އިތުރު 5،923 މީހަކަށް މިއަދު ކޯވިޑް-19 ދިފާޢު ވެކްސިން ދީފިއެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި، ކޯވިޑް-19އިން ދިފާޢުވުމަށްދޭ ވެކްސިން ރާއްޖޭގައި 5،923 މީހަކަށް ދީފައިވާއިރު، ރާއްޖޭގައި މިހާތަނަށް ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަކީ111،415އެވެ.
ވޭތުވެދިޔަ 24ގަޑިއިރު ވެކްސިން ޖެހި މީހުގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިން ޖެހި 2،291 މީހުންނާއި އަތޮޅުތަކުން ވެކްސިންޖެހި 3،632މީހުންނެވެ. މިއާއެކު މާލެ ސަރަޙާއްދުން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 75،163އަށް އަރާފައެވެ. އަދި އަތޮޅުތަކުން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދަކީ 36،252އެވެ.
ވެކްސިން ޖެހުމުގެ ޚިދުމަތް މިހާރު ދެމުން އަންނަނީ މާލެ ސަރަހައްދުގެ 7 ސެންޓަރަކާއި އަތޮޅުތަކުން 169 ސެންޓަރެއްގައެވެ. އަދި މާލޭ ސަރަޙައްދުގައި ވެކްސިން ދިނުމަށްޓަކައި 2 މޯބައިލް ޓީމްވެސް ހަރަކާތްތެރިވަމުން އާދެއެވެ. ރައްޖޭގައި އަދި ދެމުންދަނީ ކޯވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޑޯޒެވެ. ވެކްސިންގެ ޑޯޒް ހަމަކުރެވޭނީ ދެ ޑޯޒް ޖަހައިގެންނެވެ. ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށަނީ 8 ހަފްތާ ފަހުންނެވެ.
ރާއްޖޭގައި ފުރަތަމަ ދޭންފެށީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިންގެ 100،000ޑޯޒްއެވެ. އަދި އިންޑިއާއިން މިމަހުވެސްވަނީ އިތުރު 100،000ޑޯޒްގެ ވެކްސިން ހަދިޔާކޮށްފައެވެ. ފުރަތަމަ ލިބުނު 100،000ޑޯޒްގެ ވެކްސިން ޖަހާ ނިމި، މިހާރު މިވަނީ ދެވަނަ ބުރުގައި ލިބުނު ވެކްސިން ދޭން ފަށާފައިކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން މަޢުލޫމާތުދެއްވައެވެ. ފުރަތަމަ ވެކްޝިން ޝިޕްމަންޓްގައި ލިބުނު ވެކްސިން ބޭނުންކުރެވޭނީ އަންނަ މަހުގެ 13ވަނަ ދުވަހާ ހަމައަށްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ރާއްޖޭގެ 25އަހަރުން މަތީގެ މުޅި އާބާދީއަށް މިހާރުވަނީ ވެކްސިންދޭން ފަށާފައެވެ. އަދި ޢުމުރުން 18 އަހަރުން މަތީގެ ހައިރިސްކް މީހުންނަށްވެސް ވެކްސިންދަނީ ދެމުންނެވެ.
ކޮމެންޓު ފޮނުވާ