އުތުރު ތިލަފަޅު ތަރައްޤިކުރުމަށް އިންޑިއާއާއެކު ކުރީ ސަރުކާރުން މަޝްވަރާކުރިކަމަށާއި، ނަމަވެސް އެ މަޝްރޫޢޫ އިންޑިއާއާއެކު ކުރިއަށް ނުގެންދިޔައީ އެތަނުގެ އެކްސްކުލޫސިވް ރައިޓްސް އޮތުމަށް އިންޑިއާއިން ބޭނުންވާތީކަމަށް އެޤައުމަށް ރާއްޖެއިން ކުރިން ކަނޑައެޅުއްވި ސަފީރު އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ އެކްޓަރނަލް އެފެއަރޒް މިނިސްޓަރ މިމަހު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި މިސަރުކާރުން ވަނީ އިންޑިއާއެކު އުތުރު ތިލަފަޅު ތަރައްޤީކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއާއެކު ސަރުކާރަށް ފާޑުކިއުން އަމާޒުވުމުން، ސަރުކާރުން ވަނީ އެއީ ރައީސް ޔާމީންގެ ޒަޢާމަތުގައި ވެފައިވާ އެއްބަސްވުމެއްކަމަށް ބުނެފައެވެ.
ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު މުޙައްމަދު ވިދާޅުވީ، 2016 ވަނަ އަހަރު ރައީސް ޔާމީން އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެޤައުމުގެ ސަރުކާރުން މަޝްވަރާ ކުރި ކަންތައްތަކުގެ ތެރޭގައި އުތުރު ތިލަފަޅުގައި ޑޮކްޔާޑެއް ތަރައްގީ ކުރުން ހިމެނޭކަމަށެވެ. ނަމަވެސް ކުރެވުނު މަޝްވަރާތަކުން ޑޮކްޔާޑުގެ އެކްސްކުލޫސިވިޓީ ހަމަ އެކަނި އިންޑިއާ އަށް އޮންނަ ގޮތަށް އެޤައުމުން ބޭނުންވިކަމަށާއި، އެހެންކަމުން އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ދިވެހި ސަރުކާރުން ބޭނުން ނުވީކަމަށް އަޙްމަދު މުޙައްމަދު ވިދާޅުވިއެވެ. އަދި އެކަން އިންޑިއާ ސަރުކާރަށް ދެންނެވިކަމަށްވެސް ކުރީގެ ސަފީރު ވިދާޅުވިއެވެ. އެކަން މިހާރުގެ އިންޑިއާގެ އެކްސްޓަރަނަލް އެފެއާޒް މިނިސްޓަރަށްވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެކަމަށްވެސް ކުރީގެ ސަފީރު ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަރވިއުގައި ވިދާޅުވިއެވެ.
2018 ވަނަ އަހަރުގެ ޖެނުއަރީ ތެރޭގައި އަޅުގަނޑާއި ފޮރިން މިނިސްޓްރީގެ އިތުރު އޮފިޝަލުންނާ އެކު އިންޑިއާގެ އޮފިޝަލުންނާ ދިއްލީގައި ބައްދަލުކޮށް، ޑޮކްޔާޑުގެ އެކްސްކުލޫސިވިޓީ ހަމަ އެކަނި އިންޑިއާ އަށް އޮންނަ ގޮތަށް އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ދިވެހި ސަރުކާރުން ބޭނުން ނޫން ކަމަށް ވާނީ ދަންނަވާފައި.
– އިންޑިއާގައި ހުންނެވި ކުރީގެ ސަފީރު

އެމްއެންޑީއެފްގެ ކޯސްޑްގާޑްގެ ބަނދަރަކާއި ސަރވިސް ޑޮކްޔާޑެއް އުތުރު ތިލަފަޅުގައި ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އިންޑިއާއާއި އެކު ރާއްޖެއިން މި ސަރުކާރުން ސޮއިކޮށްފައިވާއިރު، އުތުރު ތިލަފަޅު ތަރައްްޤީކުރުމަށް ރައީސް ޢަބްދުﷲ ޔާމީން ނިންމަވާފައިވަނީ ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ތަރައްޤީކުރުމަށްކަމަށް ރައީސް ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރުވެސް ވަނީ ވިދާޅުވެފައެވެ.
އިންޑިއާ ސަރުކާރާއެކު އުތުރު ތިލަފަޅު ތަރައްޤީކުރުމަށް ދިވެހި ސަރުކާރުން އެކުލަވާލާފައިވާ އެއްބަސްވުމުގައިވާ ގޮތުން އެ އެއްބަސްވުމުގެ މަތިން، އިންޑިއާގެ ފަންނީ މާހިރުން، ދިވެހި މުވައްޒަފުން ތަމްރީނު ކުރުމާއި، ޑޮކްޔާޑް އަދި ބަނދަރުގައި ޤާއިމުކޮށްފައިވާ އެކިއެކި ވަސީލަތްތައް މަރާމާތުކޮށް ބެލެހެއްޓުމުގައި 15 (އަހަރު ދުވަހުގެ މުއްދަތަކަށް އިންޑިއާއިން އެހީތެރި ވެދޭނެއެވެ.
އުތުރު ތިލަފަޅު ތަރައްޤީކުރުމަށް ރާއްޖެއިން އިންޑިއާއާއެކު އެކުލަވާލި އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިންނަށް ދާއިމަށް ދިވެހިރާއްޖޭގައި ތިބެވޭނެކަމަށް ޚަބަރު އޮންލައިނަށް ވަނީ އެނގިފައެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން އެ އުތުރު ތިލަފަޅު ތަރައްޤީކޮށް އޮޕަރޭޓް ކުރުމަށް ބޭނުންވާ އިންޑިއާގެ އަސްކަރިއްޔާގެ ފަންނީ މީހުން 15 އަހަރަށް އެތަނުގައި ގާއިމްވެ ތިބުމުގެ ހުއްދަ އެއްބަސްވުމުގެ ދަށުން ލިބިދޭކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
މި އެއްބަސްވުމުގެ ނަމަކީ “ޑިވެލޮޕްމަންޓަ، ސަޕޯޓު، އެންޑް ދަ މައިންޓެނޭންސް އޮފް ދަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ހާބާ ސިފަވަރު އެޓް އުތުރުތިލަފަޅު” އެވެ
ކޮމެންޓު ފޮނުވާ