ކޯވިޑް ވެކްސިން ޖެހި މީހުންގެ ޢަދަދު 151،000 އިން މައްޗަށް

ކޯވިޑް ވެކްސިން ޖެހި މީހުންގެ ޢަދަދު 151،000 އިން މައްޗަށް

Author
މުޙައްމަދު ޖިމީ
07 މާރޗް 2021 10:26
0

ރާއްޖެއިން އިތުރު 5،875މީހުން ކޯވިޑް-19އިން ރައްކާތެރިވުމަށް ވެކްސިން ޖަހައިފިއެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ވެކްސިން ޖެހި މީހުންގެ ތެރެއިން ގިނަ ބަޔަކު ވެކްސިން ޖަހާފައިވަނީ އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ވެކްސިން ސެންޓަރުތަކުންނެވެ. ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭގައި ވެކްސިން ޖެހި 5،875މީހުންނާއެކު މިހާތަނަށް ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 151،643އަށް އަރާފައެވެ.

މިދިޔަ 24 ގަޑިއިރު ގިނަ ބަޔަކު ވެކްސިން ޖަހާފައިވަނީ އަތޮޅުތަކުގެ ސެންޓަރުގަތަކުގައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، އަތޮޅުތަކުން 3،827 މީހުންވަނީ ވެކްސިން ޖަހާފައެވެ. މާލެ ސަރަޙައްދުން ވެކްސިން ޖެހި ޢަދަދަކީ 2،048 މީހުންނެވެ.

މިއާއެކު އަތޮޅުތަކުން ވެކްސިންޖެހި މީހުންގެ އަދަދުވަނީ 62،550 އަށް އަރާފައެވެ. މާލެ ސަރަޙައްދުން ވެކްސިންޖެހި މީހުންގެ ޖުމްލަ ޢަދަދަ 89،093 އަށް ވަނީ އަރާފައެވެ.

ވެކްސިން ޖެހުމުގެ ޚިދުމަތް މިހާރު ދެމުން އަންނަނީ މާލެ ސަރަހައްދުގެ 7 ސެންޓަރަކާއި އަތޮޅުތަކުން 169 ސެންޓަރެއްގައެވެ. އަދި މާލޭ ސަރަޙައްދުގައި ވެކްސިން ދިނުމަށްޓަކައި 2 މޯބައިލް ޓީމްވެސް ހަރަކާތްތެރިވަމުން އާދެއެވެ.

މިދިޔަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖޭގައި ވެކްސިން ދެމުން އަންނައިރު، ކޯވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރުމަށްފަހު ކަރަންޓީން ނުވެ ދަތުރުކުރެވޭނެކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަޞީމް ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގައި ދެމުން އަންނަނީ ވެކްސިންގެ ފުރަތަމަ ޑޯޒްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.