިންނަކަމެވެ. އެކަމާއި ހެދި މަންމަ ބަލިވާކަމެވެ. މިފަހަކަށް އައިސް މަންމައާއި ވަކިން އެކަނިވެސް ދިރިއުޅެންޖެހޭ ދުވަސް އަންނާނެއޭ ބުނެ މަންމަ ރާމީއަށް ނަޞޭހަތްދޭކަމެވެ. ހަނދާން ހުންނަން ފެށީއްސުރެ މިއަދާއި ހަމައަށް ވީ ކޮންމެ ކަމެއް ހަނދާން ކުރެވޭތޯ ރާމީ ބެލިއެވެ. އެކަމަކުވެސް ވެގެން މިއުޅޭގޮތެއް ރާމިއަކަށް ނުވިސްނުނެވެ.

ރާމީއަށް ރޮވެންފެށިއެވެ. މޫނުގައި އަތްއަޅައި ފޮރުވިއެވެ. އެވަގުތު ފުރަގަހުން މަންމަ ގޮވާލި އަޑުއިވިފައި ރާމީއަވަހަށް ދެލޯފުހެލާފައި ބަލާލިއެވެ. ވަރުދެރަ ބަލި ހިނގުމުގައި މަންމަ އައިސް ރާމީގާތަށް ހުއްޓުނެވެ. އެއްވެސް އެއްޗެކޭ ނުބުނެ ރާމީގެ އަތުގައި ހިފައިގެން ހިނގައިގަންނަން އުޅުމުން ރާމީ ގަދަ ހެދިއެވެ. ނުދާންވެގެންނެވެ.

"ދަރިފުޅާ! ގެއަށް ހިނގާ". މަންމަގެ ޖުމުލަ އަޑުއަހާފައި ރާމީ ބަލާލީ މަންމަގެ މޫނަށެވެ. އެމޫނުގައި އެތައް ހިތާމައަކާއި ޝަކުވާއެއް ފޮރުވިފައި ވާތީ ރާމީއަށް ފެނުނެވެ. އެއީ ކޮންބައެއްކަން ނުބުނަނީސް ގެއަށް ނުދާން ރާމީ އިންކާރު ކުރިއެވެ. އެމީހުންނާއި އެކު ނުދާނެކަމުގައި ބުންޏެވެ.

އެންމެފަހުން އެހެން ގޮތެއް ނެތިގެން ޝާއިރާއަށްޖެހުނީ ރާމީއަށް އެވާހަކަތައް ކިޔައިދޭށެވެ. ރާމީއަކީ ޝާއިރާގެ ދަރިއެއް ނޫންކަމެވެ. ފެމެލީ ހެލްތުވޯކަރު ކޯހުގެ ސަނަދުލިބި އެޖަލްސާ ނިންމާފައި ގެއަށް އައިރޭ، ވިހޭ ގޮތަށް އެއްލާލާފައި އޮއްވައި ފެނިގެން ހޮވިކުއްޖެއްކަމެވެ. ރާމީ އޮތީ ޝާއިރާ އުޅޭގެ ކައިރީގައި ސަރުކާރުން ކުނިއަޅަން ބަހައްޓާފައި ހުރި ބޮޑު ޑަސްބިނެއްގެ ތެރެއަށް ކޮތަޅަކަށްލާފައި އެއްލާލާފައިކަމެވެ. މަގުމަތިން ދަނިކޮށް ތުއްތުކުއްޖެއްގެ ރުއިމުގެ އަޑަށް ކުނިތައް ހާވައި ހޯދައިގެން ޝާއިރާ ރާމީ ނެގީކަމެވެ.

ރާމީ ނަގައިގެން ގޮސް ފޫޅުދަނޑި ކަނޑައި ފެންއަޅައި ހެދީ ޝާއިރާގެ އަތުންނެވެ. ފާޚާނާތެރެއިން ރާމީގޮވައިގެން ނުކުތްތައް ފެނުމާއި ފާޚާނާގެ ތެރޭގައި މަސްވެސް އޮތްތަން ފެނުމުން ޝާއިރާގެ ބޮލުގައި އޭނާ އުޅުނު ގޭގެ މީހުން އެޅުވީ ނަހަލާލަށް ދަރިއަކު ވިހޭކަމުގެ ތުހުމަތެވެ. އެކަމަކު އެއީ އެއްވެސް ހަޤީޤަތެއް ނެތް ތުހުމަތެއްކަމުގައި ބުނެދޭން ޝާއިރާ ބޭނުން ނުވީއެވެ. ރާމީއަށްޓަކައި އޭނާގެ ހިތުގައި އުފެދުނު ލޯތްބެއްގެ ސަބަބުންނެވެ.

އޭނާ ފުލުހަށް ހާޟިރުކޮށް ބަޔާން ނެގިއެވެ. ޝަރީއަތުގައި ޝާއިރާ އެއްވެސް ވާހަކައެއް ނުދެއްކިއަސް ތުއްތު ކުއްޖަކު އޭނާގެ އުނގުގައި އޮތަތީ ޒިނޭގެ އަދަބު ލިބުނެވެ. ކޯހުން މަތީ ދަރަޖާގައި ފާސްވިޔަސް ނަހަލާލު ދަރިޔަކު އޮތަތީ ސަރުކާރުގެ ވަޒީފާއެއް ނުލިބުނެވެ. ސަރުކާރުން ޕޮކެޓްމަނީގެ ގޮތުގައި ކޯސްހެދިއިރު އޭނާއަށްދިން ފައިސާ އަނބުރާ ސަރުކާރަށް ދައްކަންޖެހުނެވެ.

ރާމީ ގޮވައިގެން ރަށަށް އައުމުން އޭނާގެ ތިމާގެ މީހުންވެސް ޝާއިރާއަށް ދިނީ ލަޢުނަތެވެ. ކުރީ ފުރައްސާރައެވެ. ޝާއިރާގެ މައިންބަފައިން ދުނިޔޭގައި ތިބިނަމަ އެމީހުން ދުނިޔެއަށް ހަޤީޤަތް ހާމަކޮށްދިނީސްކަން ޔަޤީނެވެ. އެކަމަކު އެއީވެސް ޝާއިރާއަށް ލެއްވި ނަޞީބެއްކަމުގައި އޭނާދެކުނެވެ.

އެތައް އުނދަގުލަކާއި ތުރާލެއް އުފުލައި ރާމީ ބޮޑުވެ 9 އަހަރުވީ ފަހުން އޭނާ ބަލައި އެ އައީ އޭނާގެ ހަޤީޤީ މައިން ބަފައިންނެވެ. އެމީހުންނަށް ލިބިފައިވާ ލޭއަޅާ ކުއްޖަކު ރަނގަޅު ކުރުމަށް ބޯންމެރޯ ޓްރާންސް ޕްލާންޓް ހެދުމަށް ރާމީގެ ބޭނުން ޖެހިގެންނެވެ. ޝާއިރާ ރާމީ ނުދީފިނަމަ ޝަރީއަތަށް ގޮސްގެންވެސް އެމީހުން ތިބީ ރާމީ ގެންދާށެވެ. ތެދެކެވެ. އެމީހުންނަށް ރާމީ އަކީ އެމީހުންގެ ދަރިއެއްކަމުގެ ހެކި ދެއްކިދާނެއެވެ. ޑީއެންއޭ ހެދިދާނެއެވެ. ދަރިފުޅު ވަގަށްނެގީ ކަމުގެ ތުހުމަތު ޝާއިރާގެ ބޮލުގައި އެޅުވިދާނެއެވެ. އެހެނީ ރާމީއަކީ ޝާއިރާ ހޮވިކުއްޖެއްކަން ދެނެވޮޑިގެންވަނީ ހަމައެކަނި އެފުރާނަ ހަލްޤު ކުރެއްވި ފަރާތާއި ޝާއިރާއެވެ. ދެން ރާމީ ބަލައި އައިސްހުރި އޭނާވިހޭ މައިމީހާއެވެ.

ޝާއިރާއާއި އެކު ރާމީގެއަށް ހިނގައިގަތެވެ. އޭނާ ބަލައި އައި މައިން ބަފައިންނަށް ޖަވާބުދޭނެ ގޮތް ހިތުގައި ރާވަމުންނެވެ. އޭނާ އެއްލާލި އުފަންމަންމައަށް އޭނާގެ ހިތުގައި އޮތް ނަފްރަތާއި، އެތައް ޤުރުބާނެއް ވެގެން އޭނާ ބަލައި ބޮޑުކުރި މަންމައަށް އޭނާގެ ހިތުގައި އޮތް ލޯބި ހާމަކުރުމަށެވެ. ގެންގުޅޭ ކުއްޖެއްގެ ގޮތުގައި އެމީހުންނާއި އެކު ދާކަށް ރާމީ ބޭނުމެއް ނޫނެވެ.

ގެއަށް އާދެވުނު އިރު އޭނާބަލައި އައިސްތިބި އޭނާގެ މަންމަ އާއި ބައްޕަ ގޭގެ ދޮރުމަތީގައި ތިއްބެވެ. މަންމަ ފެނުމާއި އެކު އޭނާގެ ހިތުގައި އުފެދުނު ޖަޒްބާތަކުން އެންމެ ލަފުޒެއްވެސް ދުލުން ބޭރުކުރާނެހައި ހިތްވަރެއް ރާމީއަކަށް ނުލިބުނެވެ. އެހެންކަމުން ޝާއިރާ ރާމީގެ އަންނައުނު ދަބަސް ނެރެދިނުމުން އެމީހުންނާއި އެކު ދިޔުމަށް ރާމީ ހިނގައިގަތެވެ. އެ ޅަހިތުގައި އަޅަމުންދިޔަ އެތައް ވޭނަކާއި އެކުގައެވެ. އޭނާ ބަލައިބޮޑުކުރި މަންމައަށް އޭނާގެ ސަބަބުން އިތުރު ގެއްލުމެއް ލިބުން ނޭދޭތީއެވެ. އެކަމަކު އޭނާގެ ހިތުގައި އަޒުމެއް އޮތެވެ. އެނބުރި މިގެއަށް ޝާއިރާގެ ގާތަށް އައުމަށެވެ. ބަނޑުއަޅައި ނުވިހެޔަސް އޭނާގެ މަންމައަކީ ޝާއިރާކަމުގައި ރާމީވެސް އަދި ދުނިޔެވެސް ޤަބޫލު ކުރާތީއެވެ.

ރާމީ ނުކުމެގެންދާތަން ބަލަން ޝާއިރާހުއްޓެވެ. ހިތުގައި އަތްއަޅައިގެންނެވެ. ލޯބިންބަލާ ބޮޑުކުރި ދަރިފުޅު އޭނާގެ ލޯމަތިން ގެއްލެމުންދާތީއެވެ. ދަރިފުޅު ހިލޭބަޔަކަށް ދިންކަމުގެ ބަދުނާމު އޭނާގެ ބޮލުގައި އެޅޭނެތީއެވެ. އޭނާއަކަށް ފިރިއެއް ދަރިއެއް ލިބުމެއް ނެތެވެ. އެހެނީ އޭނާއަކީ ޖިންސެއްނެތް މީހެކެވެ. އެކަން ދުނިޔެއެއް ނުދަންނާނެއެވެ. އެކަންދެނެތިބި އޭނާގެ މައިންބަފައިންވެސް މިއަދު ދުނިޔެއަކު ނެތެވެ. އެހަޤީޤަތްތައް ޝާއިރާ ފާޅުކުރަން ބޭނުން ނުވަނީވެސް އެހެންވެގެންނެވެ.  އެކަމުންވެސް ލިބޭނީ އިތުރު މަލާމާތަކާއި ހިތްދަތިކަމަކާއި އެކަނިވެރިކަމެއް ކަމުގައި ވާތީއެވެ. އެއީ އޭނާގެ ނަސީބުގައި މިންވަރު ކުރެވިގެންވާ ގޮތްކަމުގައި ދެކޭތީއެވެ.

– ނިމުނީ –

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *