އެމެރިކާގެ ކޮލެރާޑޯ ސްޓޭޓުގައި ހުރި ސުޕަރ މާރޓެއްގެ ތެރޭގައި، ބަޑިން ހަމަލާދީ އެތައްބަޔަކު މަރާލައިފިއެވެ. މި ހަމަލާ ހިގަމުންދިޔައިރު، އާންމު ވެފައިވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި، މި ސުޕަރ މާރޓު ތެރެއިން ބަޑިގެ އަޑުތައް އިވެމުން ދިޔައިރު، ވަޒަންތަކުން ސަލަމަތްވުމަށް މީހުން ސުޕަރ މާރޓުގެ އެތެރޭގައާއި އަދި ބޭރުގައިވެސް، ބިންމަތީގައި އޮށޯވެގެން ތިބި މަންޒަރު ފެނިފައި ވެއެވެ.
ކޮލެރާޑޯ ސްޓޭޓްގެ ކަމާ ގުޅުންހުރި އިދާރާތަކުން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، ބަޑީގެ މި ހަމަލާތަކުގައި ފުލުހުންގެ މީހަކުވެސް ވަނީ މަރުވެފައެވެ. އަދި މިހަމަލާ ދިންކަމަށް ޝައްކު ކުރެވޭ މީހާ މިހާރުވަނީ ހައްޔަރު ކުރެވިފައެވެ.
ކޮލެރާޑޯ ސްޓޭޓުގެ ބޯލްޑަރ އަވަށުގެ ޕޮލިސް ކޮމާންޑަރ ކެރީ ޔަމަގޫޗީ މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި ހަމާދިން މީހާ ހައްޔަރު ކުރެވި، އޭނާއަށް ލިބިފައިވާ އަނިޔާތަކަށް މިހާރު ދަނީ ސިއްޙީ ފަރުވާ ދެވެމުންނެވެ. އަދި ވިދާޅުވީ، މިހާރު މިސަރަަހައްދުގައި އާންމު ރައްކާތެރިކަމަށް އެއްވެސް ނުރައްކަލެއް ނެތްކަމުގައެވެ. އެހެންނަމަވެސް، މިހަލާ ދިންގޮތެއް، އަދި ހަމަލާގައި މަރުވެފައިވާ މީހުންގެ އެއްވެސް މައުލޫމާތެއް ޕޮލިސް ކޮމާންޑަރ ކެރީ މީޑިއާތަކަށް ހާމަ ކޮށްފައެއް ނުވެއެވެ.
މީގެ ކުޑަ ވަގުތުކޮޅެއް ކުރިން ސޯޝަލް މީޑިއާގައި އާންމު ވެގެން ގޮސްފައިވާ ވީޑިއޯތަކުން ވަނީ، ހެދުމެއް ނުލާހުރި ފިރިހެނަކު، ފަރަގަހަށް ބިޑި އަޅުވައިގެން މި ސުޕަރ މާރޓްތެރެއިން ނެރެގެން ފުލުހުން ގެންދާ މަންޒަރު ފެނިފައެވެ. އަދި މިމީހާގެ ފައިން ލޭފައިބަމުން ދިޔަ މަންޒަރު މިވީޑިއޯތަކުން ފެނިފައި ވެއެވެ. އެހެންނަމަވެސް، މި މީހާއަކީ، މިހަމަލާ ދިން މީހާކަމެއް ފުލހުން ޔަގީން ކޮށްދީފައެއް ނުވެއެވެ.
ބޯލްޑަރ ކައުންޓީ ޑިސްޓްރިކްޓުގެ އެޓަރނީ މައިކަލް ޑޮހާރޓީ ވިދާޅުވި ގޮތުގައި، މަރުވި މީހުންގެ އަދަދު ތަހުގިގު ކުރާ ފަރާތްތަކަށް އިގޭ ކަމަށާއި އެހެންނަމަވެސް، މަރުވި މީހުންގެ މައުލުމާތު އެއާއިލާތަކާ މިހާރު ހިއްސާ ކުރަމުންދާތީ، އެމައުލުމާތު އަދި މީޑިއާތަކާއި ހިއްސާ ކުރެވެން ނެތް ކަމުގައެވެ. އެހެންނަމަވެސް، ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މި ހަމަލާގައި 6 މީހަކު ވަނީ މަރުވެފައެވެ.
އެމެރިކާގެ ޖާސޫސީ އިދަރާ އެފްބިއައި އިން ވަނީ މި ހަމަލާގެ ތަހުގިގަށް މިހާރު އެ މުވައްސަސާއިން އެހީތެރިކަން ފޯރުކޮށްދެމުން ދާކަމުގައި ބުނެފައެވެ.
އަދި، މި ހަމަލާގެ މައުލޫމާތު، އެމެރިކާގެ ރައީސް ޖޯ ބައިޑްންއަށް މިހާރު އަރުވާފައިވާ ކަމަށް ވިދާޅުވެ، ވައިޓް ހައުސްގެ ޕްރެސް ސެކެޓަރީ ޖެން ސަކީ ޓުވީޓު ކުރައްވާފައި ވެއެވެ.
ކޮމެންޓު ފޮނުވާ