ރައީސްގެ ރިޔާސީ ބަޔާނަށް ޖަވާބުދެއްވުން އަންނަ ބުދަ ދުވަހުގެ ޖަލްސާގައި

ރައީސްގެ ރިޔާސީ ބަޔާނަށް ޖަވާބުދެއްވުން އަންނަ ބުދަ ދުވަހުގެ ޖަލްސާގައި

Author
މުޙައްމަދު ޖިމީ
22 ފެބްރުއަރީ 2021 09:25
0

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވި ރިޔާސީ ބަޔާނަށް ޖަވާބުދެއްވުން އަންނަ ބުދަ ދުވަހުގެ ޖަލްސާގައި އޮންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވުން މަޖިލީހުން ވަގުތުން ދުރަށް ފޮނުވާނެކަމަށެވެ. މަޖިލީހުގެ ރައީސް ވަނީ ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާއިރު، މަޖިލީހުގެ ހުރިހާ މެންބަރުންވެސް މަޑުމައިތިރިކަމާއެކު ތިއްބެވުމަށް އެދިވަޑައިގެންފައެވެ. އަދި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާއިރު، އެ ޖަވާބަށް ވަގުތުން ރައްދު ނުދެއްވުމަށްވެސް މަޖިލީހުގެ ރައީސް އެދިވަޑައިގަތެވެ.

އަޅުގަނޑު އިއްޒަތްތެރި މެންބަރުންނަށް ދަންނަވަން. ރިޔާސީ ބަޔާނަށްޖަވާބު ދެއްވާއިރު އަޅުގަނޑު އިޚްލާސްތެރިކަމާއެކު އެމްޑީޕީ މެންބަރުން ހަނު ތިއްބެވުމަށް އެދެން. މަޑުމައިތިރިކަމަާއެކު، އެދޭ ޖަވާބު ދެއްވާއިރު ވަގުތުން ތިބޭފުޅުން ޖަވާބުު ދެއްވުން މަޖިލީހުގެ ޤަވާއިދުގައި ވަގުތުން ނުވެސްނެތް. ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން ދެއްވިއިރުވެސް ބައެއް ޕީޕީއެމް މެންބަރުންވެސް ޖަވާބު ދެއްވަމުން ގެންދެވި. އެވެސް މަޖިލީހުގެ ޤަވާއިދުގައި ނެތް.

– ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައި ބުނެފައިވާގޮތުން ކޮންމެ އަހަރަކު ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމުން މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނައިން މެންބަރުން ތިއްބެވި ޕާޓީތަކުގެ ފަރާތުން އެ ރިޔާސީ ބަޔާނަށް ޖަވާބު ތައްޔާރުކޮށް އެ ޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި އެ ޖަވާބު އިއްވަވަންވާނެކަމަށެވެ.

މިހާރު މަޖިލީހުގައި މެންބަރުން ތިއްބެވި ގޮތުން ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާނީ ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމެވެ. ސަލީމަށް އެފުރުޞަތު ލިބިވަޑައިގަންނަވަނީ އެމްޑީޕީ ފިޔަވާ އެންމެ ގިނަ މެންބަރުން ތިއްބަވަނީ ޕީޕީއެމްގައި ކަމަށްވާތީއެވެ. މަޖިލީހުގައި ޕީޕިއެމްގެ 6 މެންބަރުން ތިއްބަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.