ގައިޑްލައިނާ ޚިލާފުވާ ތަންތަން 24 ގަޑިއިރަށް ބަންދުކުރަނީ

ގައިޑްލައިނާ ޚިލާފުވާ ތަންތަން 24 ގަޑިއިރަށް ބަންދުކުރަނީ

Author
މުޙައްމަދު ޖިމީ
28 ފެބްރުއަރީ 2021 10:57
0

އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފުވާ އާންމު ޚިދުމަތްދޭ ތަންތަން 24 ގަޑިއިރަށް ބަންދު ކުރަން ނިންމައިފިއެވެ. އެޗްޕީޢޭގެ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތް ދޭތޯ ބެލުމަށްޓަކައި މާސް އިންސްޕެކްޗަންގެ 5ވަނަ ބުރު ފަށާފައިވަނީ މި ފެބުރުއަރީ މަހުގެ ތެރޭގައެވެ.

އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ އަޙްމަދު ނާޞިރު ވިދާޅުވީ، ޢާއްމު ޚިދުމަތްދޭ ތަންތަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މިންގަނޑަށް ފެތޭތޯ ބެލުމަށްޓަކައި ކުރިއަށްގެންދާ މާސް އިންސްޕެކްޝަންގެ 3ވަނަ މަރުހަލާގައި ޖޫރިމާނާ ކުރުމުގެ ބަދަލުގައި އެތަނެއް 24 ގަޑިއިރަށް ބަންދުކުރަން ނިންމާފައިވާކަމަށެވެ.

އިންސްޕެކްޝަން ކުރިއަށް ގެންދާއިރު ފުރަތަމަ އެޗްޕީޢޭގެ އުޞޫލާ ޚިލާފަތް ޚިދުމަތްދޭ ތަންތަނަށް އުޞޫލާ އެއްގޮތަށް ޚިދުމަތް ދިނުމަށް ނަސޭހަތް ދެމުން އަންނާނެކަމަށެވެ. އަދި ނަސޭހަތް ދިނުމަށްފަހު ރަނގަޅުނުކުރުމުގެ ސަބަބުން ފިޔަވަޅު އަޅާނެކަމަށް އަންގާ އިންޒާރު ދެމުން އަންނަކަމަށެވެ. އެއަށްފަހު ޖޫރިމަނާ ކުރާކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އަލަށް ގެނައި ބަދަލާއެކު އެތަނެއް24 ގަޑިއިރަށް ބަންދުކުރުމަށް ނިންމާފައިވާއިރު، ޚިދުމަތް ހޯދާ ފަރާތްތަކާއި ޚިދުމަތް ދޭ ފަރާތްތައްވެސް މާސްކް ނާނަމަ އެމީހަކުވެސް ޖޫރިމަނާ ކުރުމަށް ނިންމާފައިވާކަމަށްވެސް ނާޞިރު ވިދާޅުވިއެވެ.

އެޗްޕީއޭއިން އެކުލަވާލާފައިވާ އުޞޫލްގައި ވާގޮތުން އުޞޫލާ ޚިލާފަށް ޚިދުމަތްދޭނަމަ ފުރަތަމަ ފަހަރަށް 5000 ރުފިޔާ ދެވަނަ ފަހަރު 25،000 ރުފިޔާގެ ޖޫރިމަނާއެއް ކުރާއިރު އެންގުމާ ޚިލާފުވެ ކަންކަން ރަނގަޅު ނުކުރާނަމަ، ތިންވަނަ ފަހަރަށް 50،000 ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށްވަނީ ހަމަޖައްސާފައެވެ. އަދި ހަތަރުވަނަ ފަހަރު ޖޫރިމަނާގެ ގޮތުގައި 75،000 ރުފިޔާ ދައްކަންޖެހޭއިރު ފަސްވަނަ ފަހަރުގެ ޖޫރިމަނާއަކީ އެއްލައްކަ ރުފިޔާއެވެ.

މިފަހަރުގެ އިންސްޕެކްޝަންގައިވެސް ބަލަމުންގެންދާނީ ކެފޭ ރެސްޓޯރެންޓުތަކާއި ކެންޓީން ފަދަ ތަންތަން ހިންގުމުގައި ރައްކާތެރިކަމަށްޓަކާ ހިފަހައްޓަން އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް އަމަލުކުރާ މިންވަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.