ވަށަފަރު މީހަކަށް މާލޭގެ ރައްޔިތުންގެ އިހުސާސް ނޭނގޭނެކަމަށާއި، ބޯހިޔާވަހިކަމެއްވެސް ހޯދައި ނުދެވޭނެކަމަށް ވިދާޅުވެ ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒުއަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމް ފާޑުވިދާޅުވެއްޖެއެވެ.
ކުރީ ސަރުކާރުން އެއް ކޮޓަރީގެ ފްލެޓް ދިނުމަށް ނިންމާފައިވަނިކޮށް އެ ކެޓަގަރީތަކުން ފޯމް ހުށައަޅާފައިވާ މީހުންގެ ފޯމްތައް މިސަރުކާރުން ބާޠިލްކޮށް ފްލެޓް ނުދިނުމަށް ނިންމުމާއި ގުޅިގެން އެކަން ހިނގާދިޔަ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހުށައެޅުއްވި މައްސަލައަށް ބަހުސްކުރައްވަމުން ޢަލީ ޢާޒިމް ވިދާޅުވީ، ނިމިދިޔަ މަޖިލީހުގައި މާލޭގެ ރައްޔިތުން ކަންބޮޑުވާ އެންމެ މައްސަލައެއްވެސް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް މަޖިލީހަށް ހުށައަޅާފައި ނުވާކަމަށެވެ.
އަދި ނިމިދިޔަ ސަރުކާރުން މުޅި ޤައުމުގައި ވައްކަން ކުރަމުން ދިޔައިރުވެސް އަދި ހުދުމުހުތާރު ވެރިކަމެއް ކުރަމުން ދިޔައިރުވެސް ޤައުމުގެ ހައްގުގައި ޝިޔާމަށް ބަހެއް ވިދާޅުނުވެވުނުކަމަށް ވިދާލުވެ ޝިޔާމް ހުށައެޅުއްވި މައްސަލައަށް ފާޑުވިދާޅުވަމުން އާޒިމް ވިދާޅުވީ، އެކަމުން އިޚްލާސްތެރިކަން އެނގޭކަމަށެވެ. ނަމަވެސް ވަކި މަޤާމެއް ޕީޕީއެމް ލީޑާޝިޕުން ބޭޏުންވެގެން، މަޖިލީހުގައި އަޑުގަދަކޮށް ބަސް ބުނަނީ އަމިއްލަ ފައިދާއަށްކަމަށްވެސް އާޒިމް ތުހުމަތުކުރެއްވިއެވެ.
މާލޭގެ މޭޔަރުކަމަށް ވާދަކުަރައްވާ، އަދި ހިޔާ މަޝްރޫޢުގެ އެންމެ އިސްކޮށް އުޅުއްވި ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒުއަށް ފާޑުވިދާޅުވަމުން ޢަލީ ޢާޒިމް ވިދާލުވީ، "ވަށަފަރު" މީހަކަށް މާލޭގެ ރައްޔިތުންގެ އިހުސާސް ނޭނގޭނެކަމަށެވެ. މާލޭގެ ރައްޔިތުންނަށް ކުރީ ސަރުޚާރުން ބޯހިޔާވަހިކަން ހޯދައި ދީފައި ނުވަނީ ވަށަފަރު މީހަކު ލައިގެން ގަސްތުގައިކަމަށްވެސް އާޒިމް ތުހުމަތުކުރެއްވިއެވެ.
ފާއިތުވި 5 އަހަރު މާލޭގެ ރައްޔިތުންގެ އިހުސާސް ނޭނގޭ "ވަށަފަރު" މީހަކަށް ކަންކަން ހަވާލުކޮށްފައި އޮތުމަކީ އަޅުގަނޑު ދެކޭގޮތުގައި މާލޭގެ ރައްޔިތުންނާ ދޭތެރޭ ހަގީގަތުގައިވެސް އިހުމާލުވުމުގެ ވިސްނުމިގައި ނުވަތަ މާލޭގެ ރައްޔިތުންނށް ކަމެއް ނުކޮށް ދިނުމުގެ ވިސްނުމުގައި ލާފަހުރި މީހެއް. އެތަނަކަށް ލައިގެން މާލޭގެ ކަންކަން ކުރަމުން އެ ގެންދިޔައީ.
– އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ ޢާޒިމް
ހިޔާ މަޝްރޫޢުގެ ދަފްތަރު ކެޓަގަރީގެ ފްލެޓްތައް ޑރ.މުޢިއްޒު ބައެއް މީހުންނަށް ބަހާލީ، މާލޭގައި އެއްގޮތަކަށްވެސް ނޫޅޭ ގިނަމީހުން ބަލައިގެންކަމަށްވެސް ޢާޒިމް ވިދާޅުވިއެވެ. އަދި މިސަރުކާރުން އެ ފްލެޓްތައް ދިނުމުގައި ލަސްތަކެއް ވީވެސް އޭގެ ހައްގުވެރިންނަށް ދިނުމަށްކަމަށާއި، އެކަމުގައި އޮތީ މުޅިންވެސް ކުރީ ސަރުކާރުގެ އިހުމާލުކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
ޢާޒިމް މިހެން ވިދާޅުވެފައިވާއިރު، ހިޔާ މަޝްރޫޢޫގެ ފްލެޓްތައް ލިބޭނެކަމަށް މިސަރުކާރުން ޢާންމުކުރި ދާއިމީ ލިސްޓްގައި ވަނީ، މިސަރުކާރުގެ ގާތް މީހުންނާއި، އޭގެ އެންމެ ހައްގުވެރިން ނޫންކަމަށް ބުނެ ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައެވެ. އަދި ކުރީ ސަރުކާރުން އެއް ކޮޓަރީގެ ފްލެޓްތަކަށް ކުރިމަތި ލާފައިވާ ހުރިހާ މީހުންނަށް އެ ފްލެޓްތައް ދޭނެކަމުގެ ޔަޤީންކަން ދީފައި ވަނިކޮށް މިސަރުކާރުން އެ ފްލެޓްތަކަކީ ވުޖޫދުގައިވެސް ނެތް އެއްޗެއްކަމަށް ބުނެ ވަނީ އެ ކެޓަގަރީތަކުގެ ފޯމްތައް ބާޠިލްކޮށް ފްލެޓް ނުދިނުމަށް ނިންމާފައެވެ. އެކަމާއި ގުޅިގެންވެސް ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް ދަނީ އަމާޒުވެގެންނެވެ.
ކޮމެންޓު ފޮނުވާ