ބްރޯޑްކޮމް އަށް ފަޒީން އައްޔަން ކުރަމަށް ރުހުންދީފި

ބްރޯޑްކޮމް އަށް ފަޒީން އައްޔަން ކުރަމަށް ރުހުންދީފި

Author
މުޙައްމަދު ޝަޒައިމް
02 މާރޗް 2021 01:33
0

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެމްބަރުކަމުގެ މަޤާމަށް ރާއްޖެ ޓީވީގައި މަސައްކަތް ކުރައްވާ ނޫސްވެރިޔާ މުހައްމަދު ފަޒީން އަށް މަޖިލީހުން ރުހުންދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ދިރާސާކޮށް ނިންމައި ވޯޓަށް އެހުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވި ދެ ނަމުގެ ތެރޭގައި ހިމެނެނީ ރާއްޖެ ޓީވީގައި މިހާރު މަސައްކަތް ކުރަމުންދާ ނޫސްވެރިޔާ މުހައްމަދު ފަޒީންގެ ނަމާއި، ވީޓީވީގައި މަސައްކަތް ކުރައްވާފައިވާ ޝިފްޒާ މުސްތަފާގެ ނަމެވެ. މިދެބޭފުޅުންގެ ތެރެއިން ފުރަތަމަ ވޯޓަށް އެހުނު ފަޒީނަށް މަޖިލީހުން ރުހުން ލިބުމުން މަޖިލީހުގެ ގަވާއިދު ބުނާގޮތުން ޝިފްޒާގެ ނަމަށް ވޯޓަށް އަހާކަށް ނުޖެހޭނެއެވެ.

ބްރޯޑްކޮމަށް ފަޒީން އައްޔަން ކުރުމަށް ރުހުން ދީފައިވަނީ މަޖިލީހުގެ 55 މެމްބަރުންގެ ވޯޓުންނެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމުގެ ގޮޑި ހުސްވީ، ކުރިން ކޮމިޝަންގެ މެމްބަރުކަން ކުރެއްވި ޒީނާ ޒާހިރު ވަކި ކުރުމުގެ މަސައްކަތް މަޖިލީހުން ކުރަމުން ދަނިކޮށް، މިދިޔަ އޮކްޓޯބަރު މަހު އޭނާ އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެނެވެެ. އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ލިސްޓުގެ ކުރީގައި ވެސް ހިމެނުނީ ފަޒީން އާއި ޝިފްޒާ އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެމްބަރުކަމަށް އައްޔަންކުރެއްވުމަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހް 11 ނަމެއް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅުއްވާފައެވެ. މިމައްސަލަ ދިރާސާ ކުރެއްވި މިނިވަން މުއައްސަސާތަކައިބެހޭ ކޮމިޓީން ވަނީ މިބޭފުޅުންނާއި އިންޓަރވިއުކޮށް ޤާނޫނީ ގޮތުން ހޯދަންޖެހޭ މައުލޫމާތުވެސް ހޯދާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.