ވިހި އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފަށައިފި

ވިހި އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފަށައިފި

Author
މުޙައްމަދު ޖިމީ
01 މާރޗް 2021 03:49
0

ޢުމުރުން 20 އަހަރުން މަތީގެ މީހުންނަށް ކޯވިޑް ވެކްސިން ދޭން ފަށައިފިއެވެ. އެ އުމުރުފުރާގެ މީހުންނަށް ވެކްސިންދޭނީ ހަމައެކަނި މާލެ ސަރަހައްދުގައެވެ.

މިވަގުތު ރާއްޖޭގައި ވެކްސިން ޖަހަމުން އަންނަ ކެޓަގަރީތަކަށްބަލާއިރު އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ އުމުރުފުރާގައި ހިމެނޭ ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނާއި، އުމުރުން 50 އަހަރުން މަތީގެ ހައިރިސް މީހުންނާއި 60 އަހަރުން މަތީގެ ހުރިހާ މީހުންނަށް ދަނީ ވެކްސިން ދެމުންނެވެ.

މާލޭ ސަރަޙައްދުގައި ވެކްސިންދޭ ތަންތަނާއި ގަޑިތަކުގެ ތެރޭގައި، ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒާ ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުގައި ހެނދުނު 09:00އިން ފެށިގެން 16:30އަށް ވެކްސިން ދިނުން ކުރިއަށްދާނެއެވެ. ރައްޔިތުންގެ މަޖިލީހާއި ޓްރީޓޮޕްގައި ވެކްސިން ދެމުންދަނީ ހެނދުނު 09:00އިން 12:00އަށެވެ. އަދި ވިލިމާލެ ޒުވާނުންގެ މަރުކަޒުގައި ހެނދުނު 09:00އިން 13:00 އަށް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްދާނެއެވެ.

ފެބުރުއަރީމަހުގެ އެއްވަނަ ދުވަހު ރާއްޖޭގައި ވެކްސިންދޭން ފަށާފައިވާއިރު މިވީ އެއްމަސްދުވަހުގެ ތެރޭގައި އާބާދީގެ 111415 މީހުންނަށްވަނީ ވެކްސިން ޖަހާފައެވެ. މީގެތެރޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަޙައްދުން ވެކްސިން ޖެހި 75163 މީހުންނާއި އަތޮޅުތެރޭގައި ވެކްސިން ޖެހި 36252 މީހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.