މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީހު ޖަމާލަކީ އިޚްލާސްތެރި ތެދުވެރި ބޭފުޅެއްކަމަށާއި، މަލީހުއަށް ޖުމްހޫރީ ޕާޓިގެ އިތުބާރުވެސް އެބައޮތްކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓިގެ ޑެޕިއުޓީ ލީޑަރު ޢަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ.
މަލީހުގެ އިތުބާރު ނެތްކަމަށް ބުނެ މަޖިލީހަށް ހުށައަލާފައިވާ މައްސަލައަށް ވާހަކަފުޅު ދައްކަވަމުން ރިޔާޟް ވިދާޅުވީ، މިނިސްޓަރ މަލީހަކީ އިހްލާސްތެރި ތެދުވެރި ޤާބިލް ބޭފުޅެއްކަމަށާއި، ވަޒީރުކަމުގައި ޖުމްހޫރީ ޕާޓިގެ ސްލޮޓެއްގައި ހުންނެވިއިރު، މިހާތަނަށް މިހާތަނަށް އެމަނިކުފާނުގެ ވަޒީރުކަމުގެ ވާޖިބު އަދާނުކުރާކަމަށް އެޕާޓީއަށް ސަރުކާރުން ހުށައަޅާފައިނުވާކަމަށެވެ.
ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ ޤަވާއިދެއް ނުހަދާކަމަށް ބުނެ އިތުބާރުނެތްކަމަށް މަޖިލީހަށް ހުށައަޅާފައިވާ މައްސަލައަށް އިޝާރާތްކުރައްވާ ރިޔާޟް ވިދާޅުވީ، ޤަވާއިދުތައް ނުހަދައިގެން ޖަވާބުދާރީކުރުމަށް ކުރާކަމަށް ބުނެ ހުށައަޅުއްވާފައިވަނީ ސިޔާސީ މައްސަލައެއްކަމަށެވެ. މިސަރުކާރަކީ ކޯލިޝަން ސަރުކާރެއްކަމަށާއި، މިސަރުކާރު ގެނައުމަށް މިނިސްޓަރ މަލީހު ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށްވެސް މެންބަރު ވިދާޅުވިއެވެ.
ޢަބްދުﷲ ރިޔާޟް ވިދާޅުވީ، މަޖިލީހުގައި އޮތީ އެމްޑީޕީގެ އަގްލަބިއްޔަރުކަމަށާއި، ވަޒީރަކަށް ރުހުން ދިނުމާއި ނުދިނުމުގެ ބާރު އެމްޑީޕީގެ އޮތުމުން ކުރަމުން ގެންދަނީ ސިޔާސީ މަސައްކަތެއްކަމަށެވެ.
މިކުރަމުންދާ މަސައްކަތަކީ އެމްޑީޕީ އިސްވެ އޮވެ ކުރައްވާ ސިޔާސީ މަސައްކަތެއް. މަލީހު މަސައްކަތެއް ނުކޮށްގެންނެއް ނޫނޭ ވަކިކުރަނީ. ޖޭޕ އަދި އަޅުގަނޑުގެ އިތުބާރު އެބައޮތޭ. ވަރަށް އިޚްލާސްތެރި އަދި ސަރުކާރު ގެނައުމަށް ގިނަ މަސައްކަތައް ކުރެއްވި ބޭފުޅެކޭ. މިއީ ސަރުކާރުގެ ތެރެއިން ހުށައެޅިގެން ކުރިއަށްދާކަމެއް ނޫން މިއީ.
– ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް
މެންބަރު ރިޔާޟް ވިދާޅުވީ، މިއީ ކޯލިޝަން ސަރުކާރެއްގައި ކަން ހިނގައިގެންދާންވާނެ ގޮތެއް ނޫންކަމަށާއި، މިފަދަ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައަޅާއިރު ކޯލިޝަން ލީޑަރުންގެ މެދުގައި ވާހަކަ ދެކެވެންވާނެކަމަށެވެ.
މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ މެންބަރުން ވަނީ މިނިސްޓަރ މަލީހުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ