ވިހި އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު ގޭބަންދަށް ބަލުކޮށްފައިވަނީ ވަކި މުއްދަތެއް ނެތްގޮތަށްކަމަށް މޯލްޑިވްސް ކަރެކްޝަން ސާރވިސްއިން ބުނެފިއެވެ.
އަދީބު ގޭބަންދަށް ބަދަލުކޮށްފައިވާއިރު އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައެވެ. އަދި އޭނާ ގޭ ބަންދަށް ބަލުކޮށްފައިވަނީ ސަރުކާރާއެކު ހަދާފައިވާ ޑީލެއްގެ ދަށުންކަމަށްވެސް އަންނަނީ ތުހުމަތުކުރެވެމުންނެވެ.
ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު ގޭގައި ހުރުމަށް ހުއްދަ ދީފައިވަނީ އަދީބު ނިދަން ޖެހެނީ ވަކި ޚާއްޞަ މެޝިނެއް އެހީގައިކަމަށްވާތީ ކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ކުރިން ވަނީ ވިދާޅުވެފައެވެ. އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅިގެން އަދީބު މައްޗަށް ދައުލަތުން އުފުލި 7 ދައުވާ ސާބިތުވެ 20 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާއިރު ކޯޓުގެ ހުއްދައާއިއެކު އޭނާގެ ބަލި ހާލަތު ހުރިގޮތުން ގެއަށް ބަދަލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ3 ވަނަ ދުވަހުއެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅިގެން އަދީބު މައްޗަށް ދައުލަތުން އުފުލި 7 ދައުވާއަށް އަދީބު ވަނީ އިއުތިރާފުވެޑައިގެންފައެވެ. އަދީބު ޝަރީއަތުގެ މަޖިލީހުގައި ވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅޭ ތަފްސީލުތައް ކިޔާދެއްވާފައެވެ. އަދި ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ބޮޑު ޚިޔާނާތްކަމަށްވާ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އިރުޝާދުގެ ދަށުން އޭރުގެ ސަރުކާރުން ގުޅިގެން ހިންގި ޖަރިމާއެއްކަމަށް ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ވަނީ ތުހުމަތުކުރައްވާފައެވެ.
އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާއަކީ އޭނާ ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވިއިރާއި އޭގެފަހުން ނާއިބު ރައީސަކަށް ހުންނަވާ ޓޫރިޒަމް މިނިސްޓަރުކަމުގެ މަސްޢޫލިއްޔަތު އަދާކުރެއްވިއިރު ހިންގާފައިވާ ކޮރަޕްޝަން މައްސަލަތަކާއި ގުޅޭ ދައުވާތަކެވެ. އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ހިޔާނާތުގައި ބައިވެރިވިކަމުގެ ކުށުގެ ދެ ދައުވާ އާއި މަގާމު ނުފޫޒު ބޭނުންކުރުމުގެ ދެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރކުރުމުގެ ކުށުގެ ދެ ދައުވާއެވެ. އެހުރިހާ ދައުވާއެއް ސާބިތުވެ އަދީބު އަންނަނީ 20 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒްކުރައްވަމުންނެވެ.
ކޮމެންޓު ފޮނުވާ