އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން އަތުން ފަހަތުން އަރައި 2-1 އިން މެންޗެސްޓާ ޔުނައިޓަޑް މޮޅުވެ ލީގުގެ ދެވަނައިގައި ހަމަޖެހިލައިފިއެވެއެވެ.
މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ބްރައިޓަނުންނެވެ. އެގޮތުން މެޗުގެ 13 ވަަނަ މިނެޓުގައި ބްރައިޓަނަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ޔުނައިޓެޑަށް މީގެ ކުރިން ކުޅުނު ޑެނީ ވެލްބެކެވެ. އެކަމަކު އޭގެ ފަހުން މި މެޗުގައި ޔުނައިޓެޑުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ޓީމުން ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 62 ވަނަ މިނެޓުގައި މާކަސް ރަޝްފޯޑް ޖެހި ލަނޑުންނެވެ. އަދި މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް މޭސަން ގްރީންވުޑް ވަނީ ލަނޑެއް ޖަހައި، މި މެޗުން ޔުނައިޓެޑް މޮޅުކޮށްދީފައެވެ.
މި މޮޅާއެކު ޔުނައިޓެޑުން ތާވަލުގެ ދެވަނައިގައި ލީޑެއް ނެގީ ކުޅުނު 30 މެޗުން 60 ޕޮއިންޓް ހަމަކޮށްގެންނެވެ. ތާވަލުގެ ތިންވަނައިގައި އޮތް ލެސްޓާ ސިޓީއަށް 30 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު، އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 31 މެޗުން ވަނީ 74 ޕޮއިންޓް ލިބިފައެވެ.
އަދި ޔުނައިޓެޑް އަތުން ބަލިވި ބްރައިޓަން އޮތީ ތާވަލުގެ 16 ވަނައިގައި 30 މެޗުން 32 ޕޮއިންޓާއެކުއެވެ.
ކޮމެންޓު ފޮނުވާ