ރިޔާސަތުގެ ގޮނޑިކޮޅުގައި އިންނަވައިގެން ރައީސް ނަޝީދު ކަންކަން ކުރައްވަނީ ވަރަށް ޚުދުމުހުތާރުކޮށް: މަލީހު

ރިޔާސަތުގެ ގޮނޑިކޮޅުގައި އިންނަވައިގެން ރައީސް ނަޝީދު ކަންކަން ކުރައްވަނީ ވަރަށް ޚުދުމުހުތާރުކޮށް: މަލީހު

Author
މުޙައްމަދު ޖިމީ
01 މާރޗް 2021 01:09
0

މަޖިލީހުގެ ރިޔާސަތުގެ ގޮނޑިކޮޅުގައި އިންނަވައިގެން މަޖިލީހުގެ ރައީސް މަސައްކަތްކުރައްވަނީ ވަރަށް ޚުދުމުހުތާރު ގޮތަކަށްކަމަށް ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޖަވާބުދާރީވުމަށް ދެއްވި އެންމެ ފަހު ފުރުޞަތުގައި ވާހަކަފުޅު ކުރިއަށް ގެންދަވަނިކޮށް އެމްޑީޕީގެ ބައެއް މެންބަރުން ނިޒާމީ މައްސަލަ ނަންގަވަން ފެށްޓެވުމުން މަލީހު ވަނީ އެމަނިކުފާނަށް ޖަވާބުދާރިވުމަށް ވަގުތު ނެތީތޯ ސުވާލު ދަންނަވާފައެވެ. އެއާއެކު މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވަގުތު ކަނޑައަޅުއްވާފައިވާނީ އެމަނިކުފާނުކަމަށެވެ.

ވަޒީރު ކުރިއަށް ގެންދަވާ. ހުއްޓާލަންވީމަވެސް އަޅުގަނޑޫ ދަންނަވާނަން. ފަށަން ވީމަވެސް އަޅުގަނޑު ދަންނަވާނަން. މިހާރު އިއްޒަތްތެރި ވަޒީރު ވަޑައިގެން ތި ހުންނެވި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް. މަޖިލިސް ހިންގަނީ މިތަނުގެ ގަވާއިދާ، ދިވެހިރާއްޖޭގެ ޤާނޫނުތަކާ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ އެއްގޮތްވާގޮތުގެ މަތިން. އެގޮތަށް އަޅުގަނޑު މިދަނީ މަޖިލިސް ހިންގަމުން.

– ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު

ރައީސް ނަޝީދުގެ އެ ވާހަކަފުޅާއި ގުޅިގެން ރިޔާސަތަށް އިޝާރަތްކުރައްވާ މަލީހު ވިދާޅުވީ ރިޔާސަތުން ގެޅުއްވަނީ ޚުދުމުހުތާރު ގޮތްތަކެއްކަމަށެވެ. އަދި މަޖިލީހަށް ހުށައަލާފައިވާ މައްސަލައަކީ ޤާނުނު އަސާސީގައި ކޮޅުފައިން ޖެހުންކަމަށްވެސް މަލީހު ސިފަކުރެއްވިއެވެ.

އިއްޒަތެރި ރައީސް ތި ގޮނޑިކޮޅުގައި އިންނަވާ ތިހާ ޚުދުމުހުތާރު ގޮތަކަށް ކަންކަން ކުރައްވާތީ އަޅުގަނޑު ވަރަށް ހިތާމަކުރަން. ވަރަށް ބޮޑަށް ހިތާމަކުރަން. މި މަޖިލީހުން މިފަދަ މައްސަލައެއްގައި އަޅުގަނޑާމެދު ފިޔަވަޅު އެޅުމަކީ ދިވެހިރާއްޖޭގެެ ޤާނޫނު އަސާސީގައި ކަނޑައެޅިގެން ކޮޅުފައިޖެހުންކަމަށް އަޅުގަނޑު ދެކެން.

– ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލް

މަލީހު ވާހަކަފުޅު ކުރިއަށް ގެންދަވަނިކޮށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް (އަނދުން ހުސެއިން) މަލީހު ވާހަކަ ދައްކަވަނީ، ކުރެވިފައިވާ ތުހުމަތުތަކުން ބަރީއަވުމުގެ ގޮތުން ދައްކަވަން ޖެހޭ ވާހަކަ ނޫންކަމަށް ވިދާޅުވުން މަލީހު ވަނީ އެކަމަށްވެސް ރައްދު ދެއްވާފައެވެ. ވިދާޅުވީ، މަޖިލީހުގެ މެމްބަރުންގެ ތައުލީމީ ފެންވަރު ކަނޑައެޅެން ޖެހޭ ކަމަށް ވަކާލާތު ކުރަނީ އެހެންވެކަމަށް މަލީހު ވިދާޅުވިއެވެ.

ޓެލެކޮމިއުނިކޭޝަން ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދުތަކެއް ހަދާފައިނުވާކަމަށް ބުނެ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވާއިރު، އެ ޤަވާއިދުތަކަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ 2 އަހަރުގެ ތެރޭގައި ހަދާ ނިންމާފައިވާ ޤަވާއިދުތަކެއްކަމަށްވެސް މަލީހު ވިދާޅުވިއެވެ. އަދި އެ ޤަވާއިދުތައް އެކުލަވާލުމަށް ކުރި ބުރަ މަސައްކަތް ފާހަގަކުރައްވާ މަލީހު ވަނީ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މަލީހު ވިދާޅުވީ، އެ ޤާނޫނަކީ 2015 ވަނަ އަހަރު ވުޖޫދަށް އައި ޤާނޫނެއްކަމަށާއި، އެއީ އެ ޤާނޫނު އެކުލަވާލާ އަމަލުކުރަން ފަށާތާ 3 މަސް ދުވަހުގެ ތެރޭގައި ހަދަންޖެހޭ ޤަވާއިދެއްނަމަވެސް ފާއިތުވި ތަނުގައި މިނިސްޓަރުކަން ކުރެއްވި 3 މިނިސްޓަރަކު އެކަން ކުރައްވާފައި ނުވާކަމަށް މަލީހު ވިދާލުވިއެވެ. އެހެންކަމުން އެމަނިކުފާނަށް އަދަބުދެއްވަނީ އެ ޤަވާއިދުތައް ހެދުމުންތޯ މަލީހު ސުވާލު ކުރެއްވިއެވެ.
އެހެންކަމުން މިއީ އަސާސެއް ނެތް މައްސަލައެއްކަމަށްވެސް މަލީހު ވިދާޅުވިއެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ މަލީހު މަޤާމުން ވަކިކުރެއްވުމަށް ތްރީލައިން ވިޕެއް ނެރެފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އެލްސަން
ދެން ކީއްވެ ތޯ މަލީހުގެ މިނިސްޓްރީ އެހާޒިމްމާދާރު ކަމާއެކު ނުހިނގަނީ؟ ތިޔަ މިނިސްޓްރީ އިން ކަމެއްކުރާ ތަނެއް ނުފެނޭ!