ހުށައަޅާފައިވަނީ ދޮގާ މަކަރު އެކުލެވޭ ޒާތީ މައްސަލައެއް: މަލީހު

ހުށައަޅާފައިވަނީ ދޮގާ މަކަރު އެކުލެވޭ ޒާތީ މައްސަލައެއް: މަލީހު

Author
މުޙައްމަދު ޖިމީ
01 މާރޗް 2021 09:42
0

އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ ދޮގާއި މަކަރު އެކުލެވޭ، ޒާތީ އަދި ނަން ކިލަނބުކޮށްލަން ހުށައަޅާފައިވާ މައްސަލައެއްކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަލީހުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށައަޅާފައިވާ މައްސަލާގައި، ޖަވާބުދާރީވުމަށް ފުރަމަ ދެއްވި ފުރުޞަތުގައި މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މަލީހު ވިދާޅުވީ، މަޖިލީހަށް ވަޑައިގަތީ ވަޒީރުކަން ދިފާޢުކުރުމަށް ނޫންކަމަށާއި، ވަޑައިގަތީ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާ ދިފާޢުކުރުމަށްކަމަށެވެ. މަލީހު ވިދާޅުވީ، 14 މެންބަރުން ސޮއިކުރައްވާ މަޖިލީހަށް ވައްދާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައަކީ ވަޒީރެއްގެ ނަން ކިލަނބުކޮށްލުމަށް ހުށައެޅުއްވި ޒާތީ މައްސަލައެއްކަމަށެވެ. އަދި އެ މައްސަލައާއި ގުޅިގެން ހުރިހާ އިޖުރާއަތެއް ކުރިއަށް ގެންދިޔައީ ދޮގާއި މަކަރާއި އެކުކަމަށްވެސް މަލީހު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މަޖިލީހުން އެމަނިކުފާނަށް ފޮނުވާފައިވާ މައްސަލާގައި ހުސް ކަރުދާސްތަކެއްވެސް ހިމެނޭކަމަށާއި، އޭގައި ވާއެއްޗެއް އަދި ނުވާއެއްޗެއްވެސް ސާފުނުވާކަމަށެވެ. އަދި އެ މައްސަލާގައި ބަޔާންކޮށްފައިވަނީ ވަޒީރުގެ ނަންފުޅުވެސް ނުބައިކޮށްކަމަށާއި، އެ މައްސަލައާއި ގުޅިގެން މަޖިލީހަށް ފޮނުްވި ސިޓީގެ ޖަވާބު އެންމެ ޑިމޮކްރަޓިކް މަޖިލީހުން މިހާތަނަށްވެސް ދެއްވާފައި ނުވާކަމަށް މަލީހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޓެލެކޮމިއުނިކޭޝަން ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދުތަކެއް ހަދާފައިނުވާކަމަށް މަޖިލީހުގެމެންބަރުން ތުހުމަތުކުރާއިރު، އެ ޤަވާއިދުތަކަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ 2 އަހަރުގެ ތެރޭގައި ހަދާ ނިންމާފައިވާ ޤަވާއިދުތަކެއްކަމަށްވެސް މަލީހު ވިދާޅުވިއެވެ. އަދި އެ ޤަވާއިދުތައް އެކުލަވާލުމަށް ކުރި ބުރަ މަސައްކަތް ފާހަގަކުރައްވާ މަލީހު ވަނީ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މަލީހު ވިދާޅުވީ، އެ ޤާނޫނަކީ 2015 ވަނަ އަހަރު ވުޖޫދަށް އައި ޤާނޫނެއްކަމަށާއި، އެއީ އެ ޤާނޫނު އެކުލަވާލާ އަމަލުކުރަން ފަށާތާ 3 މަސް ދުވަހުގެ ތެރޭގައި ހަދަންޖެހޭ ޤަވާއިދެއްނަމަވެސް ފާއިތުވި ތަނުގައި މިނިސްޓަރުކަން ކުރެއްވި 3 މިނިސްޓަރަކު އެކަން ކުރައްވާފައި ނުވާކަމަށް މަލީހު ވިދާލުވިއެވެ. އެހެންކަމުން އެމަނިކުފާނަށް އަދަބުދެއްވަނީ އެ ޤަވާއިދުތައް ހެދުމުންތޯ މަލީހު ސުވާލު ކުރެއްވިއެވެ.
އެހެންކަމުން މިއީ އަސާސެއް ނެތް މައްސަލައެއްކަމަށްވެސް މަލީހު ވިދާޅުވިއެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ މަލީހު މަޤާމުން ވަކިކުރެއްވުމަށް ތްރީލައިން ވިޕެއް ނެރެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.