ޖަރުމަނު ބުންޑަސްލީގާގައި އެފްސީ ކުލޯން އާއި އެންޓްރެޗް ފްރެންކްފޯޓް ވާދަކުރި މެޗު އެއްވަރުވެ ލީގުގެ ހަތަރުވަނައަށް ފްރޭންކްފާޓުން ޖެހިލައިފިއެވެ.
ފްރޭންކްފޯޓް އާއި ކުލޯން ވާދަކުރި މެޗު ނިމުނީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ ފްރޭންކްފާޓްއިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ ފުރަތަމަހާފްގެ އިތުރު ވަގުތުތެރޭގައި ލިބުނު ޕެނެލްޓީއަކުން އަންދްރޭ ސިލްވާއެވެ.
ކްލޯން އިން ނަތީޖާ ހަމަހަމަ ކުރީ ދެވަނަހާފް ފަށައިގެން ހަތްވަނަ މިނިޓުގައި އޮންރެޖް ޑޫޑާ ކާމިޔާބުކުރި ލަނޑުންނެވެ.
ލީގުގައި ޝާލްކޭ އިން ވަނީ ޔޫނިއަން ބާލިންނާ ވާދަކޮށް ސީޒަންގެ ފުރަތަމަ ޕޮއިންޓް ހޯދާފައެވެ. ޔޫނިއަން ބާލިންނާ އާއި ޝާލްކޭ ވާދަކުރި މެޗުވެސް ނިމުނީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. މިމެޗުގައި ފުރަތަމަ ކުރި ހޯދީ ޔޫނިއަން ބާލީންއިންނެވެ. އެޓީމަށް މިލަނޑު މެޗުގެ 55 ވަނަ މިނޓުގައި ކާމިޔާބުކޮއްދިނީ މާވިން ފެޑްރިޗްއެވެ. ޝާލްކޭ އަށް ނަތީޖާ ހަމަހަމަކޮއްދިނީ ގޮންސާލޯ ފެސިންސިޔާ 69 ވަނަ މިނިޓުގައި ކާމިޔާބުކުރި ލަނޑުންނެވެ.
މިނަތީޖާއެކު ޝާލްކޭ ވަނީ ސީޒަންގައި ހޯދި ފުރަތަމަ ޕޮއިންޓާއެކު 18 ޓީމް ވާދަކުރާ ލީގުގެ 17 ވަނައަށް ކުރިޔަށްޖެހިލާފައެވެ. ފްރެންފާޓް އެއްވަރުވުމުން ސްޓްރުޓްގާޓް ފަހަތަށް ޖައްސަލާ 8 ޕޮއިންޓާއެކު އެޓީމު އޮތީ ލީގު ތާވަލުގެ ހަތަރުވަނައިގައެވެ. މި ލީގުގައި ޕޮއިންޓް އޮތް ނުލިބި އޮތް ހަމައެކަނި ޓީމަކި މެއިންޒްއެވެ.