ހަރުކަށިފިކުރުގެ މީހުން އިތުރުވަނީ ދީނަށް ފުރައްސާރަކުރާ މީހުންގެ މައްސަލަތައް ނުބެލުމާއި، ސަރުކާރުން ގެންގުޅޭ ދީނާ ބީރައްޓެހި ސިޔާސަތުގެ ސަބަބުންކަމަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
މިއަހަރަށް މަޖިލިސް ހުޅުވުމަށް ރައީސް ދެއްވި ރިޔާސީ ބަޔާނަށް މިއަދުގެ ޖަލްސާގައި ޖަވާބުދެއްވަމުން ސަލީމް ވިދާޅުވީ، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީންކަމަށާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ މައިގަނޑު މަސްދަރަކީ އިސްލާމް ދީންކަމަށް ޤާނޫނުއަސާސީގާ ބަޔާންކޮށްފައިވާއިރު، ރާއްޖޭގާ އެހެން ދީންތައް ފެތުރުމަށް އެކި ފަރާތްތަކުން ކުރަމުންދާ ކަންކަމަށް ސަރުކާރުން ފުރުޞަތުދެމުން އަންނަަމަށެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީ މަހުގެތެރޭގައި މާލޭގެ ކުޅިވަރު އެކުވެނީގައި އެފަދަ ކަމެއް ބާއްވާފައިވާކަން ސަލީމް ފާހަގަކުރެއްވިއެވެ. މިއީ އިސްލާމްދީނާ ޤައުމު ދެކެ ލޯބިވާ އެތައް ބަޔަކު ކަންބޮޑުވާ ކަމެއްކަމަށާއި، ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނާވެސް ޚިލާފު ކަމެއްކަމަށް ސަލީމް ވިދާޅުވިއެވެ.
މާތްﷲ އާއި އެކަލާންގެ އަޅާ مُحَمَّدُرَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަކޮށް، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވަރކުން ރިޕޯޓު ނެރުމުން، އެ ރިޕޯޓާ ދެކޮޅަށް މުޅި ރާއްޖޭގާ ކެނޑިނޭޅި އިހުތިޖާޖުކުރި، އެހެންނަމަވެސް 2021 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައިވެސް އެ މައްސަލައާމެދު އަލިއަޅުވައިނުލެއްވުމަކީ ރާއްޖޭގައި އިސްލާމީ ވަޙުދަތު ރައްކާތެރިކުރުމުގައި ސަރުކާރުން ފަހަތު ފަޔަށް ބުރަވާކަން ހާމަވެގެންދިޔަ ކަމެއް. އަދި އެ ރިޕޯޓު ލިޔުނު ފަރާތްތައް ސަރުކާރުގެ މަތީ މަޤާމުތަކުގައި ބޭތިއްބުމަކީ އިސްލާމް ދީނަށް ސަރުކާރުން ޤަދަރު ކުޑަކުރާކަން އަންގައިދޭ ކަމެއް. މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުން ނެރުނު ރިޕޯޓު ކުށްވެރި ކުރަމުން، އެ ރިޕޯޓާމެދު ރިޔާސީ ބަޔާނުގައި އަލިއަޅުވައިނުލެއްވި މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. ދިވެހި މި ބިމުން އިސްލާމް ދީން ފިޔަވައި އެހެން އެއްވެސް ދީނަކަށް އެއްވެސް ޖާގައެއް ދީގެންނުވާނެ!
– ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަޙްމަދު ސަލީމް
ސަލީމް ވިދާޅުވީ، އިސްލާމްދީނަށް ފުރައްސާރަކޮށް، އިސްލާމީ ޢަޤީދާ ބަލިކަށިކޮށްލުމަށްޓަކައި ރޭވިގެން ރާއްޖޭގައި ހިންގަމުންދާ އެކިއެކި ކަންކަމާ ދެކޮޅަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށެވެ. ސަރުކާރުން އެންމެ އިސްކަމެއް ދޭންޖެހޭ އެއްކަމަކަށް ވާންޖެހޭނީ އިސްލާމީ ވަޙްދަތު ދަމަހައްޓާ، ރައްޔިތުންގެ ހިތްތަކުގައި އިސްލާމްދީނަށް ލޯބި ޖައްސާ، އިސްލާމީ ރިވެތި އުސޫލްތައް ދެމެހެއްޓުމަށް މަސައްކަތް ކުރުންކަމަށް ސަލީމް ރިޔާސީ ބަޔާނަށް ދެއްވި ޖަވާބުގައި ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ ޒަޢާމަތުގައި ރާއްޖޭގައި އިސްލާމީ ވަހުދަތު ރައްކާތެރި ކުރުމަށް ނުހަނު ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިކަންވެސް ސަލީމް ފާހަގަކުރެއްވިއެވެ.
ހަރުކަށި ފިކުރާއި ލާދީނީ ފިކުރާއި އަދި ވަކި ދީނެއް ޤާބޫލު ނުކުރާ ފިކުރުތަކާ ދެކޮޅަށް ރައީސް ޔާމީންގެ ސަރުކާރުންވަނީ ގިނަގުނަ އިސްތިރާޖީ މަސައްކަތްތަކެއް ކުރައްވާފައި. ނަމަވެސް އެ އިސްތިރާޖީ މަސައްކަތްތަކާއި ސިޔާސަތުތައް މިސަރުކާރުންވަނީ ބަދަލުކޮށްފާ. މިކަމުގެ ސަބަބުން ރާއްޖެއަށް އޮންނަ ނުރައްކާ އިތުރުވެދާނެ.
– ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަޙްމަދު ސަލީމް
ސަލީމް ވަނީ ހައްދުފަހަނައަޅާފައިވާ ފިކުރާ ދެކޮޅަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ބަދަލުކޮށް، ޙިކުމަތްތެރިކަމުގެ އުކުޅުތައް އިސްކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. އަދި ހަރުކަށިފިކުރު އިތުރުވާކަމުގައިވާނަމަ އިތުރުވަނީ ދީނަށް ފުރައްސާރަކުރާ މީހުންގެ މައްސަލަތައް ނުބެލުމާއި ސަރުކާރުން ގެންގުޅޭ ދީނާ ބީރައްޓެހި ސިޔާސަތުގެ ސަބަބުންކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ