ދެމެހެއްޓެނިވި ތިމާވެއްޓެއްނެތި، އިންސާނީ ހައްގުތައް ރައްކާތެރި ނުކުރެވޭނެ: ފޮރިން ސެކްރެޓަރީ

ދެމެހެއްޓެނިވި ތިމާވެއްޓެއްނެތި، އިންސާނީ ހައްގުތައް ރައްކާތެރި ނުކުރެވޭނެ: ފޮރިން ސެކްރެޓަރީ

Author
މުޙައްމަދު ޖިމީ
24 ފެބްރުއަރީ 2021 11:29
0

ދެމެހެއްޓެނިވި ތިމާވެއްޓެއްނެތި އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތް ކާމިޔާބު ނުކުރެވޭނެކަމަށް ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޢަބްދުލްޣަފޫރު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ފޮރިން ސެކްރެޓަރީ މިހެން ވިދާޅުވީ، ދަ ކޭސް ފޮރ ދި ޔުނިވަރސަލް ރިކޮގްނިޝަން އޮފް ދަ ރައިޓް ޓު އަ ސޭފް، ކްލީން، ހެލްތީ އެންޑް ސަސްޓެއިނަބަލް އެންވާރަމެންޓް" މިނަމުގައި އދގެ އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލްެގެ 46 ވަނަ ބައްދަލުވުމުގެ ހަވާސާގައި ރޭ، ޔުނިވަރސަލް ރައިޓްސް ގްރޫޕްއިން އިންތިޒާމްކޮށްގެން ބޭއްވި ވަރޗުއަލް ބައްދަލުވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދުގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ބައްދަލުވުމުގައި އިންސާނީ ހައްގުތަކާއި ތިމާވެއްޓާއި ބެހޭ ކޯ ގްރޫޕްގެ މެމްބަރު ގައުމުތަކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން ސެކްރެޓެރީ ވަނީ އިންސާނީ ހައްގުތަކާއި ތިމާވެއްޓާއި ހުރި ގުޅުމާއި ބެހޭގޮތުން ދިގު މުއްދަތަކަށް ކުރެވެމުންދާ މަޝްވަރާތަކަށް އަލިއަޅުވާލާފައެވެ. އަދި ބައިނަލްއަގްވާމީ މައިދާނުގައި ކުރެވޭ ބަހުސްތަކުގައި މޫސުމަށް އަންނަ ބަދަލުތަކާއި އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ މުހިންމުކަން އަންގައިދިނުމުގައި ދިވެހިރާއްޖެއިން އަދާކޮށްފައިވާ ދައުރުގެ މުހިންމުކަމަށްވެސް އަލިއަޅުވާލެއްވިއެވެ. މިގޮތުން ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އިންސާނީ ހައްގުތަކާއި ތިމާވެއްޓަށް ޚާއްސަ ރެޕެޓުއަރއެއް 2012 އަހަރު އައްޔަން ކުރެވުނުކަން ފޮރިން ސެކްރެޓަރީވަނީ ފާހަގަކޮށްފައެވެ. ސާފު، ދުޅަހެޔޮ އަދި ދެމެހެއްޓެނިވި ތިމާވެއްޓެއް ނެތި، އިންސާނި ހައްގުތަށް ރައްކާތެރިނުކުރެވޭނެކަންވެސް ފޮރިން ސެކްރެޓަރީ ފާހަގަ ކުރައްވާފައެވެ.

ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ދިމާވާ ގެއްލުންތަކުގެ ސަބަބުން ރައްޔިތުންގެ، ޚާއްސަކޮށް ދިވެހިންގެ، ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ކަނޑުގެ ލޮނުގަނޑު އުސްވުމުން ދިވެހިރާއްޖެ ފަދަ ނާޒުކު ގައުމަކަށް ނޭދެވޭ އަސަރުކުރާނެކަން ފޮރިން ސެކްރެޓަރީ ޣަފޫރުވަނީ ފާހަގަކުރައްވާފައެވެ. އަދި ދިވެހި ސަރުކާރުން ތިމާވެށި ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް ޣަފޫރު އަލިއަޅުވާފައެވެ. ވާހަކަފުޅު ނިންމަވާލަމުން ފޮރިން ސެކްރެޓަރީ ޣަފޫރު ވަނީ އިންސާނީ ހައްގުތަކާއި ތިމާވެއްޓާ ބެހޭ އދގެ ކޯރ ގްރޫޕުން ކުރަމުންދާ މަސައްކަތަށް މެމްބަރު ގައުމުތަކުގެ އެއްބާރުލުންދެއްވުމަށް އެދިވަޑައިގެންފައެވެ.

ތިމާވެށި ރައްކާތެރިކުރުމާއި ހިމާޔަތްކުރުމަށް ކުރެވޭނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުމަށް ބޭއްވުނު މި ބައްދަލުވުމުގައި އިންސާނީ ހައްގުތަކާއި ތިމާވެށީގެ މިހާރުގެ ޚާއްސަ ރެޕެޓުއަރ ޑޭވިޑް ބޯއިޑް، އަދި ކުރީގެ ރެޕެޓުއަރ ޖޯން ނޮކްސްގެ އިތުރުން ޔުނިވަރސަލް ރައިޓްސް ގްރޫޕްގެ އެގްސެކެޓިވް ޑިރެކްޓަރ މާކް ލިމަންގެ ޕްރެޒެންޓޭޝަން ވަނީ ހުށަހަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.