ރާއްޖޭގެ ރައްޔިތުން ކަރުދާހުންލާ ވޯޓަކަށް ނޫނީ އިތުބާރެއް ނުކުރޭ: އިލެކްޝަން

ރާއްޖޭގެ ރައްޔިތުން ކަރުދާހުންލާ ވޯޓަކަށް ނޫނީ އިތުބާރެއް ނުކުރޭ: އިލެކްޝަން

Author
މުޙައްމަދު ޝަޒައިމް
02 މާރޗް 2021 11:39
0

އިންތިޚާބުތަކުގައި ރާއްޖޭގެ ރައްޔިތުން ތާއީދު ކުރަނީ ކަރުދާހުން ވޯޓު ލުމަށް ކަމަށާއި އެނޫން ނިޒާމެއްގެ ތެރެއިން ވޯޓުލާން ދިވެހި ރައްޔިތުން ތާއީދު ނުކުރާކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ބޭނުންވާ ބަޖެޓާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ރާއްޖޭގައި އިލެކްޓްރޯނިކް ވޯޓިން ބޭއްވުމާއި ގުޅޭގޮތުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ރާއްޖޭގައި ބޭއްވޭ އިންތިޚާބުތަކުގައި ޕްރިންޓް ކޮށްފައިވާ ކަރުދާހުގައި ވޯޓުލާން ނޫންގޮތެއް ރައްޔިތުން ގަބޫލު ނުކުރާނެކަމަށެވެ.

އިލެކްޓްރޯނިކް ވޯޓާއި ގުޅިގެން ޝަރީފް ވިދާޅުވީ އެނިޒާމަކީ ރާއްޖެއަށް އެހާ ފަސޭހަ ނިޒާމަކަށްވެސް ނުވާނެކަމަށެވެ. އެއީ ބޮޑެތި އާބާދީތަކަށް ޚާއްސަ ނިޒާމަކަށްވާއިރު ރާއްޖޭގައި ވޯޓުލާ ގޮތާއި، ރާއްޖެ އުފެދިފައިވާ ގޮތުންވެސް މި ނިޒާމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެކަމަށެވެ. އަދި ރައްޔިތުން ގަބޫލު ކުރަނީވެސް ރައްޔިތުން ބޭނުންވަނީވެސް ކަރުދާހުގައި ލެވޭ ވޯޓަކަށް ވުންކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ރާއްޖޭގައި މިހާރު ވޯޓުލާ ނިޒާމާއި، ވޯޓުލުމަށް ގެންގުޅޭ ގާނޫނަކީ ދުނިޔޭގެ އެކި ޤައުމުތަކުން ނަމޫނާ ލިބިގަންނަ ނިޒާމެއްކަމަށެވެ. ޚާއްސަކޮށް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމަކީ ދުނިޔޭގެ ބޮޑެތި ޖަމްއިއްޔާތަކުން އެކަމަށް ނުހަނު ތާއީދުކުރާ އަދި ރާއްޖޭގައި ބޭނުން ކުރާ ޤާނޫނުގައި ހުރި ކަންކަމާއި އެއްގޮތަށް ވޯޓުގެ ކަންކަން އެހެން ޤައުމުތަކުން ކުރިއަށް ގެންދިއުމަށް ބާރު އަޅާކަމެއްކަމަށެވެ. ޝަރީފް ވަނީ މިއަދުގެ ބައްދަލުވުމުގައި އިންތިޚާބު ބޭއްވުމަށް ބޭނުންވާ ބަޖެޓް ލިބުމުގައި ހުރި ދަތިތަކާއި ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި މައުލޫމާތު ހިއްސާ ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.