ފައިރޫޝްގެ ރިޓަޔަރމަންޓް ނުހިފެހެއްޓީ އޭނާގެ އެއްވެސް މައްސަލައެއް ނެތުމުން: ޢިމްރާން

ފައިރޫޝްގެ ރިޓަޔަރމަންޓް ނުހިފެހެއްޓީ އޭނާގެ އެއްވެސް މައްސަލައެއް ނެތުމުން: ޢިމްރާން

Author
މުޙައްމަދު ޖިމީ
23 ފެބްރުއަރީ 2021 06:59
0

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. ޢަބްދުﷲ ފައިރޫޝް ރިޓަޔަރ ކުރެއްވިއިރު އޭނާއާއި ގުޅޭ އެއްވެސް މައްސަލައެއް ހުށައަޅާފައި ނުވާކަމަށާއި، އެހެންކަމުން ރިޓަޔަރމަންޓް ހިފެހެއްޓޭނެ އެއްވެސް ގޮތެއް ނެތްކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ފައިރޫޝް ރިޓަޔަރކުރެއްވި މައްސަލާގައި މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓިގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ، ފައިރޫޝް ފައިރޫޝް ރިޓަޔަރކުރެއްވީ ހަތް މަސްދުވަހު އެކަމަށް ތައްޔާރުވެގެން ކަމަށާއި، މިނިސްޓަރ ވިދާޅުވީ، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑާއި، ހޯމް މިނިސްޓްރީއަށްވެސް ފައިރޫޝްއާއި ގުޅޭ އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާކަމަށެވެ.

ފައިރޫޝްގެ ރިޓަޔަރކުރި މައްސަލަ މަޖިލީހުގެ ސަލާމަތީ ޚިދުމަތުގެ ކޮމިޓީ ނުވަތަ 241 ކޮމެޓީއަށް ފައިރޫޝްގެ މައްސަލަ ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. އެމަނިކުފާނު މި މައްސަލަ އެ ކޮމިޓީއަށް ހުށަހަޅުއްވާފައިވަނީ ދާދިފަހުން އެކުލަވާލި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު ފާސްކޮށް، ތަސްދީގު ކުރައްވާފައިވަނިކޮށް، އެ ޤާނޫނުގައިވާގޮތުގެ މަތިން ނޫނީ ފުލުހުންގެ އޮފިސަރަކަށް ރިޓަޔަރ ނުކުރެއްވޭނެ ކަމުގައި ދެކެވަޑައިގަންނަވާތީއެވެ. އެކަމަށް އިޝާރާތްކުރައްވާ ހޯމް މިނިސްޓަރ ވިދާޅުވީ، ފައިރޫޝް ރިޓަޔަރކުރައްވަން އުޅުއްވިއިރު ފުލުހުންގެ ޤާނޫނަށް އެފަދަ އިޞްލާހުތަކެއް ގެންނަން އުޅޭކަން އެނގިވަޑައިގެންފައިނުވާކަމަށެވެ.

ފައިރޫޝް ރިޓަޔަރކުރެއްވި މައްސަލައާއި ގުޅިގެން ތަފާތު އެކި ވާހަކަތައް ދެކެވެމުން އަންނަކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، އޭނާ ރިޓަޔަކުރެއްވިއިރު ހުރިހާ އިޖުރާއަތުތަކެއް ވެސް ފުރިހަމަ ކޮށްފައިވާކަމަށެވެ.

ވަރަށް ބައިވަރު އެބަހުރި. ތިކަމަށް އިންކާރެއް ނެތް ކުރެވޭކަށް. އެކަމަކު ވާހަކަ އެކަންޏެއް ނޫން. ފުރިހަމަ ވާން ޖެހޭ ލިޔެކިޔުމެއް ވިޔަސް ނުވަތަ މައްސަލައެއް، ހުށަހެޅުމެއް ވިޔަސް އޮންނަން ޖެހޭނެ. މިކަމުގައި ބެލޭނީ ހުރި ލިޔެކިޔުންތަކަށް. ސުވާލުތައް އުފެދެން ފެށުނީ މާފަހުން.

– ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ

ފުލުހުންގެ ޙިދުމަތުގެ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ތަސްދީގުކުރައްވާފައިވަނީ މިދިޔަމަހުގެ 27 ވަނަ ދުވަހުއެވެ. އެ ޤާނޫނުގެ 112 ވަނަ މާއްދާގައިވާގޮތުން ފުލުހެއްގެ މަޤާމުގައި ހުރެ ކުރި ކަމެއްގެ ސަބަބުން އެޅިދާނެ ތައުދީބީ ފިޔަވަޅަކުން ސަލާމަތްވުމަށްޓަކައި، ފުލުހުންގެ ޚިދުމަތުން ވަކިވާ މީހާ ފިޔަވައި ފުލުހުންގެ ވަޒީފާއިން އަމިއްލަ އިޙްތިޔާރުގައި އެއްވެސް ތައުދީބީ މައްސަލައެއް އުފުލާފައި ނެތް ހާލަތުގައި ނުވަތަ އެފަދަ މައްސަލައެއް ހުށަހެޅިދާނެ ޙާލަތެއް އުފެދިފައި ނެތީސް ވަކިވާ މީހުންނަކީ ޝަރަފުވެރިކަމާއެކު ފުލުހުންގެ ވަޒީފާއިން ވަކީވާ މީހުންނެވެ.

މޯލްޑިވިސް ޕޮލިސް ސަރވިސްގެ، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި، ޑރ. އަބްދުﷲ ފައިރޫޝް ރިޓަޔަރ ކުރައްވާފައިވަނީ މިދިޔަ 2 ވަނަ ދުވަހުއެވެ. ފުލުހުންގެ ޚިދުމަތުން ޑރ. ފައިރޫޒް ރިޓަޔަރކުރެއްވިއިރު އޭނާ ހުންނެވީ ފުލުހުންގެ ހެޑް އޮފް ރިސޯސް މެނޭޖްމެންޓްގެ މަޤާމުގައެވެ. މިއީ ފުލުހުންގެ ފައިނޭންސާއި އިންސާނީ ވަސީލަތްތަކާއި އިންޖިނިއަރިން އަދި މެކޭނިކަލް ސާވިސް ހިމެނޭ ޑިޕާޓްމެންޓެވެ.

ފައިރޫޝްއަކީ އޮސްޓްރޭލިއާގެ މެކުއަރީ ޔުނިވާސިޓީން ލޯ އެންފޯސްމަންޓް އިންޓެލިޖެންސްއިން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ފުލުހުންގެ ޚިދުމާއި 1998 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 12 ވަނަ ދުވަހު ގުޅިވަޑައިގަތް ފައިރޫޝް ވަނީ 20 އަހަރާއި 1 މަސްދުވަސް ޚިދުމަތުގައި ހޭދަކުރައްވާފައެވެ. ފުލުުހުންނަށް ދޭ 9 ކުލައަކާއި 6 މެޑަލް ފައިރޫޝް ހާސިލްކުރައްވާފައިވާއިރު، އޭނާ ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން ތަފާތު އެކި ތަމްރީންތައް ފުރިހަމަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.