މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިން އެންޑް ޓެކްނޮލޮޖީގެ މަޤާމުން މިއަދު ދުރުކުރެއްވި މުޙައްމަދު މަލީޙު ޖަމާލަކީ ނަމޫނާ ޒުވާނެއްކަމަށާއި، ސިޔާސީ މަސައްކަތުގައިވެސް އަބަދުވެސް ޙައްގުގޮތް އަދި ޙައްގުބަސް ވިދާޅުވުމަކީ އައިލީ ތަރުބިއްޔަތުކަމަށް މަލީހުގެ ދެބެންގެ ދެދަރި ބޭފުޅެެއްކަމަށްވާ ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
މަލީހުގެ އިތުބާރު ނެތްކަމަށް މަޖިލީހުގެ 59 މެންބަރުން ވޯޓުން މިއަދު ފާސްކޮށްފައިވާވުމަށް އިޝާރާތްކުރައްވާ ޑރ.ޖަމީލް ވިދާޅުވީ، އެމަނިކުފާނުގެ ޢާއިލާއަކީ ހީވާގި މުރާލި މައިންބަފައިންގެ ފަހަތުން ތަރުބިއްޔަތި ލިބިގެން ދިރިއުޅުމުގެ މައިދާނަށް ފިސާރި ކެރިގެން އިލްމާއި ހުނަރު ހޯދުމަށް ގިނަމަސައްކަތްތަކެއް ކުރާ ޒުވާނުންތަކެއް ހިމެނޭ އަތޮޅުތެރޭ ޢާއިލާއެއްކަމަށެވެ. މަލީޙު ޖަމާލަކީ އެޢާއިލާގެ އިލްމީ، ހުނަރުވެރި އަދި ނަމޫނާ ޒުވާނެއްކަމަށާއި، ސިޔާސީ މަސައްކަތުގައިވެސް އަބަދުވެސް ޙައްގުގޮތް އަދި ޙައްގުބަސް ޚިޔާރުކުރުމަކީ އެ އާއިލާގެ ތަރުބިއްޔަތުގެ ބައެއްކަމށްވެސް ޑރ.ޖަމީލް ވިދާޅުވިއެވެ.

މަލީހު މިސަރުކާރުގެ މިނިސްޓަރުކަމުގައި ހުންނެވީ ޖުމްހޫރީ ޕާޓިގެ ސްލޮޓެއްގައެވެ. ޖުމްހޫރީ ޕާޓީއަކީ މި ސަރުކާރުގެ ކޯލިޝަން ބައިވެރިއެވެ. ނަމަވެސް މިހާތަނަށް ސަރުކާރުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. މަލީހުގެ އިތުބާރު ނެތްކަމަށް ހުށައެޅި މައްސަލައަށް މަލީހު ވަނީ މަޖިލީހުގައި ޖަވާބުދާރީވެވަޑައިގެންފައެވެ. އެމަނިކުފާނު ވިދާޅުވީ، އިތުބާރު ނެތްކަމަށްބުނެ ތުހުމަތުކުރައްވާފައިވަނީ ދޮގާއި މަކަރު އެކުލެވޭ، ޒާތީ އަދި ނަން ކިލަނބުކޮށްލަން ހުށައަޅުއްވި މައްސަލައެއްކަމަށެވެ.
ޓެލެކޮމިއުނިކޭޝަން ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދުތަކެއް ހަދާފައިނުވާކަމަށް މަޖިލީހުގެމެންބަރުން ތުހުމަތުކުރާއިރު، އެ ޤަވާއިދުތަކަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ 2 އަހަރުގެ ތެރޭގައި ހަދާ ނިންމާފައިވާ ޤަވާއިދުތަކެއްކަމަށްވެސް މަލީހު މިއަދު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ