ހުޅުމާލެ ތަރައްގީ ކުރާނީ ދުޅަހެޔޮ ދިރިއުޅުމަކަށް އަމާޒުކޮށްގެން ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ކުރިއަށްގެންދިޔަ ހުޅުމާލޭ ހުޅަނގުފަރާތުގެ ޖެޓީ މަރާމާތު ކުރުމުގެ މަސައްކަތާއި، ސެންޓްރަލް ޕާކުގެ ދެވަނަ ފިޔަވަހީގެ ބައެއް މަސައްކަތްތަކުގެ ނިމުން ފާހަގަކުރުމަށް އިއްޔެ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާތިފް ވިދާޅުވީ ހުޅުމާލެ ތަރައްގީކުރެވެނީ ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންކުރެވޭ މާހައުލެއްގެ ގޮތުގައި ކަމަށާއި، އެފަދަ ގިނަ ތަންތަން މުސްތަގްބަލުގައިވެސް ތަރައްގީކުރެވޭނެކަމަށެވެ.

ހުޅުމާލެ ތަރައްގީކުރުމުގައި އަބަދުވެސް ރައްޔިތުންނަށް އެންމެ ފައިދާހުރި އަދި ފަސޭހަ ގޮތްތަކަށް އެޗްޑީސީން އިސްކަން ދޭނެކަމަށްވެސް އާތިފް ވިދާޅުވިއެވެ. އަދި ހުޅުމާލެ އަކީ ހަމައެކަނި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން އެކަނި ބޭނުންކުރާ ތަނެއް ނޫންކަމަށާއި ގްރޭޓަރ މާލެ ސަރަހައްދުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުންވެސް ހުޅުމާލޭގެ އާންމުތަންތަން ބޭނުންކުރަމުން ގެންދާކަން އާތިފް ފާހަގަކުރެއްވިއެވެ.
އެހެންކަމުން ހުޅުމާލޭގެ ޖެޓީ އާއި ޕާކްތައް ފަދަ އާންމު ތަންތަން، ޖާގައިގެ ގޮތުން ތަނަވަސް އަދި އާންމުންނަށް ބޭނުންކުރަން ފަސޭހަ ތަންތަނަށް ހެދުމަކީ އެޗްޑީސީގެ އަމާޒެއް ކަމަށް އާތިފް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ