ބިމު އަޑީގައި ހަދާފައިވާ، ނިއުކުލިއަރ ސައިޓަށް ދީފައިވާ ސައިބަރ ހަމަލާގެ ބަދަލު ހިފާނެކަމުގެ އިންޒާރު އިރާނުގެ ޚާރިޖީ ވުޒާރާއިން ދީފިއެވެ. އިރާނުގެ ނަޓާންޒް ނިއުލުލިއަރ ސައިޓަށް ދީފައިވާ މި ހަމަލާގެ ޒިންމާ އެގައުމުން އަޅުވަނީ އިސްރާއީލުގެ ބޮލުގައެވެ.
އިރާނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، އެގައުމުގެ ނަޓާންޒް ޔޫރޭނިއަމް އެންރިޗްމަންޓް ޕްލާންޓަށް އަމާޒުކޮށް، އާދީއްތަ ދުވަހު ދީފައިވާ ހަމަލާއަކީ "ނިއުކުލިއަރ ޓެރަރިޒަމް"ގެ އަމަލެއް ކަމަށެވެ. އާދީއްތަ ދުވަހު މި ޕްލާންޓުގައި އެންމެ ފުރަތަމަ ހިގި ކަމަށް ރިޕޯޓު ކޮށްފައިވަނީ، މުޅި ޕްލާންޓުން އެއްފަހަރާ ކަރަންޓު ދިއުމުގެ މައްސަލައެވެ.
މި ހަމަލާ ދީފައި މިވަނީ، މުޅިން އާ މަރުހަލާއަކަށް ތަރައްގީ ކޮށްފައިވާ ޔޫރޭނިއަމް ސެންޓްރިފިއުޖުތައް މި ޕްލާންޓުގައި އޮޕްރޭޓް ކުރަންފެށިތަނާ ކަހަލަ ގޮތަކަށެވެ.
މި ހަމަލާއާއި ގުޅިގެން އިސްރާއީލުގެ ސަރުކާރުން މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައި ނުވިނަމަވެސް، އިސްރާއީލުގެ ރަސްމީ ރޭޑިއޯއިން ވަނީ، ޖާސޫސީ ފަރާތްތަކާ ހަވާލާދީ، މިއީ އިސްރާއިލުގެ ޖާސޫސީ އިދާރާ މޮސާދުއިން ދީފައިވާ ސައިބަރ އެޓޭކެއް ކަމުގައި ރިޕޯޓު ކޮށްފައެވެ.
އަދި އިސްރާއީލުގެ ރަސްމީ ރޭޑިއޯއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މި ޕްލާންޓަށް، އިރާނުން އާންމު ކޮށްފައިވާ ވަރަށްވުރެ މާ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިގެން ގޮސްފައެވެ.
އެމެރިކާގެ ނިއުޔޯކު ޓައިމްސްއަށް އެގައުމުގެ ޖޫސީސީ އޮފިޝަލުން މައުލޫމާތު ދީފައިވާ ގޮތުގައި، ނަތާންޒް ނިއުކުލިއަރ ޕްލާންޓުގެ އެތެރޭގައި ގޮވި ބާރުގަދަ ގޮވުންތަކެއްގެ ސަބަބުން، ޕްލާންޓުގެ ބިމު އަޑީގައި ހުންނަ ބަޔަށް ސެންޓްރިފިއުޖްތައް ގެންދިއުމަށް ބޭނުންކުރާ އިންޑަރޕެންޑެންޓް އިންޓާރނަލް ޕަވަރ ސިސްޓަމްވަނީ، އެކުއެކީ ހަލާކު ވެފައެވެ.
އަދި އެމެރިކާގެ ޖާސޫސީ ފަރާތްތަކުން ހާމަކުރާ ގޮތުގައި، މި ޕްލާންޓުގައި ޔޫރޭނިއަމް މުއްސަދިކުރުން އަލުން ފަށަން އެންމެ މަދުވެގެންވެސް 9 މަސް ދުވަސް ނަގާނެއެވެ.
އިރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއިރިޓ ކައުންސިލާ ގުޅުން އޮން ނޫރު ނިއުސް އޭޖެންސީން، އިރާނުގެ އިންޓެލިޖެންސް މިނިޓްސްޓްރީއާއި ހަވާލީ ދީ ބުނެފައިވަނީ، މި ޕްލާންޓުގައި ގޮއްވާލި މިގޮވުމު ޒިންމާ އުފުލަންޖެހޭ ފާރާތް މިހަރި ހޯދިފައިވާ ކަމަށާއި، އަދި އޭނާ ހައްޔަރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.
ފަހަކަށް އައިސް އިސްލާއީލުންވަނީ، އެގައުމުގެ ވާދަވެރި، އިރާނުން ކުރިޔަށް ގެންދާ ނިއުކުލިއަރ ޕްރޮގްރާމާ ގުޅޭގޮތުން ތަކުރާރުކޮށް އިންޒާރު ދީފައެވެ. އިސްރާއީލުން މި އިންޒާރުތައް ދީފައިވަނީ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްލުގެ ވެރިކަމުގައި، އެމެރިކާ އެ އެއްބަސްވުމަކުން ބޭރުވައިފާ ދުނިޔޭގެ ބޮޑެތި ބާރުތަކާ އެކީ އިރާނުންވެފައިވާ ނިއުކުލިއަރ އެއްބަސްވުން އަލުން މުރާޖަޢާ ކުރުމުގެ މަސައްކަތް، މިގައުމުތައް ގުޅިގެން ފަށާފައި ވަނިކޮށެވެ.
ޓުރަމްޕްގެ ފަހުން ވެރިކަމަށް ވަޑައިގެންނެވި ޖޯ ބައިޑްން ވިދާޅުވެފައިވަނީ، މި އެއްބަސްވުމަށް އެބުރި ރުޖޫޢަވުމަށް އެނާ ބޭނުންފުޅު ވެވަަޑައި ގަންނަވާ ކަމަށެވެ.
އެހެންނަމަވެސް، އިރާނުން ބުނެފައިވަނީ، އެގައުމުން އެބުރި މިިއެއްބަސްވުމަށް ދިއުމަށް އެއްބަސްވާނީ، ކުރީގެ އެއްބަސްވުމާއި އެއްގޮތްވާ ގޮތުގެމަތިން، އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެންމެ ފުރަތަމަ އުވާޅުމުންނެވެ.
އަދި މިއެއްބަސްވުމުގެ ބައިވެރިންގެ ގޮތުގައި އަދިވެސް ތިބި، ޗައިނާ، ފްރާންސް، ޖާމަނީ، ރަޝިއާ އަދި އިގިރޭސިވިލާތް ދަނީ، އެމެރިކާއާއި އިރާނުވެސް، މިއެއްބަސްވުމަށް އެބުރި ރުޖޫޢުވުމަށް ބޭނުންވާ މަޝްވަރާތައް ފެށުމަށް މަސައްކަތް ކުރަމުންނެވެ.
މިގޮތުން، ޔޫރަޕިއަން ޔޫނިއަން މެދިވެރިއެއްގެ ދައުރު އަދާކޮށްގެން، އޮސްޓްރިއާގެ ވިއެނާގައި، ދެފަރާތައްވެސް އެއްބަސްވެވޭ ހައްލެއް ހޯދުމަށް މިހާރުވަނީ މަޝްވަރާތައް ފެށިފައެވެ.
ކޮމެންޓު ފޮނުވާ