ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގެ ފަސް އަހަރުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ނިންމުނީ އެންމެ%2 މަސައްކަތް މިސަރުކާރުގެ ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ކުރީ ސަރުކާރުން ޢިމާރާތްކުރި ހިޔާ މަޝްރޫޢުގެ ފްލެޓްތައް މިސަރުކާރުން ބެހިގޮތުން ޢާންމުންގެ ޝަކުވާ ބޮޑުވެފައިވާތީ މިއަދު ވަނީ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއަށް ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު އަސްލަމާއި، ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތުއާއި، މާލޭގެ މޭޔަރު ސިފާ މުޙައްމަދު އަދި ފްލެޓް ކޮމިޓީގެ މެންބަރު ޠާހާ މުޙައްމަދު ޙާޒިރުކޮށްފައެވެ.
މި ކޮމިޓީ ބައްދަލުވުމުގައި ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުއާއި ގުޅޭގޮތުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ، ކުރީ ސަރުކާރުގެ 5 އަހަރުގެ ދަޢުރުގައި 21828 ހައުސިންގ ޔުނިޓެއްގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ނިންމިކަމަށެވެ. ނަމަވެސް އޭގެތެރެއިން ގިނަ މަޝްރޫޢުތަކަކީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށްގެންދިއުމަށް ނިންމި މަސައްކަތްތަކެއްކަމަށެވެ.
އެގޮތުން އެ މަޝްރޫޢުތައް 37 ކޮންޓްރެކްޓަރަކާ އޭރު ހަވާލުކުރިކަމަށާއި، ނަމަވެސް މާލީ ދަތިކަމުގެ ސަބަބުން ކޮންޓްރެކްޓަރުންނަށް މަސައްކަތް ކުރިއަށް ނުގެންދެވޭނެކަމަށް ބުނުމުން، 9120 ހައުސިންގ ޔުނިޓްގެ މަސައްކަތް އޭރު ބާތިލުކޮށްފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ އޭރު ކުރިއަށްގެންދިއުމަށް ނިންމި 21828 ހައުސިންގ ޔުނިޓްގެ މަސައްކަތުގެ ދަށުން، ދަޢުރު ނިމުނުއިރު ނިންމާފައިވަނީ 395 ޔުނިޓްކަމަށެވެ.
21828 ޔުނިޓްގެ މަސައްކަތް 37 ކޮންޓްރެކްޓަރުންނާ ހަވާލުކުރީ. އެއީ ސަރުކާރުން ބައިވެރިވެ ބިން ދީގެން ހިންގަން ނިންމި މަސައްކަތް. ނަމަވެސް ސޮއިކުރެވި ނިމުނީ %2 މަސައްކަތް. އެއީ 395 ޔުނިޓް.
– ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމް
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫޢުގެ ފްލެޓްތައް ދިނުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއިން ކަމާގުޅޭ ފަރާތްތަކާ ބައްދަލުކުރުން pic.twitter.com/uI5IrNHlQu
— People's Majlis (@mvpeoplesmajlis) March 4, 2021
އަސްލަމް މިހެން ވިދާޅުވެފައިވާއިރު، ކުރީ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވހީގައި ޢިމާރާތްކުރި7000 ފްލެޓް މިސަރުކާރުން ބަހާލާފައިވަނީ ސަރުކާރާއި ގާތް މީހުންނަށްކަމަށާއި، އެންމެ ހާލުގައި ދިރިއުޅޭ މީހުންނަށް ފްލެޓް ލިބިފައިނުވާކަމުގެ ޝާކުވާތައް ވަނީ އިތުރުވެފައެވެ. އަދި މިސަރުކާރުގެ ފަސް އަހަރު ދުވަހުގެ ދައުރު ދެބައިވެފައިވާއިރުވެސް އެންމެ ހައުސިން މަޝްރޫޢުއެއް ކުރިއަށް ގެންދެވިފައިނުވާކަމުގެ ފާޑުކިއުންވެސް މިސަރުކާރަށް ވަނީ އަމާޒުވެފައެވެ.
އަދި ކުރީ ސަރުކާރުގެ ޖިޔާ މަޝްރޫޢުގެ 7،000 ހައުސިން ޔުނިޓުގެ ތެރެއިން 280 ފުލެޓު މަދުވީ މި ސަރުކާރުން ނިންމި ނިންމުމެއްގެ ސަބަބުން ކަމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދުވެސް ކޮމިޓީގައި މިއަދު ވިދާޅުވެފައިވެއެވެ.
މިސަރުކާރުން ބޯހިޔާވަހިކަމަށް ބައެއް މަޝްރޫޢުތައް ފެށުމަށް އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވީނަމަވެސް މިހާތަނަށް އެންމެ މަޝްރޫޢެއް އަމަލީ މަސައްކަތް ފެށިފައިނުވާތީ ފާޑުކިއުން އަމާޒުވެފައި ވީނަމަވެސް، ސަރުކާރުން ބުނަމުންދަނީ ކުރީ ސަރުކާރަށްވުރެ ގިނަ ތަރައްޤީގެ މަޝްރޫޢުތައް މިސަރުކާރުން ނިންމާފައިވާކަމަށެވެ.
ކޮމެންޓު ފޮނުވާ