ގައިދުރުކޮށް ނަމާދުކުރުމުން ނަމާދުގެ ފުރިހަމަކަން ގެއްލޭ: ޑރ.އިޔާޒް

ގައިދުރުކޮށް ނަމާދުކުރުމުން ނަމާދުގެ ފުރިހަމަކަން ގެއްލޭ: ޑރ.އިޔާޒް

Author
މުޙައްމަދު ޖިމީ
05 މާރޗް 2021 11:03
0

ގައިދުރުކޮށްގެން ނަމާދުކުރުމުން ނަމާދުގެ ފުރިހަމަކަން ގެއްލޭކަމަށް މަޝްހޫރު ދީނީ ޢިމްލމުވެރިޔާ ޑރ.މުޙައްމަދު އިޔާޒް ޢަބްދުއްލަޠިފް ވިދާޅުވެއްޖެއެވެ.

ޑރ.އިޔާޒް މިހެން ވިދާޅުވެފައިވަނީ، މާތްވެގެންވާ ހަރަމްފުލުގައި ގައި ދުރުކަމާއެކު ޖަމާއަތުގައި ނަމާދުކުރާ ފޮޓޮއަކާއެކު، އެގޮތަށް ނަމާދުކުރުމުން ނަމާދު ޞައްހަވާނެތޯ އިހަވަންދޫ ދާއިރާގެ މެންބަރު މެންބަރު މުޙައްމަދު ޝިފާއު، ޑރ.އިޔާޒް އަރިހުން ސުވާލު ދެންނެވުމުންނެވެ. އެއަށް ޖަވާބުދެއްވަމުން ޑރ.އިޔާޒް ވަނީ ދުނިޔަވީގޮތުން ބަލާއިރު 1000 ރުފިޔާ ލިބެން އޮއްވާ 500 ރުފިޔާ ލިބޭގޮތަށް މީހަކު ކަމެއް ކޮށްފާނެތޯ ސުވާލުކުރައްވާފައެވެ. އަދި ގައިދުރުކަމާއެކު ނަމާދުކުރުމުން ނަމާދުގެ ފުރިހަމަކަން ގެއްލޭކަމަށްވެސް ޑރ.އިޔާޒް ވިދާޅުވިއެވެ.

ދުނިޔަވީގޮތުން ބަލާއިރު 1000 ރުފިޔާ ލިބެން އޮއްވާ 500 ރުފިޔާ ލިބޭގޮތަށް މީހަކު ކަމެއް ކޮށްފާނެތޯ؟ މިގޮތަށް ގައިދުުރުކޮށް ސަފު ހެދީމަ ނަމާދުގެ ފުރިހަމަކަން ގެއްލޭ.

– ޑރ.މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް

ޑރ.އިޔާޒް މިހެން ވިދާޅުވެފައިވާއިރު، މާލެ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ގައިދުރުކޮށް ނަމާދުގެ ޖަމާއަތް ހެދުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.

ގައިދުރުކޮށްގެން ޖަމާއަތުގައި ނަމާދުކުރުމަށް މިނިސްޓްރީން އަންގައިފި

އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ވަނީ ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު އިތުރަށް ގޯސްވަމުން އަންނަކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދީފައިވާކަމަށާއި، އެހެންކަމުން ފަތުވާ މަޖިލީހާއި ދީނީ އިލްމުވެރިންނާ މަޝްވަރާކޮށް، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަދުގެ މެންދުރު ނަމާދުން ފެށިގެން، ކޮވިޑްގެ ހާލަތަށް ލުޔެއް ލިބެންދެން ގްރޭޓާ މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި ނަމާދުގެ ޖަމާއަތް، ގައިދުރުކަމާއެކު ކުރިއަށް ގެންދަން ނިންމާފައިވާކަމަށެވެ.

ނަމަދުގެ ޖަމާއަތް ހެދުމުގައި ގައިދުރުކުރަން ނިންމީ މިސްކިތުގެ ޖަމާއަތް މެދުކަނޑާލައި މިސްކިތް ބަންދުކުރުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްދަތިކަމަކަށް ވާނެތީކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އަދި މިހާލަތުން އަރައިގަތުމަށް ކުރެވެން އޮތްކަމަކީ މިސްކިތް ބަންދުކުރުމުގެ ބަދަލުގައި ގައިދުރުކަމާއެކު ނަމާދުގެ ޖަމާއަތް ހެދުން ކަމުގައި ފަތުވާ މަޖިލީހާއި ބައެއް އިލްމުވެރިން ލަފާދެއްވާފައިވާކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ. އެހެންކަމުން ހާލަތު ރަނގަޅުވާން ފެށުމުން ކުރިއެކޭ އެއްގޮތަށް ޖަމައަތުގައި ނަމާދު ކުރެވޭނެކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.