ހޯރަފުށީ އެއާރޕޯޓުގެ މަސައްކަތް މި އަހަރުގެ ނޮވެމްބަރު މަހު 11 ވަނަ ދުވަހަށް ނިންމުމަށް އެމަސައްކަތް ކުރަމުންގެންދާ އެމްޓީސީސީން އަމާޒު ހިފައިފި އެވެ.
ހޯރަފުށީ އެއާޕޯޓްގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް ޢާޒިމްއާއި އެކުންފުނީ އިސްބޭފުޅުން މިވަގުތު ތިއްބެވީ ހޯރަފުށީގަ އެވެ. އާޒިމްވަނީ އެއާޕޯޓްގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވައި މަސައްކަތް އަންނަ މަހުގެ 11 ވަނަ ދުވަހަށް ނިންމުމަށް އިރުޝާދު ދެއްވާފައެވެ.
ހޯރަފުށީ އެއާރޕޯޓްގެ މަސައްކަތް ހުއްޓާލުމައި ބާރަށް ކުރިއަށްދާއިރު، މަސައްކަތް ނިންމުމަށް ފުރަތަމަ ކަނޑައެޅި ތާރީހަކީ މިދިޔަ މަހުގެ ނިޔަލަށެވެ. ނަމަވެސް ކޯވިޑް-19 އާއި ގުޅިގެން ދިމާވި ގޮންޖެހުންތަކާއިއެކު މަސައްކަތުގެ ސްޕީޑަށް މަޑު ޖެހުމެއް އައިނަމަވެސް އެމްޓީސީސީން ދަނީ މަސައްކަތް މިހާރު ކަނޑައަޅާފައިވާ ތާރީހަށް ނިންމުމަށް ވަރަށްބޮޑަށް މަސައްކަތް ކުރަމުންނެވެ.
CEO @adamazim inspects the progress of the ongoing works at Ha. Hoarafushi Airport. We are tirelessly working to complete the project by 11 November 2020. pic.twitter.com/zGrt3ImHAc
— MTCC Plc (@MTCCPlc) October 16, 2020
ހޯރަފުށީ އެއަރޕޯޓް ހަދަނީ ހޯރަފުށީގެ ފަޅުން ބައެއް ހިއްކައިގެންނެވެ. އަދި މިހާރު އެއަރޕޯޓު އަޅަން ބޭނުންވާ ބިމުގެ ސަރަހައްދު ހިއްކައި މުޅިން ނިމިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. ހޯރަފުށީ އެއަރޕޯޓްގައި ހަދަނީ 1200 މީޓަރު ދިގު، 35 މީޓަރު ފުޅާ ރަންވޭއެކެވެ. ރަންވޭގައި ތާރުއެޅުމުގެ މަސައްކަތް ފަށާފައިވާއިރު، އެއަރޕޯޓްގެ ޕެސެންޖަރ ޓަރމިނަލާއި ފަޔަރ ބިލްޑިންގެ މަސައްކަތް އެމްޓީސީސީން ދަނީ ކުރަމުންނެވެ.
ޖުމްލަ 198 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ގައެވެ. އަދި އެ މަސައްކަތް މިދިޔަ އަހަރު ފައްޓަވައި ދެއްވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހެވެ.
ކޮމެންޓު ފޮނުވާ